Roadha Mihaaru

އިރުވައިގެ ފުޅަނގި އީދާ އެކު ބޮޑު މަޖާގަނޑެއް

ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމާ އެކު ރަށްރަށުގެ ގޮނޑުދޮށްތައް ފުޅަނގިން ފުރާލަ އެވެ. ވަރަށް ފޯރީގައި ފުޅަނގި ހޮވަން ރަށްރަށުގެ ކުދި ބޮޑު އެންމެން ގޯންޏާއި ތެލި ފަދަ ތަކެތި ހިފައިގެން ނުކުމެ އުޅޭ ތަން ފެނެ އެވެ.

އިރުވައިގެ ފުޅަނގި އީދާ އެކު ބޮޑު މަޖާގަނޑެއް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

28 ޖެނުއަރީ 2025

ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމާ އެކު ރަށްރަށުގެ ގޮނޑުދޮށްތައް ފުޅަނގިން ފުރާލަ އެވެ. ވަރަށް ފޯރީގައި ފުޅަނގި ހޮވަން ރަށްރަށުގެ ކުދި ބޮޑު އެންމެން ގޯންޏާއި ތެލި ފަދަ ތަކެތި ހިފައިގެން ނުކުމެ އުޅޭ ތަން ފެނެ އެވެ.

ބ. ގޮއިދުއަކީ އިރުވައިގެ ފުޅަނގި އީދާ އެކު އެންމެ މަޖާ ނަގަމުން އަންނަ އެއް ރަށެވެ.

އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު ސިޔާން، "މިހާރު" އަށް ވިދާޅުވީ މީގެ ހަފްތާއެއް ކުރިން ފެށިގެން ރަަށަށް ފުރަނގި އަރަން ފަށާފައިވާ ކަމަށާއި މިއީ މި ފަހުގެ ތާރީހެއްގައި އެންމެ ގަދައަށް ފުޅަނގި އަރަމުން އަންނަ ފަހަރު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށުގެ ފުއްޓަރު ފަރާތުން ގިނަ އަދަދެއްގެ ފުޅަނގި އަރަމުން އަންނައިރު 1000-5000 އާ ގާތް ކުރާ އަދަދަކަށް ފުޅަނގި ހޮވައިގެން މީހުން ގެއަށް ގެންދެ އެވެ.

"ކޮންމެ އަހަރަކު ވެސް އަރާ. އެކަމަކު މީހުން ވެސް ބުނަނީ މިހާ ދުވަސްކޮށްފައި ކަމަށް މިހާ ބައިވަރެއް މި އަހަރަނީ. ގާތްގަނޑަކަށް ހަތް ވަރަކަށް އަހަރުވެއްޖެޔޭ މިވަރަށް ނާރާތާ. ހާހުން ދެހާހުން ފަސް ހާހުން ގެއަށް ގެންދާ މީހުން ވެސް އެބަ ހުރި،" އޭނާ ވިދާޅުވި އެވެ.

ސިޔާން ވިދާޅުވީ ފުޅަނގި މޫސުމަކީ އެ ރަށު މީހުން އާންމުކޮށް ވެސް ވަރަށް ތައްޔާރުވާ މޫސުމެއް ކަމަށެވެ. ފުއްޓަރަށް ދާން އޮންނަ މަގުތަކުގައި ގަސް ހެދި، ބެދިފައި އޮންނާތީ މަގުތައް ސާފުކުރުމާއި އެ ސަރަހައްދުގައި މީހުންނަށް ތިބެވޭނެ ގޮތަށް ގޮނޑިތައް ޖަހަ އެވެ.

މިއީ އެރަށުގެ މީހުންނަށް އަންނަ ފޯރިގަދަ އީދެކެވެ.

"ކައުންސިލާއި ޒުވާނުން ގުޅިގެން މަސައްކަތް މިކުރަނީ. ވަރަށް ފޯރީގައި ކުރާ ކަމެއް މިއީ،" އޭނާ ވިދާޅުވި އެވެ.

ގޮއިދޫގެ އިތުރުން ކ. ކާށިދޫ އާއި ލ. އިސްދޫއަށް ވެސް ފުޅަނގި އަރައިގެން އުޅޭ ވީޑިއޯތައް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. މި ރަށްރަށުގައި ވެސް އެކި އުމުރުފުރާގެ މީހުން، ގޮނޑުދޮށަށް އެއްވެ، ފުޅަނގި ހޮވާ މަންޒަރު ފެނެ އެވެ.

އިރުވައި މޫސުން ފެށި، ހަޅަޖަހާ ދުވަސްވަރު ރާއްޖޭގެ ގިނަ ރަށްތަކަށް ފުޅަނގި އަރަ އެވެ. އެގޮތަށް ފުޅަނގި އަރަނީ އާންމު ގޮތެއްގައި މަސްވެރިކަން ރަނގަޅުވެ، ކަންނެއްޔާއި ގޮދާ އައިންތައް އަތޮޅުތެރެއަށް ވަނުމުންނެވެ. އެކަމަކު ރާއްޖޭގެ މަސްވެރިކަމަށް ފަހަކަށް އައިސް ބޮޑެތި ބަދަލުތަކެއް އައިސް، އަތޮޅުތަކުގެ އެތެރެވަރިއަށް މަސްއައިންތައް ވަނުން މަދުވުމުން، ފުޅަނގި އަރާވަރު ވެސް ވަނީ މަދުވެފަ އެވެ.

މެރިން ޖާނަލް މޯލްޑިވްސް އިން ބުނި ގޮތުގައި އިރުވައި މޫސުން ފެށޭއިރު ގިނަ ރަށްތަކަށް ފުޅަނގި އަރާކަމަށް ރިކޯޑު ކުރެވެ އެވެ. މިއީ ބައެއް ރަށްރަށަށް ހުޅަނގު މޫސުމާ ގުޅިގެން ވެސް އަރާ މަހެކެވެ.

ފުޅަނގަކީ މާކަނޑުގައި އުޅޭ މަހެއް ކަމުން ބަދަލުވާ ވަޔާއި އެއިވަރާ އެކު އެ މަސްތައް ރާއްޖެއަށް ވެސް އާދެ އެވެ.

ކުދިބޮޑު އެންމެން ނުކުމެ ފުޅަނގި ހޮވުމަކީ ރަށްރަށް ލިބޭ އުފާވެރި ކަމެކެވެ.