Roadha Mihaaru

ރާއްޖޭގެ ކަނޑުން އާ މަހެއް، ނަމަކަށް ދިނީ ކްރޯމިސް އަބަދަށް!

ދުނިޔޭގައި މިހާތަނަށް ރެކޯޑު ކުރެވިފައި ނުވާ އާ މަހެއް ރާއްޖޭގެ ކަނޑުން ފެނިއްޖެ އެވެ.

ރާއްޖެއިން އާ މަހެއް، ނަމަކަށް ދިނީ ކްރޯމިސް އަބަދަށް
މޫސާ ރަޝީދު
މޫސާ ރަޝީދު

07 ޑިސެމްބަރ 2024

ދުނިޔޭގައި މިހާތަނަށް ރެކޯޑު ކުރެވިފައި ނުވާ އާ މަހެއް ރާއްޖޭގެ ކަނޑުން ފެނިއްޖެ އެވެ.

މެރީން ރިސާޗް އިންސްޓިޓިއުޓް އިން ބުނީ ރާއްޖޭގެ އަށް ސަރަހައްދަކުން އެ މަސް ފެނުނު ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށާއި އެއީ ޅ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ސަރަހައްދު ހިމެނޭ ހެން 180 ކިލޯމީޓަރުގެ ސަރަހައްދަކުން ކަމަށެވެ.

އެހެންވެ މުޅި ރާއްޖޭގެ އެކި ހިސާބުތަކުން އެ މަސް ފެންނާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

އެ މަސް ފެނިފައި ވަނީ 95 މީޓާރާއި 110 މީޓަރާ ދެމެދުގެ ފުންމިނަކުން ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުންނެވެ.

އެ މަހަަށް ދީފައިވާ ސައިންޓިފިކް ނަމަކީ "ކްރޯމިސް އަބަދަށް" ކަމަށް އެ އިންސްޓިޓިއުޓް އިން ބުންޏެވެ. އެއީ 6.9 ސެންޓިމީޓަރަށް ބޮޑުވާ މަހެއް ކަމަށް ވެސް މެރީން ރިސާޗް އިންސްޓިޓިއުޓް އިން ބުންޏެވެ.

ދަލެއް ބޭނުން ކޮށްގެން އޭގެ ހަތަރު މަސް ހިފުމަށޤ ތަހުލީލު ކޮށްފައިވާ ކަމަށް އެ އިންސްޓިޓިއުޓް އިން ބުންޏެވެ.

"ތަހުލީލުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި އެ މަސް މީގެ ކުރިން ދުނިޔޭގެ އެހެން އެއްވެސް ސަރަހައްދަކުން ރެކޯޑް ކުރެވިފައެއް ނުވޭ." އެ އިންސްޓިޓިއުޓް އިން ބުންޏެވެ.