Roadha Mihaaru

ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލަން މުޅި ކޮމިޓީގައި ފިރިހެން މެމްބަރުން ތިބުމުގެ ކަންބޮޑުވުން!

ބްރޯޑްކާސްޓިން ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކުރާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް އަންހެން މެމްބަރަކު ނުހިމަނައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލާތީ އެކަން ހައްލުކޮށްދެއްވަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހުގައި އެދިވަޑައިގެންފި އެވެ.

ފުރައްސާރަ މައްސަލަ ބަލަން ހުސް ފިރިހެން މެމްބަރުން!
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

29 ޖެނުއަރީ 2025

ބްރޯޑްކާސްޓިން ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކުރާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް އަންހެން މެމްބަރަކު ނުހިމަނައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލާތީ އެކަން ހައްލުކޮށްދެއްވަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހުގައި އެދިވަޑައިގެންފި އެވެ.

އަންހެން މުވައްޒަފަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީންގެ މައްޗަށެވެ. އެ މައްސަލައާ ގުޅިގެން ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވި މުވައްޒަފާއި ފަޒީން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ.

މި މައްސަލާގައި "ދެ މީހެއްގެ ޒާތީ ގިނަ މައުލޫމާތުތަކެއް ހިމެނޭތީ" ކަމަށް ބުނެ ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މައްސަލާގައި ހިމެނޭ އަންހެން މުވައްޒަފު ހާޒިރުކޮށް، ސުވާލުކުރީ ކޮމިޓީގައި ހިމެނިވަޑައިގެންނެވި ފިރިހެން މެމްބަރުންނެވެ. އެ ކޮމިޓީގައި ތިއްބަވަނީ ވެސް ހުސް ފިރިހެން މެންބަރުންނެވެ.

މައްސަލައިގެ ބާވަތުން ކޮމިޓީގައި އަމާޒުވި ސުވާލުތަކުން ވިކްޓިމްއަށް ނުތަނަވަސްކަން އުފެދުނު ކަން "މިހާރު"އަށް އެނގިފައިވެ އެވެ.

އެ ސުވާލުތަކަކީ އަނިޔާ ލިބުނު ފަރާތަށް ލިބިދޭން ޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ގެއްލިދާ ފަދަ، "އިންސެންސިޓިވް" ސުވާލުތަކެއް ކަން ވެސް ވަނީ އެނގިފަ އެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލަަތައް ބެލުމުގެ މެންޑޭޓް އޮންނަނީ، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށެވެ. އެކަމަކު އެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަނީ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރެއްގެ މައްޗަށް ތުހުމަތު ކުރެވެމުންނެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން މެމްބަރު ކުޑޫ ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

އޭނާ އެދިވަޑައިގަތީ މިފަދަ މައްސަލަތަކުގެ އިތުރު މައުލޫމާތު ސާފުކޮށް ތަހުގީގުކުރުމުގެ މަރުހަލާގައި އަންހެން މެންބަރުން ޝާމިލްވާނެ ފަދަ ގޮތަކަށް ކުރިއަށް ގެންދިއުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް، ކުޑޫ ފޮނުއްވި ސިޓީގައި ވަނީ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބެލުމުގައި ހަމައެކަނި ފިރިހެން މެންބަރުން ތިއްބެވުމަކީ ފުރައްސާރަ އަމާޒުވެގެން ހާޒިރުކުރެވޭ އަންހެނުންނަށް މައުލޫމާތު ދިނުމާއި ޖަވާބުދާރީވުމަށް ދަތިވާނެ ކަމަށް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ކުޑޫ ވަނީ މި ކަން މަޖިލީހުގައި ތިއްބަވާ ތިން އަންހެން މެންބަރުންގެ ސަމާލުކަމަށް ވެސް ގެނެސްދެއްވައިފަ އެވެ. ވިހި ވަނަ މަޖިލީހުގައި ތިން އަންހެން މެމްބަރުން ތިއްބަވަ އެވެ.

ކޮމިޓީން ބަލަމުން ގެންދާ ފަޒީންގެ މައްސަލާގެ ސުވާލުކުރުމުގެ މަރުހަލާ ނިމިފައިވީނަމަވެސް، އަދި މިހާތަނަށް އެ މައްސަލާގައި ގޮތެއް ނިންމާފައިނުވެ އެވެ. އެ ކޮމިޓީގައި އިންނަވާ މެންބަރަކު ވިދާޅުވީ މައްސަލާގައި ގޮތެއް ނިންމަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 6 އެއްގައި މަޖިލީހުގެ އާ ދައުރު ފެށުމުން ކަމަށެވެ.

ޖިންސީ ފުރައްސާރަ އަމާޒުވި އަންހެން މުވައްޒަފު ވަނީ ފަޒީންގެ މައްސަލަ ފުލުހަށް ވެސް ހުށަހަޅައިފަ އެވެ.

ރާއްޖެ ޓީވީގައި ނޫސްވެރިއަކަށް މަސައްކަތް ކުރި ފަޒީން، ބްރޯޑްކޮމަށް އައްޔަން ކުރީ 2021 ގަ އެވެ. އޭނާ ނައިބު ރައީސަކަށް ހޮވާފައިވަނީ ޖެނުއަރީ، 2023 ގަ އެވެ.