Roadha Mihaaru

ތަކަންދޫގެ އާސާރީ ތަންތަން ހިމާޔަތްކޮށް، ކަލްޗަރަލް ޓޫރިޒަމް ފުޅާކުރަނީ

ހއ. ތަކަންދޫގައި ހުރި އާސާރީ ތަންތަން ހިމާޔަތްކޮށް، ކަލްޗަރަލް ޓޫރިޒަމް ފުޅާކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ތަކަންދޫގައި ކަލްޗަރަލް ޓޫރިޒަމް ފުޅާކުރަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

29 ޖެނުއަރީ 2025

ހއ. ތަކަންދޫގައި ހުރި އާސާރީ ތަންތަން ހިމާޔަތްކޮށް، ކަލްޗަރަލް ޓޫރިޒަމް ފުޅާކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ތަކަންދުއަށް މިއަދު ވަޑައިގެން ވަނީ އެ ރަށުގައި ހުރި އާސާރީ ތަންތަނަށް ޒިޔާރަތްކުރައްވައިފަ އެވެ. ރާއްޖޭގައި ހިރިގަލުގެ މަހާނަގާ އެންމެ ގިނައިން ހުރި ގަބުރުސްތާނު ބައްލަވާލައްވައި އަލިތަކުރުފާނުގެ ޒިޔާރަތް ވެސް ބައްލަވާލެއްވި އެވެ.

ހއ. އަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ތަކަންދުއަށް ވަޑައިގެން އެ ރަށުގެ އާސާރީ ތަންތަން ބައްލަވައިލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ހއ. އަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ތަކަންދުއަށް ވަޑައިގެން އެ ރަށުގެ އާސާރީ ތަންތަން ބައްލަވައިލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ތާރީހީ ގޮތުން ބަލާއިރު ތަކަންދުއަކީ ސަރުކާރުގެ ގައުމިއްޔަތު ތަރައްގީކުރުމުގެ ސިޔާސަތުގެ ތެރޭގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ރަށެއް ކަމަށެވެ.

"ގައުމުގެ ތާރީހު ހިމާޔަތް ކުރުމުގެ ސިޔާސަތަށް ބަލާއިރު ވަރަށް މުހިންމު ކަމެއް ދޭން ޖެހޭ، ޔުނިކް ކަމެއް ލިބިގެންވާ ވަރަށް މަދު ރަށްތަކުގެ ތެރެއިން ހިމެނިގެންވާ ރަށެއް މިއީ. މި ތާރީހީ ތަންތަނަށް ބަޖެޓުން ހަރަދުކޮށް ހަގީގީ އައިޑެންޓިޓީ ހިމާޔަތްކޮށް ކުރިއަށް އޮތް ޖީލަށް ރައްކާތެރިކޮށްދީ، ތާރީހު ދިރާސާކުރާ ކުދިންނާ ރައްޔިތުންނަށް ނަފާ ލިބޭނެގޮތަށް ހިމާޔަތްކުރުމަކީ އަޅުގަނޑުގެ ސިޔާސަތެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތަކަންދޫގެ ތާރީހަށް ގައުމީ ފެންވަރެއްގައި ސަމާލުކަންދޭ ޖެހޭތީ، އެކަން މި ސަރުކާރުގެ ސިޔާސަތުގައި ވެސް ކަނޑައަޅާފައިވާ ކަމަށާއި އެފަދަ ރަށްތަކުގައި ހުރި ތަންތަން ހިމާޔަތްކުރަން ބަޖެޓުގެ ތެރެއިން ހޭދަކުރައްވާނެ ކަމަށެވެ.

ހއ. އަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ތަކަންދުއަށް ވަޑައިގެން އެ ރަށުގެ އާސާރީ ތަންތަން ބައްލަވައިލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ހއ. އަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ތަކަންދުއަށް ވަޑައިގެން އެ ރަށުގެ އާސާރީ ތަންތަން ބައްލަވައިލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އެހެންކަމުން ތާރީހާއި ސަގާފަތަށް ލޯބިކުރާ، ޓޫރިޒަމެއް ތައާރަފް ކުރައްވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ތަކަންދޫގައި ކަލްޗަރަލް ޓޫރިޒަމް ފުޅާ ކުރައްވާނެ ކަމަށެވެ.

"މިފަދަ ތަންތަން ހިމާޔަތްކޮށް، އެ ތަންތަނުގެ ވާހަކަތައް ކިޔައިދެވޭނެ ގޮތަކަށް ކަންކަން ބައްޓަންކުރެވިއްޖެ ނަމަ އެކަން ވެގެންދާނީ، ތާރީހަށް ލޯބިކުރާ ޓޫރިސްޓުންނަށް ލިބޭނެ ބޮޑު ފުރުސަތަކަށް. އެއާ ގުޅުވައި ލޯކަލް ޓޫރިޒަމް ފުޅާވެގެން ގޮސް، ރަނގަޅު އިންވެސްޓްމަންޓަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.

ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ތަކަންދޫގެ ގަބުރުސްތާނަކީ ގާތްގަނޑަކަށް 400 އަހަރު ވެފައިވާ، އާސާރީީ ހިރިގަލުގެ 1722 މަހާނަގާ ފެންނަން ހުރި ތަނެެކެވެ.