Roadha Mihaaru

ކެމްޕޭނުގެ ހުރިހާ ވައުދެއް ފުއްދުމަކީ އަޒުމެއް، އެކަން ކުރާނީ ރައްޔިތުން ބޭނުންވާ ގޮތް އޮޅުންފިލުވައިގެން: ރައީސް

ރިޔާސީ ކެމްޕޭނުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނީ ރައްޔިތުން ބޭނުންވާ ގޮތް އޮޅުންފިލުވައިގެން، ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވައުދު ފުއްދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

29 ޖެނުއަރީ 2025

ރިޔާސީ ކެމްޕޭނުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނީ ރައްޔިތުން ބޭނުންވާ ގޮތް އޮޅުންފިލުވައިގެން، ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅުގެ އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވިދާޅުވީ އެ ރަށަށް ވެފައިވާ ވައުދުތައް ހަނދުމަފުޅުގައި އެބަހުރި ކަމަށެވެ.

އެހެންވެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަކީ އަޒުމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ރަށު ބަނދަރުގެ މައްސަލަ ހައްލުކޮށްދިނުމަށް ރައްޔިތުން އެދިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުން ބޭނުން ނޫން ގޮތަކަށް އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ. އެ ރަށު ބަނދަރުގެ މައްސަލަ ހައްލު ކުރުމަށް ވެސް ގެންގުޅުއްވާނީ ހަމަ އެ ގޮތް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދުވެސް ކަން ކުރާ ގޮތް، ރައްޔިތުން ބޭނުންވާ ގޮތް އޮޅުން ފިލުވައިގެން، އެގޮތަކަށް އެކަން ކޮށް ނިންމައިދެވޭތޯ ބެލުން،" އެމަނިކުފާނު ވިދާޅުވި އެވެ.

އިހަވަންދޫގައި މިއަދު ވަނީ ހަ މަޝްރޫއުއެއް އިފްތިތާހު ކޮށްފަ އެވެ.

އެ ޖަލްސާގައި ވަނީ އިސްލާމިކް ބޭންކުން އިހަވަންދޫގައި އޭޓީއެމްގެ ހިދުމަތް ދިނުމުގެ އެއްބަސްވުމެއްގައި ވެސް ސޮއި ކޮށްފަ އެވެ.

އަދި އިހަވަންދޫގައި ހުންނަ ސިއްހީ މަރުކަޒުގެ ބަދަލުގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަށް އާރްޑީސީއާ ހަވާލު ކުރުމާއި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ފެށުމާއި ފިޝަރީޒް ކޮމްޕްލެކްސް އެއް އެޅުމަށް ވެސް މިއަދު ވަނީ ހަވާލުކޮށްފަ އެވެ.