Roadha Mihaaru

ހަންކެޑެ ބްރިޖް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ

އައްޑޫ ސިޓީގެ ހަންކެޑެ ބްރިޖް އަންނަ ހޮނިހިރު އާންމުންނަށް ހުޅުވާލައި، ބޭނުން ކުރަން ފަށާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހަންކެޑެ ބްރިޖް އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

30 ޖެނުއަރީ 2025

އައްޑޫ ސިޓީގެ ހަންކެޑެ ބްރިޖް އަންނަ ހޮނިހިރު އާންމުންނަށް ހުޅުވާލައި، ބޭނުން ކުރަން ފަށާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓު ފެސިލިޓީގެ ދަށުން ހަދާފައިވާ ޑީޓުއާ ލިންކް ރޯޑު އަންނަ ހޮނިހިރު ދުވަހު އާއްމުންނަށް ހުޅުވާލާނެ ކަމަށެވެ.

އައްޑޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށް ހަދާފައިވާ އެ ބްރިޖު ނުހުޅުވައި ދިގުލައިގެންދާތީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ދާދިފަހުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އޭނާގެ ފޭސްބުކްގައި މިދިޔަ އަންގާރަ ދުވަހު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ކޮންޓްރެކްޓަރު ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމާފައިވާއިރު ބްރިޖު ނުހުޅުވައި ލަސްވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"ބްރިޖު ހުޅުވުމާއި ވީރާނާވެފައިވާ ލިންކްރޯޑް އަލުން ހެދުމާއި ހަންކެޑެ ސަރަހައްދުގައި ހަދާފައިވާ ވަގުތީ ވެލި މަގު މަރާމާތުކުރުމުގެ ޒިންމާ އޮތީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއަށް. މި މަސައްކަތްތަކަކީ އައްޑޫ މަގު ހެދުމުގެ މަސައްކަތުގައި ހިމެނޭ މަސައްކަތްތައް،" ނިޒާރު ވިދާޅުވި އެވެ.

އޭނާ ވަނީ މަސައްކަތްތައް އަވަސްކުރުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ. އަދި އެދެވޭ ޖަވާބެއް ނުލިބޭތީ ކަންބޮޑުވުން ފާޅުކުރައްވާފައިވެ ވެސް ވެ އެވެ.

މިދިޔަ ޖުލައި މަހު އެ ބްރިޖް އާންމުންނަށް ހުޅުވާލާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫގެ ހުރިހާ ރަށެއްގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމާއި މަގުތައް ހެދުމަށް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށް މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ. ދެ އަހަރުގެ ތެރޭގައި ނިންމަން ހަވާލުކުރީ 77.6 މިލިއަން ޑޮލަރު (1.1 ބިލިއަން) ރުފިޔާއަށެވެ.