Roadha Mihaaru

ހުއްޓިފައި ހުރި މަޝްރޫއުތަކުގެ އެއްބަސްވުން ބާތިލްކޮށް އެހެން ބަޔަކާ ހަވާލުކުރަނީ

ކުރީގެ ސަރުކާރުގައި ރަށްރަށުގައި އެކި މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައިވާ ކުންފުނިތަކުން އެ މަޝްރޫއުތައް ކުރިއަށް ނުގެންދާތީ އެއްބަސްވުންތައް ބާތިލުކޮށް އެހެން ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހުއްޓިފައި ހުރި މަޝްރޫއުތައް އެހެން ބަޔަކާ ހަވާލުކުރަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

30 ޖެނުއަރީ 2025

ކުރީގެ ސަރުކާރުގައި ރަށްރަށުގައި އެކި މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައިވާ ކުންފުނިތަކުން އެ މަޝްރޫއުތައް ކުރިއަށް ނުގެންދާތީ އެއްބަސްވުންތައް ބާތިލުކޮށް އެހެން ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހއ. ގެ 10 ރަށަކަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި އުލިގަމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ކުންފުނިތަކަށް މަޝްރޫއުތައް ދީފައި ހުރީ އެކަން ކުރެވޭ ގޮތަށް ނޫން ކަމަަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއް ކުންފުންޏަކަށް 21 މަޝްރޫއު ދީފައި އެބަ ހުއްޓެވެ. އެ އެއްބަސްވުމާ އެކު އެޑްވާންސް ފައިސާ ދައްކާފައި އޮތަސް އެއިން އެއްވެސް ރަށެއްގައި މަޝްރޫއު ކުރިއަށް ނުދާ ކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އުލިގަމަށް ވަޑައިގަތުން ރައްޔިތުން މަރުހަބާ ދަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އުލިގަމަށް ވަޑައިގަތުން ރައްޔިތުން މަރުހަބާ ދަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާއާ ގުޅޭ އެކި މަޝްރޫއުތައް ވެސް ދީފައި ހުރީ އެގޮތަށް ކަމަށް ރައީސް ވިދާޅުވެ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޝްރޫއުތައް ހަވާލުކުރިޔަސް އެކަމަށް ބޭނުންވާ ބަޖެޓު މިިދިޔަ އަހަރު ހިމަނާފައި ނުވާތީ މަޝްރޫއުތައް ކުރިއަށް ނުގެންދެވެ އެވެެ. އަދި އެ މަޝްރޫއުތައް ހަވާލުކޮށްފައި ހުރީ ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް ކަމަށާއި އެކަން ކޮށްފައި ހުރީ އެއްގޮތަކަށް މަޝްރޫއު ކުރިއަށް ގެންދެވޭ ގޮތަށް ނޫން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މީގެ ކުރިން ވަޑައިގެންނެވި ބައެއް އަތޮޅުތަކުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ވެސް ހުއްޓިފައި އޮތީ އެގޮތަށް ހަވާލުކުރުމުގެ ސަބަބުން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އުލިގަމުގައި. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އުލިގަމުގައި. -- ފޮޓޯ | ރައީސް އޮފީސް

އެެހެންވެ، އެއްބަސްވުންތައް ބާތިލުކޮށް ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކުންފުނިތަކާ ހަވާލުކޮށްގެން އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް ވިދާޅުވި އެވެ.

"ހަމަ ކޮންމެ ރަށެއްގައި ވެސް އެއް މައްސަލައެއް ދިމާވެފައި ހުއްޓިފައި ހުރީ. އެހެންވީމަ އެގްރީމެންޓްތަކެއް ޓާމިނޭޓްކޮށް އެކި ކުންފުނިތަކަށް، ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކުންފުނިތައް މެދުވެރިކޮށް ރީސްޓާޓްކުރުމުގެ މަސައްކަތް މިދިޔަ ހަފްތާ، މި ހަފްތާ އަދި ކުރިއަށް އޮތް ހަފްތާތަކުގައި ނިމި އަމަލީ ގޮތުން މޮބިލައިޒްވެފައި އޮތް ކުންފުންޏަކާ ހަވާލުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއުތައް އަންނަ މަހުގެ ތެރޭގައި އަލުން ފެށޭ ވަރު ވާނެ އެވެ.