އެކި މިނިސްޓްރީތަކުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމި ނިންމުން އެނާޓީ ޖެނަރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
02 ފެބުރުއަރީ 2025
އެކި މިނިސްޓްރީތަކުން ވަކިކުރި ކަމަށް ސަރުކާރުން ބުނާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމި ނިންމުން އެނާޓީ ޖެނަރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
އިގުތިސާދު ރިފޯމް އެޖެންޑާގެ ތެރެެއިން އެކި މިނިސްޓްރީތަކުން 228 މުވައްޒަފަކު ވަކިކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 15 ގައި އިއުލާން ކުރައްވައިފަ އެވެ. އެކަމަށް ކަނޑައެޅި މުއްދަތު ހަމަވިއިރު 248 ސިޔާސީ މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވި އެވެ.
އެކަމަކު، އެ މުވައްޒަފުން ވަކިކުރީ ކޮން މިނިސްޓްރީތަކަކުން ކަމާއި ވަކިކުރީ ކޮން ބައެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އެ މައުލޫމާތު ހޯދަން "މިހާރު" އާއި އެހެން ބައެއް ފަރާތްތަކުން ހުށަހެޅުމުން އައިކޮމުން ވަނީ މައުލޫމާތު ދޭން ރައީސް އޮފީހަށް އަންގައިފަ އެވެ.
ނަމަވެސް ހައި ކޯޓުގެ ވެބްސައިޓުން އެނގޭ ގޮތުން އައިކޮމްގެ އެ ނިންމުން އިސްތިއުނާފު ކުރުމަށް އެޓާނީ ޖެނަރަލްގެ އޮފީހުން ވަނީ މިދިޔަ އާދީއްތަ ދުވަހު އެ ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
އެ މައުލޫމާތުތައް ހޯދަން އެދުމުން ރައީސް އޮފީހުން ފޮނުވި ޖަވާބުގައި ބުނެފައި ވަނީ ވަކިކުރި މުވައްޒަފުންގެ ނަމަކީ ސުޕްރީމް ކޯޓުގެ ހުކުމެއްގައި ބަޔާންކޮށްފައިވާ ފަދައިން ގާނޫނުއަސާސީގެ 24 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ ހައްގުގެ ތެރޭގައި ހިމެނޭ ޒާތީ މައުލޫމާތެއް ކަމަށެވެ.
އެހެންވެ، އެއީ ދޫކުރެެވެން ނެތް މައުލޫމާތެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
އެ އޮފީހުން ބުނީ ވަކިކުރި މުވައްޒަފުން މަސައްކަތް ކުރި މިނިސްޓްރީތަކުގެ ނަންތަކާއި މަގާމާއި ވަނަވަރު ހާމަކޮށްފި ނަމަ އެ މީހުންގެ ޒާތީ މައުލޫމާތުތަކެއް ހާމަވެދާނެ ކަމަށެވެ. ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު އެ ފަރާތެއްގެ ރުހުމެއް ނެތި ހާމަނުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާތީ، އެ މައުލޫމާތު ވެސް ދެވެން ނެތް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ހުކުމަކަށް ރިއާޔަތްކޮށް ރައީސް އޮފީހުން މުވައްޒަފުންގެ ނަންތައް ހިފަހައްޓާފައިވާއިރު، މީގެ ކުރިން ބައެއް މިނިސްޓްރީތަކުން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ސިޔާސީ މުވައްޒަފުންގެ ހުރިހާ ތަފްސީލެއް ހާމަކޮށްފަ އެވެ.
ރައީސް ކުރިން ވިދާޅުވި ގޮތުގައި ވަކިކުރާ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓު މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ. އެ މީހުން ވަކި ކުރުމުން ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަނަށް ވުރެ ގިނަ ފައިސާ ސަލާމަތް ކުރެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
މީގެ ކުރިން ސަރުކާރުގެ އެކި އިދާރާތަކުން "މިހާރު" އާ ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 1،400 އަށް ވުރެ ގިނަ އެވެ.
ސިޔާސީ މުވައްޒަފުންގެ މައްސަލަ އަނބުރާ ނަގައިފި
ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައްސަލަ ބަލައިގެންފި
ސިޔާސީ މުވައްޒަފުންގެ މައުލޫމާތުގެ މައްސަލަ ކޯޓަށް
މައުލޫމާތު ނުދޭން ސަބަބު ދައްކަނީ ދޮށި އުކާ އުސޫލުން
އައިިކޮމްގެ ނިންމުން ނުބަލަން ކުރި ހުކުމް އިސްތިއުނާފަށް
އައިކޮމް ނިންމުންތައް ނުބަލަންކުރި ހުކުމް އިސްތިއުނާފަށް
ޒަކީގެ ޕާސްޕޯޓާ ގުޅޭ އަމުރު ފަސް އަހަރު ފަހުން ބާތިލްް
އަމާންކަން ގެއްލޭ ވާހަކަތަކުގެ މައްސަލަ ދޫކޮށްލައިފި
އައިކޮމްގެ ނިންމުންތައް ސުޕްރީމް ކޯޓަށް ނުބެލޭނެ:މަހާޒު
ވަކިކުރި ސިޔާސީމުވައްޒަފުންގެ ނަން ހާމަކުރަން އަންގައިިފި