Roadha Mihaaru

ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ގުޅޭ އުސޫލުތައް ކަނޑައަޅަނީ

ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ގުޅޭ އިންގިލާބީ ބަދަލަކަށް ދިއުމަށް އެކަމާ ގުޅޭ ގޮތުން ހަދަންޖެހޭ އުސޫލުތައް ކަނޑައެޅުމަށް ނިންމައިފި އެވެ.

ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ގުޅޭ އުސޫލުތައް ކަނޑައަޅަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

02 ފެބުރުއަރީ 2025

ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ގުޅޭ އިންގިލާބީ ބަދަލަކަށް ދިއުމަށް އެކަމާ ގުޅޭ ގޮތުން ހަދަންޖެހޭ އުސޫލުތައް ކަނޑައެޅުމަށް ނިންމައިފި އެވެ.

ރައީސް އެގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

ރައީސް އޮފީހުގައި ހެނދުނު އޮތް އެ ބައްދަލުކުރެއްވުމުގައި ވަނީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އައިސީޓީ ދާއިރާގެ ހިއްސާ މަތިކުރުމާއި ޑިޖިޓަލް އިކޮނޮމީގެ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމާއި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދަތުރު މިހާރަށް ވުރެ ހަލުވި ދުވެލީގައި ހާސިލުކުރަން މަޝްވަރާކޮށްފަ އެވެ.

އެ އޮފީހުން ބުނި ގޮތުގައި އައިސީޓީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުގެ ޓެކްނޮލޮޖީގެ އަލީގައި ދައުލަތުގެ ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތްތައް ކުރުމަށް ވަނީ ނިންމައިފަ އެވެ.

ވަޒީރުންގެ މަޖިލީހުން ނިންމީ ގައުމީ ފެންވަރުގައި ހިންގާ ޑިޖިޓަލް ޓްރާންސްފޮމޭޝަނުގެ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ ގާނޫނުތަކާއި އޮނިގަނޑު ފުރިހަމަކުރުމާއި އިގްތިސާދެއް ބިނާކުރުމަށް ފަހި އިދާރީ ހިންގުމުގެ އޮނިގަނޑެއް އައިސީޓީ ސެކްޓާގައި ގާއިމުކުރުމަށެވެ.

ސަރުކާރުގެ އިދާރާތަކުގެ މެދުގައި މައުލޫމާތު ފަސޭހަކަމާ އެކު ހިއްސާކުރެވޭނެ "އިންޓަ އޮޕަރަބަލް އޯޕަން ޑޭޓާ ޝެއަރިންގ ޕްލެޓްފޯމެއް" ގާއިމުކުރުމަށާއި އެކަމަށް މަގުފަހިކުރުމަށް ދަފްތަރުތަކާއި ރަޖިސްޓްރީތައް އެކުލަވާލައި އެކަން ބަލަހައްޓާނެ އިދާރާއެއް ކަނޑައެޅުމަށެވެ.

ރައީސް އޮފީހުން ބުނީ ސިޓިޒަން ސެންޓްރިކް ހިދުމަތާއި އީ-ގަވަރންމަންޓްގެ ނިޒާމު ހަރުދަނާކުރުމަށް ގައުމީ ފެންވަރުގައި އޮޕަރޭޓްކުރާ ސެންޓްރަލް ޕްލެޓްފޯމްތައް ހެދުމާއި އީ-ގަވަރމަންޓް ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ދައުލަތުގެ ހުރިހާ އިދާރަތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ވެސް މަޝްވަރާކުރެވުނު ކަމަށެވެ.

ކުރުމަށް ރޭވުނު އިތުރު ކަންކަން:

- ދައުލަތުގެ އިދާރާތަކުގައި އެއްކުރެވިފައިވާ މައުލޫމާތާއި ޑޭޓާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ނޭޝަނަލް ސޮވަރިން ކްލައުޑް ގާއިމުކުރުމާއި ޑޭޓާ ސެންޓަރުގެ ވަސީލަތްތައް ފުޅާކުރުމާއި ޑިޖިޓަލް އާކައިވްގެ ނިޒާމު ހަރުދަނާކުރުން.

- އީ-ފާސް، އިލެކްޓްރޯނިކް އައިޑެންޓިފިކޭޝަން ނިޒާމުގެ ގޮތުގައި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތަށް ހެދުމާއި، ޑިޖިޓަލް ސިގްނޭޗާ ބޭނުންކުރަން ފެށުން.

- ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ފައްކާވެފައިވާ މަސައްކަތުގެ އާބާދީއެއް ބިނާކުރުމަށް ސްކޫލް ކަރިކިއުލަމްގައި ޓެކްނޯލޮޖީއަށް އަހުލުވެރިކުރުވާ އެކަޑަމިކް ކޮންޓެންޓް އިތުރުކޮށް، މަސައްކަތްތެރިންގެ އާބާދީ އާ ޓެކްނޯލޮޖީގެ ދާއިރާއިން ތަމްރީންކޮށް، އެ ދާއިރާގެ ރިސާޗް، ޑިވެލޮޕްމަންޓް އަދި އިނޮވޭޝަންގެ މަސައްކަތްތައް ކުރިއެރުވުމަށް ހާއްސަ ފަންޑެއް އުފައްދައި ތަމްރީނާއި ތަހުލީލުގެ މަސައްކަތްތައް ފުޅާކުރުމަށް ފުރުސަތު ފަހިކޮށްދިނުން.

- އައިސީޓީ އަދި އެހެނިހެން ޓެކްނޯލޮޖީގެ ހިދުމަތްތައް ސަރުކާރުގެ ބޭނުންތަކަށް ހޯދުމުގައި ދިވެހިންނަށް އިސްކަން ދިނުން ނުވަތަ 'ލޯކަލް ފަސްޓް' ސިޔާސަތަށް އަމަލަކުރަން ނިންމުން.

- ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ރިސާޗް ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރުން.

ރައީސް އޮފީހުން ބުނީ އެކަންކަން ކުރުމަށް ޓައިމްލައިންތައް ކަނޑައަޅައި އެ ލަނޑުދަނޑިއަށް ވާސިލުވާނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށެވެ.

އެސްޓޯނިއާގެ ރައީސް ރައީސް އަލާރް ކަރިސްގެ ދައުވަތަކަށް މިދިޔަ މަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ ޑިޖިޓަލް ކެޕޭސިޓީ ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރައްވައިފަ އެވެ.

ރާއްޖޭގެ ޑިޖިޓަލް ނިޒާމު ކުރިއެރުވުމުގައި އެހީތެރިކަން ދިނުމުގެ ޝައުގުވެރިކަން އެ ގައުމުގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލުން ވެސް ދީފައިވެ އެވެ.

އެސްޓޯނިއާގެ ޑިޖިޓަލް ޝޮސައިޓީ އަދި އީ-ގަވަނަންސްގެ އާ އީޖާދުތަކާއި އީ-ރެސިޑެންސީ އާއި ޑިޖިޓަލް އައިޑީކާޑާއި އީ-ޓެކްސޭޝަނާއި އެކްސް ރޯޑު ސިސްޓަމްތަކުގެ ތެރެއިން ރައްކާތެރި ޑޭޓާ ބަދަލުކުރުން ފަދަ ކަންކަމުން ހޯދާފައިވާ ކާމިޔާބީތައް އީ-އެސްޓޯނިއާ ބްރީފިން ސެންޓަރުގެ ޕްރެޒެންޓޭޝަންގައި ވަނީ ދިވެހި ސަރުކާރަށް ދައްކާލައިފަ އެވެ.