Roadha Mihaaru

އެންސްޕާ ހިންގާނެ އިމާރާތެއް ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އޮފީހެއް ހޯދަން ފިނޭންސް މިނިސްޓްރީން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.

އެންސްޕާއަށް އިމާރާތެއް ހޯދަން އަނެއްކާ އިއުލާންކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

04 ފެބުރުއަރީ 2025

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގާނެ އޮފީހެއް ހޯދަން ފިނޭންސް މިނިސްޓްރީން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ފަސް އަހަރުގެ މުއްދަތަކަށް އެންސްޕާގެ އޮފީސް ހިންގާނެ އިމާރާތެއް ހޯދަން ބޭނުންވާ ކަމަށާއި އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ މަސައްކަތަށް ޝަރުތު ހަމަވާ ފަރާތެއް ކަނޑައަޅާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގެ ދަށުން ކަމަށް އިއުލާނުގައި ވެ އެވެ.

އެ ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 252،000ރ. ހުށަހަޅަން ޖެހެ އެވެ.

ޕްރޮޖެކްޓްގެ ބިޑު ހުށަހަޅަން ޖެހޭނީ މި މަހުގެ 16 ވަނަ ދުވަހު މެންދުރު 1:00 ގެ ކުރިންނެވެ. ބިޑު ހުޅުވާނީ ޖެހިގެން އަންނަ 17 ވަނަ ދުވަހު އެވެ.

އެންސްޕާ ހިންގާނެ އިމާރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އަނެއްކާވެސް އިއުލާން ކުރިއިރު، އެންސްޕާ އިން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް އޮފީސް އިމާރާތެއް ހޯދަން އިއުލާނުކޮށްފަ އެވެ.

އެންސްޕާ ހިންގަން ތިން ފްލޯ އޭރު ކުއްޔަށް ނެގީ ކުރީގެ މިނިސްޓަރު އަހުމަދު ތަސްމީން އަލީގެ އާއިލީ ގެ ކަމަށްވާ މއ. ސީރާޒީ ގެއިންނެވެ. އެކަމަކު އެެއީ އެމްއެމްޓީވީ ހިންގާ މޯލްޑިވްސް މީޑިއާ ހައުސް އިން ދިގު މުއްދަތަކަށް އެގެއިން ކުއްޔަށް ނަގާފައިވާ ފްލޯތަކުގެ ތެރެއިން ތިން ފްލޯ އެވެ.

އެ މައްސަލާގައި ފާޑުކިޔުން އަމާޒުވީ އެންސްޕާ ހިންގުމަށްޓަކައި ތަނެއް ހޯދަން ފިނޭންސް މިނިސްޓްރީގެ ޓެންޑަ ބޯޑުން އިއުލާން ކުރުމުން އެކަމަށް ކުރިމަތިލި ހަމައެކަނި ކުންފުނި ކަމަށްވާ މޯލްޑިވްސް މީޑިއާ ހައުސް އިން ކުއްޔަށް ދޫކުރާ ތަނެއްގައި އެންސްޕާ ޓެންޑަ ބޯޑުން ނިންމުމުންނެވެ.

އެ ގޭގައި އެންސްޕާ ހިންގަން މިދިޔަ އޮގަސްޓް މަހު އެވޯޑްކުރީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތަށް އެތަނުގެ ކުއްޔަކީ 34.8 މިލިއަން ރުފިޔާ އެވެ.

އެކަމަކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި މައްސަލާގައި އެންމެ ފަހުން އެއްބަސްވުން ބާތިލުކުރީ އެވެ.

އެންސްޕާ މިހާރު ހިންގަމުން އަންނަނީ "މޫކައި ސުއިޓްސް" ގަ އެވެ. އެކަމަކު އެ އިމާރާތް ވަރަށް ބޮޑަށް ބާވެ، މަރާމާތު ކުރަން ޖެހޭތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެތަނުން ނުކުންނަން ޖެހޭ ކަމަށް އެންސްޕާ އިން ކުރިން ބުނެފައި ވެ އެވެ.