Roadha Mihaaru

ޣައްޒާއިން މީހުން ބޭލުމަކީ ނަސްލު ނައްތާލުން: އދ

އެމެރިކާއިން ފަލަސްތީނުގެ ޣައްޒާގެ ކޮންޓްރޯލް ނަގައި އެތަނުން އެންމެން ނެރުމަކީ ނަސްލު ނައްތާލުން ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހުށަހެޅުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ދެކޮޅުހައްދަވައިފި އެވެ.

ޣައްޒާއިން މީހުން ބޭލުމަކީ ނަސްލު ނައްތާލުން: އދ

އެމެރިކާއިން ފަލަސްތީނުގެ ޣައްޒާގެ ކޮންޓްރޯލް ނަގައި އެތަނުން އެންމެން ނެރުމަކީ ނަސްލު ނައްތާލުން ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހުށަހެޅުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ދެކޮޅުހައްދަވައިފި އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ވައިޓް ހައުސްގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ އެމެރިކާއިން ޣައްޒާގެ "މިލްކުވެރިކަން" ދިގު މުއްދަތަކަށް ނަގައި މީހުން ބާލައި ހިތްގައިމު ތަނެއްގެ ގޮތުގައި ތަރައްގީކުރާނީ ކަމަށް ވިދާޅުވެފަ އެވެ. މިހާރު އެއީ އިންސާނުން ދިރިއުޅެންވާ ވަރުގެ ތަނެއް ނޫން ކަމަށާއި ރައްކާތެރިކަމެއް ވެސް ނެތް ކަމަށް، ޣައްޒާ ސުންނާފަތިކުރި އިޒްރޭލުގެ ބޮޑުވަޒީރާ އެކު، ބޭއްވި ޕްރެސްގައި ވިދާޅުވި އެވެ.

ޓްރަމްޕް މި ވާހަކަ ދެއްކެވީ ޣައްޒާގެ އާންމުން މިސްރާއި ޖޯޑަން އަށް ގެންދިއުމަށް އެ ގައުމުތަކުގެ ވެރިންނާ ވާހަކަ ދައްކަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވާތާ ދުވަސްކޮޅެއް ފަހުންނެވެ. ނަމަވެސް އެ ގައުމުތަކުން ވަނީ މާ ކުރިން ވެސް އެކަމަށް އިންކާރުކޮށްފަ އެވެ.

"ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ އަމިއްލަ ބިމުގައި އިންސާނުންގެ ގޮތުގައި ދިރިއުޅުމަކީ އެ މީހުންގެ ކިބައިން ނިގުޅައިނުގަނެވޭނެ އެންމެ އަސާސީ ހައްގު،" ފަލަސްތީނު ރައްޔިތުންގެ ހައްގުތަކާ ގުޅޭ ކަންކަން ހަވާލުވެފައިވާ ކޮމިޓީގައި ދެއްވި ތަގުރީރުގައި ގުޓަރެސް ވިދާޅުވި އެވެ.

"އެކަމަކު ފެންނަމުން މި ދަނީ އެ ހައްގުތައް ވެސް އަތްނުފޯރާ ފަށަށް ބީވެގެން ދާ މަންޒަރު،" އޭނާ އިތުރަށް ވިދާޅުވި އެވެ.

"ފެނުނީ ތަނެއްގެ ހުރިހާ ރައްޔިތުންގެ އިންސާނީ ކަރާމާތް ނަގާލައި އެއީ ވިޔާނުދާ ބައެއްގެ ގޮތުގައި ދައްކާ މަންޒަރު."

ގުޓަރެސް ވިދާޅުވީ ފަލަސްތީނުގެ ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާ ދިފާއުކޮށް ވާހަކަ ދެއްކޭނެ ހަމައެއް ނޯންނާނެ ކަމަށާއި ހަމަ އެގޮތަށް އޭގެ ބަދަލުގައި އިޒްރޭލުން ޣައްޒާ ބިމާ ހަމަކޮށް ރައްޔިތުންނަށް ކުރިމަތިކުރި ބަޔާންނުކުރެވޭ ބިރުވެރިކަމަކީ ވެސް ދިފާއުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޓްރަމްޕްގެ ހުށަހެޅުއްވުމާ ބެހޭ ގޮތުން އދ.ގެ ތަރުޖަމާނު ސްޓެފަން ޑުޖާރިކް ވަކިން ސުވާލު ކުރެއްވުމުން ވިދާޅުވީ "މަޖުބޫރުން މީހުން ބަދަލުކުރުމަކީ ނަސްލު ނައްތާލުން" ކަމަށެވެ.

"ބައިނަލްއަގުވާމީ ގާނޫނުތަކުގެ އެންމެ އަސާސީ ކަންކަމަށް ތެދުވެރިކަމާ އެކު އަމަލުކުރުން ވަރަށް މުހިންމު. ނަސްލު ނައްތާލުމުގެ އަމަލުތަކާ ދުރުހެލިވާންޖެހޭ."

ޣައްޒާއިން ފަލަސްތީނުގެ ރައްޔިތުން ބޭލުމުގެ ވާހަކައަށް ގައުމުތަކުން ދެކޮޅު ހަދައި އެ ވާހަކަ ކުށްވެރިކުރަން ފެށުމާ އެކު އެމެރިކާ ސަރުކާރުން ވަނީ ޓްރަމްޕް ދެއްކެވި ވާހަކަތަކުގެ ރާގު ބަދަލުކުރުމަށް މަސައްކަތްކޮށްފަ އެވެ. ޓްރަމްޕް ދެއްކެވީ ޣައްޒާ ބިނާކޮށް ނިމެންދެން ވަގުތީ ގޮތުން އެތަނުން މީހުން ނެރޭ ވާހަކަ ކަމަށާއި އެމެރިކާ ސިފައިން ފޮނުވުމުގެ ވާހަކައެއް ވެސް ނުދައްކަވާ ކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވި އެވެ.