ކައިވެންޏަށް މާ ގިނަ ދުވަހެއް ނުވެ، އެ ދެމަފިރިން ބޭނުންވީ ދައުލަތުން ބަލަހައްޓަމުން ދިޔަ، އެ ތަނުން އެކެއްގެ އާއިލީ ގުޅުން އޮތް ކުއްޖަކު އަނބުރާ ހޯދާށެވެ. ލޭގެ ގުޅުން އޮތުމުން ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަށް ހުށަހަޅައިގެން މާ ގިނަ ދުވަހެއް ނުވެ އެ ހުރިހާ ކަމެއް ހަމަޖެހިއްޖެ އެވެ. އެއްމާބަނޑު ދެ ކުދިންނާ އެކު ކުޑަކުޑަ އެ އާއިލާ އަށް މިހާރު މާ ބޮޑު ދިރުމެއް އަތުވެއްޖެ އެވެ.
09 ފެބުރުއަރީ 2025
ކައިވެންޏަށް މާ ގިނަ ދުވަހެއް ނުވެ، އެ ދެމަފިރިން ބޭނުންވީ ދައުލަތުން ބަލަހައްޓަމުން ދިޔަ، އެ ތަނުން އެކެއްގެ އާއިލީ ގުޅުން އޮތް ކުއްޖަކު އަނބުރާ ހޯދާށެވެ. ލޭގެ ގުޅުން އޮތުމުން ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަށް ހުށަހަޅައިގެން މާ ގިނަ ދުވަހެއް ނުވެ އެ ހުރިހާ ކަމެއް ހަމަޖެހިއްޖެ އެވެ. އެއްމާބަނޑު ދެ ކުދިންނާ އެކު ކުޑަކުޑަ އެ އާއިލާ އަށް މިހާރު މާ ބޮޑު ދިރުމެއް އަތުވެއްޖެ އެވެ.
އެފަދަ އެހެން ހާދިސާއެކެވެ.
ފުރަތަމަ ދަރިފުޅަށް ފަހު އިތުރު ކުއްޖެއް ލިބޭތޯ ވަރަށް މަސައްކަތް ކުރި އެވެ. އެކަމަކު، އެ ނަސީބު ނެތީ ކަމަށް ބަލައި މިނިސްޓްރީ އަށް ހުށަހަޅައިގެން، އަހަރު ދުވަހުގެ ޕްރޮސެސްއަކަށް ފަހު ކުއްޖެއްގެ ބެލެނިވެރިކަން ހޯދި އެވެ. ދެ ވަނަ ދަރިފުޅަށް ބަލިވެއިންކަން އެނގުނީ އޭގެ ފަހުންނެވެ. އެ ދެމަފިރިންގެ އާއިލާ އިން އެ ކުއްޖާ ބަލައިގަތީ އަމިއްލަ ދަރިއެއްގެ ގޮތުގަ އެވެ.
ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކި އެ އަންހެން މީހާ ބުނީ، ކުޑަކުދިންގެ ހިޔާއިން ކުއްޖަކު ހޯދައިގެން ބަލަން ފެށި ފަހުން އޭނާގެ ދިރިއުޅުމަށް ހެޔޮ، ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ކަންކަމާ މެދު ވީހާ ވެސް ރަނގަޅަށް ވިސްނައި، ހެއްދެވި ފަރާތާ މެދު އޮންނަ ގުޅުން އެތައް ގުނައަކުން އިތުރުވެފައިވާ ކަމަށެވެ.
"ފޮސްޓަރިންއަކީ ވަރަށް ސަޅި އަދި ވަރަށް ކެތްތެރިކަން ވެސް ބޭނުންވާ ކަމެއް،" ނަން ނުޖަހަން ޝަރުތުކޮށް ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.
އަންހެން ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ހޯދައި، އާއްމުންގެ ތެރެއަށް އެ ދަރިފުޅު ނެރުމާ އެކު، އޭނާ އަށް އެނގުނީ، ދައުލަތުން ބަލަހައްޓާ ކުދިންނާ މެދު މުޖުތަމައުގެ ވިސްނުން ކޮށި ކަމެވެ. އެ ބަދަލު ގެންނަން ތައްޔާރު ނުވާ ކަމެވެ. އެކަން މި ފަހަރު އެ އާއިލާ އިން ވަރަށް ހިތިކޮށް ތަޖުރިބާ ވެސް ކޮށްފި އެވެ.
"އަމިއްލަ ސްކޫލުތަކުގައި، އެއްބަނޑުއެއްބަފާ ކުއްޖަކު ކިޔަވަންޏާ ޖާގަ ހޯދަން ފަސޭހަވާނެ. އެކަމަކު، އަޅުގަނޑަށް އުނދަގޫވި ސްކޫލުން ޖާގަ ހޯދަން އެޑޮޕްޓް ކޮށްފައި ހުރީމާ،" އޭނާ ބުންޏެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް އާއްމުކޮށް ކުދިން ނަގަނީ މައިންބަފައިން/އާއިލާ އިން ނުބަލާ ދޫކޮށްލުމުން ނުވަތަ އިހުމާލުވުމުގެ މައްސަލަތަކާ ހެދި އެވެ. އެފަދަ ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދީފައި ނެތުމުން އާއްމުންގެ ތެރެއަށް ނުކުމެ އުޅެން ފުރަތަމަ ދުވަސްކޮޅު އުނދަގޫވެ އެވެ. އެކަމަކު، ތެރަޕީތައް ދީގެން އާއްމު ހާލަތަށް ގިނަ ފަހަރު ބަދަލުވެ އެވެ.
ނަމަވެސް، ރާއްޖޭގައި އެ ފަރުވާތައް ހޯދަން އެފަދަ ބެލެނިވެރިންނަށް އުނދަގޫވެ އެވެ. ޖެންޑާ މިނިސްޓްރީން އެހީތެރިކަން ދީގެން ވެސް ތެރަޕީއަށް އެޕޮއިންޓްމަންޓް ހޯދަން ފަސޭހައެއް ނޫނެވެ.
"އަޅުގަނޑު އެ ދަރިފުޅު ދެކެނީ ސުވަރުގެ ވަނުމަށް އޮތް މަގެއްގެ ގޮތުގައި. ޔަތީމު ކުއްޖަކަށް އަޅާލުމަކީ ވަރަށް ބޮޑު ހެޔޮ ކަމެއް،" އޭނާ ބުންޏެވެ.
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ ސީނިއާ ޗައިލްޑް ޕްރޮޓެކްޝަން އޮފިސަރު އައިޝަތު އަމާނީ ވިދާޅުވީ ދައުލަތުގެ ބެލުމުގައި ދަށުގައި ތިބޭ ކުދިންގެ ބެލެނިވެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ އަދަދު ފާއިތުވި ދެ ތިން އަހަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
ތަފާތު އެކި މައްސަލަތަކާ ހެދި ދައުލަތަށް ނަގާ ކުދިން، ހަތަރު ފާރުގެ ތެރޭގައި ބަންދުކޮށްގެން ގެންގުޅުމަކީ މިނިސްޓްރީގެ އުސޫލަކަށް ނުވާތީ، އެ ކުދިންނާ ހަވާލުވާން އެދޭ އާއިލާތައް ގިނަވުމަކީ ވަރަށް ބޮޑު އުފަލެއްކަން އަމާނީ ފާހަގަކުރެއްވި އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ހަވާލުކުރާ މައިގަނޑު ތިން ގޮތެއް އޮވެ އެވެ. އެއީ؛
- ރީ-އިންޓަގްރޭޝަން ނުވަތަ އާއިލީ ގުޅުން އޮންނަ ބަޔަކާ ހަވާލުކުރުން.
- ވަގުތީ ފޮސްޓަރިން.
- ދާއިމީ ފޮސްޓަރިން.
ދާއިމީ ފޯސްޓަރިން ނުވަތަ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަމަށް އެދި މިނިސްޓްރީގެ ވެބްސައިޓުން ފޯމު ފުރިހަމަކޮށް، އެކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ހުށަހަޅަން ޖެހެ އެވެ. ކައިވެނީގެ ސެޓްފިކެޓާއި ކުއްޔަށް އުޅޭ ނަމަ އެއްބަސްވުމާއި އަމިއްލަ ގެ ނަމަ ގޯތީގެ ރަޖިސްޓަރީ އާއި ދެމަފިރިންގެ ތައުލީމީ ސެޓްފިކެޓާއި ވަޒީފާގެ ލިޔުމާއި އާމްދަނީ ލިބޭ ލިޔުންތައް ހިމެނެ އެވެ.
އެ ފޯމުގެ އިތުރުން ދައުލަތުގައި ތިބި ކުދިން ފޯސްޓާ ކުރަން އެދޭ މީހުންގެ ސިއްހީ މައުލޫމާތު ހުށަހަޅަންޖެހެ އެވެ. ސިއްހީ އެއްވެސް މައްސަލައެއް ހުރިތޯ ބަލަން މެޑިކަލް ޓެސްޓުތަކެއް ހަދައި، އެއީ ފޮސްޓާ ކުރަން ސިއްހީ ގޮތުން ދުޅަހެޔޮ މީހެއްތޯ ކަށަވަރު ކުރެ އެވެ.
މީގެ ކުރިން ފޮސްޓާ ކުރެވެނީ ކައިވެނި ކޮށްގެން އުޅޭ މީހުންނަށް ކަމަށް ވިޔަސް، މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ގެނައި ބަދަލުން، ކައިވެނި ނުކޮށް ތިބޭ މީހުންނަށް ވެސް ކުދިންގެ ގާނޫނީ ބެލެނިވެރިކަން ނެގުމުގެ ފުރުސަތު ލިބުމެވެ. އެކަމަކު، އެފަދަ މީހުންގެ އުމުރަކަށް ވާން ޖެހޭނީ 25-40 އަހަރާ ދެމެދެވެ.
ފޯމު ހުށަހެޅުމުން ގެންދާ ސްކްރީނިން ޕްރޮސެސްގައި، ފޮސްޓާ ކުރަން ހުށަހެޅި މީހާގެ ކުށުގެ ރިކޯޑަށް ބަލަ އެވެ. މީގެ ކުރިން އެ މަރުހަލާ ފުރިހަމަކުރަން ޖެހެނީ އަމިއްލައަށެވެ. އާއްމުންނަށް ފަސޭހަކޮށްދިނުމަށް މިހާރު މިނިސްޓްރީން އެކަން ކޮށްދެ އެވެ.
ކުށުގެ ރިކޯޑުގެ މައްސަލައެއް ނެތް ނަމަ ފޯސްޓާ ކުރާ މީހުން ދިރިއުޅޭ ތަނުގެ ހާލަތު ބަލާނެ އެވެ. އެ އަށް ފަހު، ތައްޔާރުކުރާ އިޖުތިމާއީ ހާލަތު އަންގައިދޭ ރިޕޯޓުގައި ތައުލީމީ ހާލަތާއި ދިރިއުޅުމުގެ ފެންވަރާއި ސިއްހީ ހާލަތު އަދި އާއިލީ މީހަކާއި އަވަށްޓެރި އަދި ވަޒީފާ އަދާކުރާ ތަނުގެ އިސް މީހެއްގެ ފަރާތުން ވެސް މައުލޫމާތު ހޯދާނެ އެވެ.
އެ ޕްރޮސެސް އަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ދެ މުވައްޒަފަކާއި އެޓާނީ ޖެނެރަލް އަދި ފުލުހުން ހިމެނޭ ފޮސްޓަރިން ޕެނަލަށް ކުރިން ހެދި އެސެސްމަންޓް ހުށަހަޅާނެ އެވެ. އެ ހުށެހެޅުމުން އެސެސްމަންޓުގައި ހުރި ކަންކަމަށް ބަލައި ކުރިއަށް ގެންދާނެ ގޮތެއް ނިންމަ އެވެ.
އަމާނީ ވިދާޅުވީ ކުރިއަށް ދާން ނިންމައިފި ނަމަ އިތުރު އިންޓަވިއުއެއް ބާއްވައި، ބެލެނިވެރިކަން ދިނުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ. ޕެނަލް އިން ފާސްކޮށްފި ނަމަ ޖެންޑާއިން ކުއްޖަކާ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ފަށާނެ އެވެ. ފޮސްޓަރިންގައި ވަކި ކުއްޖަކު ހޯދާކަށް ހުށަހެއް ނޭޅޭނެ އެވެ. ފޯމު ހުށަހަޅާއިރު ކުއްޖާގެ އުމުރާއި ޖިންސު ހުށަހެޅުމުން، ބާކީ ހުރިހާ ކަމެއް މިނިސްޓްރީން ކޮށްދޭނެ އެވެ.
ކުއްޖަކު ހަވާލުކުރާއިރު ބަލާނީ އެ ކުއްޖާ ދައުލަތަށް ނެގި މާހައުލު ނޫން އެހެން ހިސާބަކަށް ގެންދިއުމަށެވެ.
ފޮސްޓަރިންގެ ގަވާއިދުގައިވާ ގޮތުން، ކުއްޖާގެ މެޑިކަލް ޗެކަޕް ހަދައި، ސިއްހީ ބޮޑު މައްސަލައެއް ނެތް ކުދިންތޯ ބަލަންޖެހެ އެވެ. އެ ހުރިހާ ފޯމުތަކެއް އޭޖީ އޮފީސް މެދުވެރިކޮށް، ފެމިލީ ކޯޓަށް ހުށަހަޅައި ގާނޫނީ ބެލެނިވެރިކަމުގެ މައްސަލަ ނިންމަ އެވެ. އޭގެ ފަހުން، ކުއްޖާ ހަވާލުކުރަނީ ގުޅުން ބަދަހިކުރުމުގެ ސެޝަންތަކަށް ފަހު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އާއިލީ ގުޅުން އޮންނަ މީހަކު، ދައުލަތުން ކުއްޖެއް ނަގަން ބޭނުންވާ ނަމަ އޮންނަނީ ރީ-އިންޓަގްރޭޝަން ޕްރޮސެސް އެކެވެ. އެ މަރުހަލާ، ފޮސްޓަރިން އަށް ވުރެ ފަސޭހަވާނެ ކަމަށް އަމާނީ ވިދާޅުވި އެވެ. ފޯސްޓަރިންގައި ކުއްޖާ ލިބުމުން ކޯޓު މަރުހަލާއެއް ވެސް ދެ އެވެ. އެކަމަކު، ރީ-އިންޓަގްރޭޝަންގައި އެ ހިސާބަކަށް ނުދާނެ އެވެ.
އަމާނީ ވިދާޅުވިގޮތުގައި، މައިންބަފައިން ކުށުގެ ވެށީގައި އުޅޭ ނަމަ ނުވަތަ ޖަލުގައި ނުވަތަ ހަވާލު ނުކުރެވޭ ކުށުގެ ރިކޯޑު އޮންނަ ނަމަ އަމިއްލަ އާއިލާއަކާ ހަވާލުނުކުރާނެ އެވެ. އެހެން ބަޔަކު ގާނޫނީ ބެލެނިވެރިކަން ކުރަން ފުރުސަތު ދެނީ ވެސް އެގޮތަށް އާއިލާ އަށް ދެވެން ނެތް ކުދިންނެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބޭތިއްބިއަސް، އޮންނަ އުސޫލުގެ ތެރެއިން އެ ކުދިން އަމިއްލަ އާއިލާއާ ހަވާލުކުރަން ކޮންމެ ހަ މަހަކުން މިނިސްޓްރީން އެ ކުދިންގެ އާއިލާތައް ބަލަ އެވެ. އެގޮތަށް ބަލާއިރު ހަވާލުކުރެވޭ ނުވަތަ ހަވާލުވާން ބޭނުންވާ މީހަކު ހުރިއްޔާ ރީ-އިންޓަގްރޭޝަން މަރުހަލާ ފަށަ އެވެ.
"އާއިލާ އެކްސްޕްލޯ ކުރަމުންދާއިރު ފެމިލީން އެބަހުރި ހަވާލުވާނެ މީހަކު ލިބިގެން. ރީ-އިންޓަގްރޭޝަން ކުރިއާ ބަލާއިރު ގިނަ ހަވާލުކުރެވޭލެއް ގިނަ. ފޯސްޓަރިންނަށް ވެސް 2021 އިން ފެށިގެން ބައިވަރު އެޕްލިކޭޝަން އަޅުގަނޑުމެންނަށް ކޮންމެ އަހަރަކު ލިބޭ. މި އަހަރު ފެށިގެން އަދި ވެސް މި ގެންދަނީ މިދިޔަ އަހަރުގެ އެޕްލިކޭޝަން. އަހަރު ނިމިގެން ދިޔައިރު ވެސް އެޕްލިކޭޝަން ލިބިފައި ހުރި ވަރު ގިނަވީމަ ނުނިމި ހުރި އެއްޗެހި މި ގެންދަނީ،" އަމާނީ ވިދާޅުވި އެވެ.
"ކުރިއާ އަޅާބަލާފައި ފޯސްޓަރިންނަށް ވެސް ގިނަ އެޕްލިކޭޝަން ލިބޭވަރު."
އަމާނީ ވިދާޅުވި ގޮތުގައި، އޭގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ފޯސްޓަރިންގެ ޕްރޮސެސް ކުރިއަށް ދާ ގޮތް މިހާރު ގިނަ މީހުންނަށް އެނގުމެވެ. އަދި ކުރިން ކުދިން ފޯސްޓާކޮށްފައިވާ ބައެއް އާއިލާތަކުން އިތުރު ކުދިން ހޯދަން އެޕްލިކޭޝަން ފޮނުވާ ވަރު އިތުރުވުމާއި، އެ އާއިލާގެ އެހެން ބައެއް މެމްބަރުން ވެސް މި ޕްރޮސެސްގެ ދަށުން ކުދިން ހޯދަން އެޕްލައި ކުރާތީ އެވެ.
ރީ-އިންޓަގްރޭޝަންގައި ކުށުގެ ރިކޯޑާއި ދިރިއުޅުމުގެ ހާލަތަށް ބެލުމަށް ފަހު ގޮތެއް ނިންމާނީ އެކަމަށް ހާއްސަ ކޮށްފައިވާ ކޮމިޓީއަކުންނެވެ.
ދައުލަތުން ބަލަހައްޓާ ކުދިން ތިބޭ ހުޅުމާލޭގައި ހުންނަ ފިޔަވަތި.
"ރީ-އެންޓްގްރޭޝަންގައި ކޭސް ބައި ކޭސް ތަފާތުވާނެ. ކުއްޖާގެ އާއިލާ އިން ނެގިއިރު އާއިލާގެ ހާލަތު އަދި ގެންދާ މާހައުލާއި ގެންދާ ޕީރިއަޑް ބަލާނެ. މޮނިޓަރިން ޕީރިއަޑް އިންނަނީ ހަ މަސް ދުވަސް ވަންދެން. މައްސަލައެއް ނެތް ނަމަ ހަ މަސް ދުވަހުގެ ތެރޭގައި މައްސަލަ ކޭސް ފައިލްކޮށް، މައްސަލައެއް އުޅޭ ނަމަ މޮނިޓަރިން ޕީރިއަޑް އިތުރުވާނެ،" އަމާނީ ވިދާޅުވި އެވެ.
ރީ-އިންޓަގްރޭޝަންގައި މަންމަ ނުވަތަ ބައްޕަ ފިޔަވައި އާއިލާގެ އެހެން މީހަކު ކުއްޖާ ބަލަހައްޓާ ނަމަ 1،500ރ. ގެ އެލަވަންސެއް އެންސްޕާ އިން ހޯދެ އެވެ.
އަމާނީ ވިދާޅުވީ ގާނޫނީ ބެލެނިވެރިން ހޯދަން ގިނައިން ހުށަހަޅަނީ އައިވީއެފް ހަދައިގެން ވެސް ކުއްޖަކު ނުލިބޭ މީހުން ކަމަށެވެ. އެކަމަކު، އަމިއްލަ އެއް ކުއްޖަކު ހުރެފައި އިތުރު ކުއްޖަކު ދައުލަތުން ނަގައިގެން ބަލަން ބޭނުންވެގެން ހުށަހަޅާ މީހުން ވެސް މަދެއް ނޫނެވެ.
އޭނާ ވިދާޅުވި ގޮތުގައި 90 ޕަސެންޓަކީ ހަ މަހުން ދަށުގެ ކުއްޖަކު ނުވަތަ އަހަރު ނުފުރޭ ކުއްޖަކު ބޭނުންވެގެން ހުށަހަޅާ ފޯމެވެ.
މިނިސްޓްރީން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު 2022 ވަނަ އަހަރުން ފެށިގެން މިދިޔަ ބުދަ ދުވަހާ ހަމައަށް 119 ކުއްޖަކު ވަނީ ރީ-އިންޓަގްރޭޝަންގެ ތެރެއިން އާއިލާއާ ހަވާލުކޮށްފަ އެވެ. އެ މުއްދަތުގައި 34 ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ދީފައިވެ އެވެ.
ރާއްޖޭގައި ކުދިން ފޯސްޓާކުރުމުގެ ތަފާސްހިސާބުތައް.
ވަގުތީ ފޯސްޓަރިންގެ އެންމެ ކުރު މުއްދަތަކީ ދެ އަހަރެވެ. އެ ހިސާބާ ހަމައަށް ދަނީ ކުއްޖާގެ އަމިއްލަ އާއިލާގެ ހާލަތު ރަނގަޅު ކުރުމަށް ބާރު އަޅައި ކުއްޖާ އާއިލާއާ ހަވާލުކުރެވެންދެން ވެސް ލޯތްބާއި އަޅާލުން ދީ، އާއިލާއެއްގެ ތެރޭގައި ދިރިއުޅުމުގެ ފުރުސަތު ދޭށެވެ.
އަމާނީ ވިދާޅުވީ ވަގުތީ ގޮތުން ފޯސްޓާ ކުރުމަށް ބާރު އެޅުމަށް، އެ ގޮތަށް ފޯސްޓާ ކޮށްފައިވާ ކުދިންގެ ކަންކަން ހަމަޖެއްސުމަށް ބެލެނިވެރިންނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 5،000ރ. ގެ އެލަވަންސެއް ދެމުން އަންނަ ކަމަށެވެ.
ވަގުތީ ފޯސްޓަރިންގައި ގޮތް ނިންމާނީ މިނިސްޓްރީގެ އިންޓާނަލް ކޮމިޓީއަކުންނެވެ. އެއީ ޗައިލް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްގެ އިސްވެރިއަކާއި ކޭސް މެނޭޖްމަންޓުގެ ދެ ސުޕަވައިޒަރުންނެވެ. ވަގުތީ ގޮތުން އާއިލާއަކާ ހަވާލުކުރަން ނިންމިޔަސް ކޯޓު މަރުހަލާ އަށް ދާނެ އެވެ. އެ މުއްދަތު ހަމަވާން ހަ މަސްދުވަހަށް ވުމުން އުފަން އާއިލާ އަދި ވަގުތީ ގޮތުން ފޯސްޓާ ކުރި މީހުންގެ ހާލަތު ބަލަ އެވެ. އެ އަށް ފަހު، މުއްދަތު ހަމަވުމުގެ ފުރުސަތު އޮންނާނެ އެވެ.
ކުޑަކުދިންގެ ހިޔާގައި ކުޑަކުދިިން ގެންގުޅުމަކީ ހައްލެއް ނޫން ކަން ގަބޫލުކުރާ މުޖުތަމައެއް އުފެދުމަކީ ހެޔޮ ބަދަލެކެވެ. މިނިސްޓްރީގެ މައުލޫމާތުތަކުން އެކަން ވަރަށް ސާފުކޮށް އެނގެ އެވެ.
ޖެންޑާގައި ތިބި ކުދިން ފޯސްޓާ ކުރަން ހުޅުވާލައިފި
ހަ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ބަޔަކަށް ދީފި
ގުރައިދޫ މަރުކަޒުގެ ވޯޑެއް ތަންމަކުނުން ފުރިފައި!
އަހަރުނުވާ 4 ކުއްޖަކާ އެކު ދައުލަތަށް 167 ކުއްޖެއް
އާމްދަނީ ހޯދައިދޭން އެމްޕަވަމެންޓް ހަބެއް ގާއިމްކުރަނީ
ޝޫޒާ ވަޒީފާއިން ވަކިވާން މަޖުބޫރުކުރި މައްސަލަ ބަލަނީ
އާބާދީ އިތުރު ނުވެ، ރަތް ރޮނގު ހުރަސް ކުރަނީ!
ދަރިފުޅަށް އެވަރު ކޮށްލީ ގޭންގެއް ކަޑައޭ ބުނެގެން!
ޗެރިޓީ ފަންޑުން ގުރައިދޫ މަރުކަޒަށް 32 ހޮސްޕިޓަލް ބެޑް
އަންހެނުންނަށް 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ