Roadha Mihaaru
ޖެންޑާގައި ތިބި ކުދިން ފޯސްޓާ ކުރަން ހުޅުވާލައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފޯސްޓާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2024

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފޯސްޓާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފޯސްޓާ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފެމެލީ އެންޑް ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ވަގުތީ ގޮތުން ފޮސްޓާ ކުރުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެ ކުދިން ފޮސްޓާ ކުރަން ބޭނުންވާ މީހުން 1433 އަށް ގުޅައި، ނަން ނޯޓު ކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ދައުލަތުގެ ޒިންމާގެ ދަށުގައި އާއިލާތަކާ އެކަހެރިކޮށް، އެކަނިވެރި ދިރިއުޅުމެއްގައި މިހާރު ވެސް 100 އަށް ވުރެ ގިނަ ކުދިން އެބަތިއްބެވެ. ބަންދުވެ ތިބުމަކީ އެ ކުދިންނަށް އޮތް އެންމެ ރަނގަޅު ހައްލަށް ނުވާތީ ފޮސްޓަރިންގެ ތެރެއިން އާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރެ އެވެ.

ނަމަވެސް އެކަމުން އެކަށީގެންވާ ނަތީޖާއެއް ނެރެވިފައި ނުވާތީ އާ ސަރުކާރާ އެކު މިނިސްޓްރީން މިހާރު މަސައްކަތް ފަށާފައި ވަނީ ފޮސްޓަރިން ޕްރޮގްރާމަށް ބަދަލުތަކެއް ގެނެސް އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކޮންމެ ކުއްޖަކު ވެސް އާއިލާއެއްގެ ތެރޭގައި އުޅުމުގެ މަގު ފަހިކޮށްދިނުމަށެވެ.

ފޮސްޓަރިން ޕްރޮގްރާމަށް ބަދަލުތަކެއް: "ކޮންމެ ކުއްޖަކަށް އާއިލާއެއް"

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެ ބަދަލާ އެކު އެ ކުދިންނަށް ރަނގަޅު މުސްތަގުބަލެއް ލިބޭނެ ކަމަށް ކުރެއްވޭ އުއްމީދު ބޮޑު ކަމަށެވެ.

ފޮސްޓަރިންގެ ތެރެއިން އާއިލާތަކާ ހަވާލުކުރާ ކުދިންނަށް އެހެން ކުދިންނެކޭ އެއްގޮތަށް އުޅެވޭނެ ގޮތްތައް މިނިސްޓްރީން މެދުވެރިވެގެން ފަހިކޮށްދޭނެ އެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް "މިހާރު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް "މިހާރު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަނީ ވަގުތީ ގޮތުން، ކުއްޖާގެ އާއިލާ އަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ފަހު، ކުއްޖާ އާއިލާއާ އަލުން ހަވާލުކުރާ ގޮތަށެވެ.

ނަމަވެސް އެކި ކަހަލަ ހާލަތްތައް މެދުވެރިވެ، އާއިލާ އަށް އަނބުރާ ނުދެވޭ ކުދިން ދިގު މުއްދަތަކަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. ފޮސްޓާ ކުރަން، "ކޮންމެ ކުއްޖަކަށް އާއިލާއެއް" ހޯދައިދިނުމުގެ އަމާޒަކީ، އެފަދަ ކުދިން ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން ބަލަން ބޭނުންވާ އާއިލާތަކަށްް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގިނަ މީހުން ބޭނުންވަނީ ކުޑަކުދިން ގޮސްޓާ ކުރަން. އަޅުގަނޑުމެން، ދައުލަތަށް އެބަ ނަގާ 18 އަހަރާ ޖެހެން ދެން އެފަދަ [އާއިލާގައި ޖެހޭ މައްސަލައިގެ ސަބަބުން ނަގާ] ކުދިން. އެހެންވެ މި ޕްރޮގްރާމްގެ ދަށުން ބޮޑެތި ކުދިންނަށް ވެސް އާއިލާއާ އެކު އުޅުމުގެ ފުރުސަތު ފަހިވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

"ކުއްޖާގެ އުފަން އާއިލާގެ ހާލަތު ރަނގަޅު ކުރުމަށް ދެ އަހަރު ވަންދެން މިނިސްޓްރީން މަސައްކަތްތަކެއް ކުރާނެ. އެ ފަދަ ހާލަތެއް މެދުވެރި ނުވެއްޖެ ނަމަ އެ ކުއްޖެއްގެ ގާނޫނީ ބެލެނިވެރިކަން ހޯދައި، ދާއިމީ ގޮތެއްގައި އެ ކުއްޖާ ފޮސްޓާ ކުރުމުގެ ފުރުސަތު ވެސް ފޮސްޓާ ފެމިލީ އަށް އޮންނާނެ."

ފިޔަވަތި: ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަހައްޓަމުން މީގެ ކުރިން ގެންދިޔަ ކުޑަކުދިންގެ ހިޔާ ބަންދު ކުރުމަށްފަހު މިހާރު މާލާޭގައި ތިބޭ ކުދިން ބައިތިއްބަނީ ފިޔަވަތީގައި.--

ފިޔަވަތި: ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަހައްޓަމުން މީގެ ކުރިން ގެންދިޔަ ކުޑަކުދިންގެ ހިޔާ ބަންދު ކުރުމަށްފަހު މިހާރު މާލާޭގައި ތިބޭ ކުދިން ބައިތިއްބަނީ ފިޔަވަތީގައި.--

އެހެންވެ، ކުއްޖާ ދާއިމީކޮށް ބެލުމުގެ ފުރުސަތު ނުވަތަ ފޮސްޓާ ކުރުމުގެ ފުރުސަތު ހުޅުވައިލަން ނިންމީ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ. އެއް އާއިލާގައި ކުއްޖެއްގެ ހާލަތު ރަނގަޅު ނުވެއްޖެ ނަމަ އެ އާއިލާގެ އެހެން މެމްބަރަކު ނުވަތަ އެހެން އާއިލާއަކަށް ކުއްޖާ ބަލަން ހަވާލު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ކުދިން ރީ-އިންޓަގްރޭޓް ކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް، އެ ކުދިންގެ ބެލެނެވެރިކަން ކޯޓު މެދުވެރިކޮށް ހަވާލުކުރާ ގޮތަށް ހަމަޖައްސައިފައި ވަނީ މިދިޔަ އަހަރު އެވެ.

އެ އިސްލާހާ އެކު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ދައުލަތުގެ ބެލުމުގެ ދަށުން ފޮސްޓާ ކުރުމަށް ހަވާލުކުރަމަށް ނިންމައި ފޮސްޓާ ބެލެނިވެރިޔާއާ ހަވާލުކޮށްފައިވާ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ފޮސްޓާ ބެލެނިވެރިންނާ ހަވާލު ކުރުމަށް ޝަރުއީ ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ.