Roadha Mihaaru

އައްޑޫ މީހުންނަށް ނިސްބަތްކޮށް ޣައްސާން ދެއްކެވި ކަމަށް ބުނާ ވާހަކައަކާ ގުޅިގެން ރައީސަށް ސިޓީއެއް

އައްޑޫ ރައްޔިތުންނަށް ނިސްބަތް ކުރައްވައި، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ހުތުރުކޮށް ވާހަކަ ދެއްކެވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން (އައްދު) ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ޣައްސާން ދެއްކެވި ވާހަކައަކާ ގުޅިގެން ރައީސަށް ސިޓީއެއް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

07 ފެބުރުއަރީ 2025

އައްޑޫ ރައްޔިތުންނަށް ނިސްބަތް ކުރައްވައި، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ހުތުރުކޮށް ވާހަކަ ދެއްކެވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން (އައްދު) ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި އެވެ.

އޭނާ އެކްސްގައި އެ ސިޓީ އާއެކު ވިދާޅުވީ ރިޔާސީ ބަޔާނަށްފަހު މަޖިލިސް ތެރެއިން ޣައްސާނާ ބައްދަލުވެ ދެކެވުނު ވާހަކައިގައި އައްޑޫ ރައްޔިތުންގެ މަސްލަހަތު ބޮޑު ދެ ކަމެއްގައި ޣައްސާނަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާ އޮތް ވާހަކަ ދެންނެވި ކަމަށެވެ.

އޭގެ ރައްދުގައި އައްޑޫގެ ރައްޔިތުންނަށް ނިސްބަތްވާ ގޮތަށް ވަރަށް ހުތުރުކޮށް ޣައްސާން ވާހަކަ ދައްކަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިޔާސީ ބަޔާނަށްފަހު މަޖިލީހުގެ އިދާރާއިން މިނިސްޓަރު ޣައްސާން މައުމޫނާ ބައްދަލުވުމުން، އައްޑޫ ރައްޔިތުންގެ މަސްލަހަތު ބޮޑު ދެ ކަމެއްގައި ގުޅުއްވި ކަމަށް ވިދާޅުވުމުން ވަޒީރު ކޯފާ އިސް ކުރައްވައި، ކަލޭމެން ގުޅައިގެން ފޯނަށް ޖަވާބު ދޭކަށް ނުޖެހޭނެ. އައްޑޫ އަކީ މަށާ ބެހޭ ވެސް ތަނެއް ނޫން،" އެ ސިޓީގައި ވެ އެވެ.

ޣައްސާނަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވަރަށް ގިނައިން ބައްދަލުވެ ވާހަކަ ދެކެވިފައި ހުރި ބޭފުޅެއް ކަމަށާއި އައްޑޫ ރައްޔިތުން ޕީއެންސީ އަށް ވޯޓުދީފިނަމަ އައްޑޫ ރައްޔިތުން އެހެން ބަޔަކަށް ދުވަހަކު ވެސް ވޯޓު ނުދޭވަރު ކޮށްދޭނެ ކަމަށް ޣައްސާން މީގެކުރިން ދެއްކި ވާހަކަތައް އޭނާއަށް ހަނދާާންކޮށް ދެއްވި ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

ނަމަވެސް ޣައްސާން އިތުރަށް ކޯފާ އިސް ކުރައްވައި، "ތިމަންނަ އައްޑޫއަށް ދިޔައީ ކަލޭމެން އައްޑޫ މީހުން އެދިގެން. އައްޑޫއަކީ މަށާ ބެހޭ ވެސް ތަނެއް ނޫން" ކަމަށް ވިދާޅުވި ކަމަށް ވެސް އެ ސިޓީގައިޥެ އެވެ.

އެ ސިޓީގައި ވަނީ ޣައްސާން ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް އޭނާއަށް ދެންނެވުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ.