ޝިފާޒު ޒާހިރާއި ޝިއުނާ އަށް ލިބުނު އަންހެން ދެ ދަރިންނަށް ފަހު، ކައިވެންޏަށް 14 އަހަރުގައި ފުރަތަމަ ފިރިހެން ދަރިފުޅު ލިބޭތީ ތިބީ އުފަލުންނެވެ. އެކަމަކު ބަނޑުބޮޑުވިތަނާ ކަހަލަ ގޮތަކަށް، އޯވަރީގައި ސިސްޓު ހުރި ކަން އެނގި ދެމަފިރިން ތިބީ އެ ކަމަށް ވިސްނައިގެންނެވެ. އެއީ ޝިއުނާ އަށް ކުރިން ވެސް ދިމާވި މައްސަލައަކަށް ވާތީ ނިންމައިގެން ތިބީ ސިޒޭރިއަން ހަދައި އޯވަރީ ނަގާށެވެ.
07 ފެބުރުއަރީ 2025
ޝިފާޒު ޒާހިރާއި ޝިއުނާ އަށް ލިބުނު އަންހެން ދެ ދަރިންނަށް ފަހު، ކައިވެންޏަށް 14 އަހަރުގައި ފުރަތަމަ ފިރިހެން ދަރިފުޅު ލިބޭތީ ތިބީ އުފަލުންނެވެ. އެކަމަކު ބަނޑުބޮޑުވިތަނާ ކަހަލަ ގޮތަކަށް، އޯވަރީގައި ސިސްޓު ހުރި ކަން އެނގި ދެމަފިރިން ތިބީ އެ ކަމަށް ވިސްނައިގެންނެވެ. އެއީ ޝިއުނާ އަށް ކުރިން ވެސް ދިމާވި މައްސަލައަކަށް ވާތީ ނިންމައިގެން ތިބީ ސިޒޭރިއަން ހަދައި އޯވަރީ ނަގާށެވެ.
ބަރާބަރަށް ޑޮކްޓަރަށް ދައްކައި ދަރިފުޅުގެ ހާލަތު ދިޔައީ ބަލަމުންނެވެ. ވިހަންވާއިރަށް ބޭނުންވާ އަންނައުނާއި އެ ނޫން ވެސް ތަކެތި ހުރީ ހަމަކޮށްފަ އެވެ.
ހުރިހާ ކަމެއް ނުލާހިކު ރަނގަޅަށް ދަނިކޮށް، ޝިއުނާ އަށް ނޭވާލާން ކުއްލިއަކަށް އުނދަގޫވެ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:15 ހާއިރު ގއ. އަތޮޅު ހޮސްޕިޓަލަށް ދިޔަ އެވެ. ނަމަވެސް، އޭގެ ބަރާބަރު 24 ގަޑިއިރު ފަހުން އެނބުރި ދާން ޖެހުނީ، އުމުރުން 35 އަހަރުގެ ޝިއުނާގެ ފުރާނަ ނެތް މަސްގަނޑާ އެކުގަ އެވެ.
ރަށުގެ ފެނަކައިގައި މަސައްކަތްކުރާ ޝިފާޒު ބުނީ އަންހެނުން އެޑްމިޓު ކޮށްގެން، އިންޑިއާ އިން ބޭސް ގެނެސްގެން ފަރުވާ ދެވޭ ވަރަށް ވެސް ހޮސްޕިޓަލަށް ވަގުތު ލިބުނު ކަމަށެވެ. އެކަމަކު، އަންހެނުންނަށް ފަރުވާ ދިނުމުގައި ޝިފާޒަށް ފެނުނީ ހުސް އިހުމާލެވެ.
"އެ ރޭ ނިދަން އޮވެފައި އުނދަގޫވާތީ ޝިއުނާ ގޮވާލާފައި ބުނީ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދާން ހިނގާށޭ. ހޮސްޕިޓަލަށް ދިޔައީމާ ޑޮކްޓަރު ބުނެފި އެޑްމިޓު ކޮށްގެން ފަރުވާ ދޭން ބޭނުންވާ ކަމަށް. އަޅުގަނޑު ބުނިން އެއްވެސް މައްސަލައެއް ނެތޭ. އެޑްމިޓު ވެގެން، މާސްކު އަޅުވާފައި ބޭއްވި ގޮތަށް، އައިވީއެއް [ވެސް ނުދޭ] އަދި އެއްޗެއް ކާކަށް ނުބުނޭ. ނޭވާލާން އުނދަގޫވާތީ ނުވެސް އޮށޯވެ، ކޮޅަށް ހުރީ ހަމަ. މަރުވެންދެން ކަހަލަ ގޮތަކަށް އޮތީ އެގޮތުގައި،" ޝިފާޒު ބުންޏެވެ.
އޭނާ ބުނީ އެޑްމިޓު ކޮށްފައި އޮތީ އޮކްސިޖަން މާސްކު އަޅުވާފައި ކަމަށާއި ނޭވާލުން ހަމައަކަށް އެޅުމުން ދޫކޮށްލާނެ ކަމަށް ބުނި ކަމަށެވެ. ނަމަވެސް، އޭރު ވެސް އޮކްސިޖަން ނުހިފައްޓާ ކަމެއް ނާންގަ އެވެ. ނޭވާ އަށް އުނދަގޫވާތީ އެއްޗެއް ނުކެވި، ނުނިދި ހުރުމުން، ހަމައަކަށް އަޅުވައިދޭން އެދުމުން ވެސް އެކަމަށް ހޮސްޕިޓަލުން ފަރުވާއެއް ނުދިނެވެ.
"އޭރު ވެސް ނުބުނޭ އޮކްސިޖަން ނުހިފައްޓާ ވާހަކައެއް، ބަލި މީހާ ބެލި ޑޮކްޓަރު. އަޅުގަނޑަކީ އެހީތެރިޔާ. ނުބުނަންޏާ ނޭނގޭނެތާ ދެން އަޅަންވީ ފިޔަވަޅެއް، ހޮސްޕިޓަލުން ޖެހޭނެތާ ދެން އަޅަންވީ ފިޔަވަޅެއް އިރުއިރުކޮޅާ ކިޔައި ދޭން. އޭނާ ގޮވައިގެން ދަތުރުކުރަން ރެޑީވާށޭ، މިހެންމިހެން ވެއޭ. މިއިން އެއްވެސް މައުލޫމާތެއް ނުދޭ،" ޝިފާޒު ބުންޏެވެ.
މިދިޔަ ބުދަ ދުވަހުގެ ހެނދުނު 10 ޖެހިއިރު، އަންހެނުންގެ ޑޮކްޓަރު ގޮސް ޝިއުނާގެ ޓެސްޓުތައް ހެދިއިރު، ޝިއުނާގެ ފުއްޕާމޭގައި ވަރަށް ބޮޑަށް ފެން ހެދިފައިވާކަން އެނގުނެވެ. ނޭވާލާން އުނދަގޫވަނީ އެ ސަބަބާ ހެދި ކަމަށް ވާތީ އިތުރު ފަރުވާ އަށް، ދެ ކުދިންގެ މަންމަ، މާލެ ގެންދަން ޖެހޭ ކަމަށް ޑޮކްޓަރު ބުނީ އެ ހިސާބުން ކަމަށް ޝިފާޒު ބުންޏެވެ.
ޝިފާޒް ބުނި ގޮތުގައި، ފުރަތަމަ ހަމަޖައްސަން އޮތީ އެއާ އެމްބިއުލާންސެވެ. އެކަމަކު، އެ ބޯޓުގެ އިންޖީނު ހަލާކުވެގެން ދަތުރުނުކުރާ ކަމަށް އޭރު ބުނި ކަމަށާއި ހެލިކޮޕްޓަރު ވެސް ދަތުރުނުކުރާ ކަމަށް، ހޮސްޕިޓަލުން އެންގި ކަމަށް އޭނާ ބުންޏެވެ. ބަލި މީހުން ގޮވައިގެން ދެން ދަތުރުކުރާ ޑޯނިއާ ދަތުރަށް ފަށަން ހަ ގަޑިއިރު ނަގާތީ މި ފަދަ އިމަޖެންސީ ކޭހެއްގައި އެއީ އިހުތިޔާރެއް ކަމަކަށް ނުބަލަ އެވެ.
ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ މީހުން ދެން މަސައްކަތްކުރީ އާސަންދަ މެދުވެރިކޮށް ފްލައިޓެއް ޗާޓަރު ކޮށްގެން މާލެ ގެންދާށެވެ. އެކަމަކު، ގުޅި ކޮންމެ ފަހަރަކު އެންގީ، އާއިލާއިން ބުނި ގޮތުގައި ފްލައިޓެއް ނެތް ކަމަށެވެ. ހަވީރު 3:50 ވީއިރު ވެސް އިތުރަށް ދެވޭނެ ފަރުވާއެއް ނެތި ޝިއުނާ ހާލު ދެރަވެގެން ވެންޓިލޭޓަރަށް ލާން ޖެހުނެވެ.
އަންހެނުން ގޮވައިގެން ހޮސްޕިޓަލުގައި އުޅެން ޖެހުނު ގޮތުން ޝިފާޒަށް އެނގުނީ 15،000 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދޭ އަތޮޅު ހޮސްޕިޓަލު އޮތް ހާލަތެވެ. އިމަޖެންސީ އެހެން ކޭހެއްގައި ކުޑަކުދިންގެ ޑޮކްޓަރު ރަށުން ފުރައިގެން ދާން ޖެހުމުން، ޝިއުނާ ހާލު ބޮޑުވިިއިރު ޑޮކްޓަރެއް ނެތެވެ. ދުވަސް ނުފުރާ ވިހާ ކުދިން ބާއްވާ އިންކިއުބޭޓަރެއް ނެތެވެ.
ޝިފާޒު ބުނީ ޝިއުނާގެ ހާލަތު މާ ބޮޑަށް ގޯސްވުމުން އެ ދުވަހުގެ ހަވީރު 4:30 ހާއިރު ސިޒޭރިއަން ހަދަން ނިންމައި، ދަރިފުޅު ނުވަތަ އަންހެނުންގެ ތެރެއިން ކޮންމެ ވެސް އެކެއްގެ ފުރާނަ ސަލާމަތްކުރަން ޑޮކްޓަރު އިހުތިޔާރު ދިން ކަމަށެވެ. ފިރިހެން ދަރިފުޅަކާ އެކު އުފާވެރި ދިރިއުޅުމަކަށް ކިތައްމެ އިންތިޒާރު ކުރިއަސް، މި ވަގުތު ދުނިޔޭގައި ތިބި 13 އަހަރާއި 8 އަހަރުގެ ދެ ކުދިންގެ ހައްގުގައި ޝިފާޒު ބޭނުންވީ އަންހެނުން ސަލާމަތްކުރާށެވެ.
"ރީއްޗަށް ހުރި މީހެއް، އެއްވެސް ފަރުވާއެއް ނުލިބި ވެންޓިލޭޓަރަށް ލީ. ވެންޓިލޭޓަރަށް ލައިގެން ގައިނީ ޑޮކްޓަރު ދިނީ 50/50 ގެ ޗާންސެއް. ދަރިފުޅު ނޫނީ އަންހެނުން. ކޮންމެވެސް އެކަކު ސަލާމަތްކޮށްދޭން އެދުނީ. ބުނީމަ ބުނިން އަންހެނުން ސަލާމަތް ކޮށްދޭށޭ. ދެން ޑޮކްޓަރު ބުނީ މަންމަ ސަލާމަތް ކޮށްދޭނަމޭ، އެކަމަކު ދަރިފުޅު ސަލާމަތެއް ނުވާނެއޭ،" އޭނާ ބުންޏެވެ.
"އަޅުގަނޑު ބުނިން މައްސަލައެއް ނެތޭ. އެ ގޮތަށް ކިޔާފައި އެގްރިމެންޓެއްގައި ސޮއިކުރީ ދަރިފުޅު ބޭނުންނުވާ ކަމާއި ދަރިފުޅަށް އެއްވެސް ގެއްލުމެއް ލިބުނު ނަމަ އޭގެ ޒިންމާ ނަގާނީ އަޅުގަނޑު ކަމަށް ބުނެ ސިޒޭރިއަން ހަދަން ވެއްދީ."
ޝިއުނާ ސިޒޭރިއަން ހެދީ އެ އަތޮޅާ ޖެހިގެން އޮންނަ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ކުޑަކުދިންގެ ޑޮކްޓަރެއް ގެންގޮސްގެންނެވެ. ދަރިފުޅު ނެގުމަށް ފަހު، އައިސީޔޫ އަށް ލިއިރު އޮކްސިޖަން ލެވެލް ހުރީ 22 ގަ އެވެ. ފަރުވާ ދެމުންދެމުން ގޮސް، އޮކްސިޖަން 50 އަށް ވެސް އެރި އެވެ. އެއާއެކު، މާލެ ފުރަން ތައްޔާރުވުމަށް ހޮސްޕިޓަލުން އެދި، ރޭގަނޑު 8:30 ގައި ބޯޓު ޖައްސާ ވާހަކަ އާއިލާއަށް ވެސް އެންގި އެވެ.
އެހެންވެ، ޝިފާޒު ހުރިހާ ލިޔުންތަކެއް ހިފައިގެން ހޮސްޕިޓަލަށް ގޮސް މަޑުކޮށްގެން ހުރީ ބޯޓު ނައްޓާލުމުން، އެ ރަށުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެވޭ، ކޫއްޑު އަށް ދާން ތައްޔާރު ވެގެންނެވެ. އެކަމަކު، އެތައް އިރެއްވީ ފަހުން ވެސް ބޯޓުގެ ހިލަމެއް ނުވި އެވެ. ރޭގަނޑު 11 އަށް ލަސްވިކަމަށް ވެސް ބުނީ އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ކަމަށް އޭނާ ބުންޏެވެ.
އެތައް އިރެއް ފަހުން، އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަކާ އެކު ބޯޓު އެ ކޮޅަށް ދިޔައިރު އެއާ އެމްބިއުލާންސްގައި ހަރުކޮށްފައިވާ ވެންޓިލޭޓަރު ހުރީ ހަލާކުވެފަ އެވެ. ހޮސްޕިޓަލުގައި ބޭނުންކުރާ ވެންޓިލޭޓަރަށް ބޯޓުގައި ކަރަންޓު ދެވޭނެ ގޮތެއް ނެތެވެ. އޮކްސިޖަން ވެސް ޝިއުނާ އަށް ބޭނުންވާ ވަރަކަށް ފޯރުކޮށްދެވޭކަށް ނެތެވެ.
"އެރޭ 12:15 ހާއިރު ބުނީ އަންހެނުން ގެންދަން. އެކަމަކު، ބޯޓު ދޮރުމަތީގައި ބާއްވާފައި ނަރުހާއި ޑޮކްޓަރު ބާއްވައިގެން ވާހަކަ ދައްކައިގެން ރަންވޭ ކައިރީގައި ހުރީ. ފްލައިޓަށް ނާރުވާ 40 މިނެޓު ތިބި. ފަހުން ސުވާލު ކުރުމުން، އޮކްސިޖަން ދަށްވާތީ ކަމަށް ބުނި. ފަހުން ޑޮކްޓަރާ ސުވާލު ކުރުމުން އެއާ އެމްބިއުލާންސްގެ އޮކްސިޖަން ފުޅިއާ ޝިއުނާއާ ދިމާނުވާ ކަމަށާއި އެއިން ޝިއުނާ އަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބޭ ކަމަށް ބުނި،" ޝިފާޒު ބުންޏެވެ.
"ދަރިފުޅުގެ އޮކްސިޖަން މަންމަ އަށް ދީގެން ވެސް އޭނަ މާލެ ގެންގޮސްދީބަލާށޭ، ރޮއެ އާދޭސްކުރިން. މޯލްޑިވިއަން އިން އެއްބަސް ނުވި އެގޮތަށް ގެންދަން. އެގޮތަށް ހުއްޓާ ފަރުވާ ނުދީ، ރަންވޭ މަތީގައި ހުއްޓާ ވިންދު ހުސްވެއްޖެ. އިރުކޮޅަކުން ބުނީ އާސަންދަ ލިބިއްޖެއޭ. މިކޮޅުން ގެންދިޔަ ވެންޓިލޭޓަރަށް ކަރަންޓު ދެވޭނެ ނިޒާމެއް ނެތް އެއަކު ނެތް، ކަރަންޓު ދެވޭނެ ސޮކެޓެއް އެއްޗެއް އެ ތަނުގައި ނެތް. އެހެން ހުއްޓާ އަންހެނުން ނިޔާވީ އެ ތަނުގެ ތެރެއަށް. ސީޕީއާރު ދިން އިރު އޮތީ މަރުވެފައި. ދެން އައީ އަނބުރާ ގޮވައިގެން ރަށަށް،"
ގއ. ވިލިނގިލީގައި އުމުރުން ދުވަސްވީ މީހަކު ބޮޑު މަގުން ހިނގާފައި ދަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
ޝިއުނާ މަރުވިކަން ޔަގީންވުމުން، އެއާ އެމްބިއުލާންސް ނައްޓާލީ ތުއްތު ދަރިފުޅު ގޮވައިގެންނެވެ. އެ ކުއްޖާގެ ވިންދު ހުއްޓަސް، ފުރާނަ ސަލާމަތްވާނެ ކަމާ މެދު އޭރު ވެސް ޔަގީންކަމެއް ނެތެވެ. އެކަމަކު، އައިޖީއެމްއެޗުގައި އެންއައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ހެނދުނު 6:00 ހާއިރު ކުއްޖާ ވެސް ނިޔާވީ އެވެ.
ޝިފާޒު ބުނީ ދަރިފުޅާއި މަންމަގެ ތެރެއިން އެކެއްގެ ފުރާނަ ސަލާމަތް ކުރުމާ މެދު ގޮތެއް ނިންމަން ހޮސްޕިޓަލުން އެދުމުން ވަރަށް އުނދަގޫވި ކަމަށެވެ. އޭނާ ގަބޫލުކުރީ ފަހުން ކުއްޖެއް ލިބުނަސް، އޭނާގެ މި ވަގުތު ދުނިޔޭގައި ތިބި ދެ ކުދިންނަށް މައެއްގެ ލޯތްބެއް ނުލިބޭނެ ކަމަށެވެ.
އެހެންވެ، ސިޒޭރިއަން ހެދީ ވެސް އެއްބަނޑު އެއްބަފާ ހަ މީހުންގެ ތެރެއިން ފަސް ވަނައަށް ހުރި އަދި އާއިލާގެ ހުރިހާ އެންމެންނާ ގާތް ގުޅުމެއް އޮންނަ އަންހެނުންގެ ފުރާނަ ސަލާމަތްކުރެވޭތޯ އެވެ. އެކަމަކު، ޝިފާޒު ގަބޫލުކުރަނީ ޝިއުނާ އަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލުން އިހުމާލުވެ، އޭނާ "މަރާލީ" ކަމަށެވެ.
"ވިސްނަންޖެހޭ އެ ކުޑަ ދެ ކުދިންނާ ދޭތެރޭގައި ވެސް. މަށަކީ ފިރިހެނެއް. މާދަމާ އެހެން މީހަކާ ވެސް އިނދެވިދާނެ. އެކަމަކު، އެ ކުދިންނަށް މަންމައެއްގެ ލޯބި ނުލިބޭނެ. މަންމައަކީ ގޭގެ ތަނބު. އޭނަ ދިޔައީމަ އެ ދެ ކުދިންނާއި މަށަށް ވާ އުނދަގޫ ބޮޑުވާނެ. ދުނިޔޭގެ އެއްވެސް މީހަކަށް އިހުސާސެއް ނުކުރާނެ މިކުރާ ތަހައްމަލެއް. އެންމެ ފުރާނައެއް ނޫން. ދިރިހުރި ދެ ފުރާނަ އަތްމައްޗަށް. މަރުވީއެއް ނޫން، މަރާލީ ގަސްދުގައި،" ހޮސްޕިޓަލަށް ތުހުމަތުގެ އިނގިލި ދިއްކުރަމުން ޝިފާޒު ބުންޏެވެ.
ކުދިން ސްކޫލަށް ގެންދިއުމާއި ގެއަށް ގެނައުން އަދި ގުރުއާން ކްލާހަށް ގެންދިއުމާއި ގެނައުމަކީ ޝިފާޒުގެ ޒިންމާ އެވެ. ކުދިންނަށް ކިޔަވައިދީ ގޭތެރޭގެ އެހެން ހުރިހާ ކަމެއް ނިންމުމަކީ ޝިއުނާ ކުރަމުން ދިޔަ ކަމެކެވެ.
"ވަރަށް ޕާފެކްޓް މީހެއް އެއީ. ވަކި މީހަކަށް ނޫން. ހުރިހާ އެންމެންނަށް،" ޝިފާޒު ބުންޏެވެ.
"ކުދިންނަށް އެ ވަރުގެ މަންމައެއް ނުލިބޭނެ. ކިޔަމަންތެރި، އޯގާތެރި އަންބެއް އެއީ."
ނަމަވެސް، ދެ ކުދިންނަށް އެ ގެއްލުނީ ހުރިހާ ކަމެއްގައި އެންމެ ބޮޑު އެހީތެރިޔާ އެވެ. ޝިފާޒަށް މުޅި އުމުރަށް އެ ވަކިވީ، އޭނާ އެންމެ ލޯބިވި މީހާ އެވެ. މެންދުރު ނަމާދަށް ފަހު އެއްވަޅެއްގައި އެ ދެމައިން ވަޅުލުމަށް ފަހު ޝިފާޒު ހުރީ އެ ދަރިންނަށްޓަކައި ދޫދޭގޮތަކަށް ނޫނެވެ. ޝިއުނާގެ މަރަށް ފަހު، އިތުރު ބަޔަކަށް މި ހިތްދަތިކަން ނުލިބޭނެ ކަން ކަށަވަރު ކުރުމަށް ހުރިހާ ކަމެއް ކުރަން ހުރީ އުއްމީދުގަ އެވެ.
ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވެއްޖެ
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި
ދެމައިން މަރުވި މައްސަލާގައި އިހުތިޖާޖުކޮށްފި
"ހޮސްޕިޓަލަށް އިތުބާރު ލިބޭނީ ބަދަލުތައް ގެނެސްގެން"
ދެމައިން ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަނީ
ސިޒޭރިއަނަށްފަހު ފަރުވާ ލަސްވެ ދެމައިން ނިޔާވެއްޖެ
ކުއްޖާ ނިޔާވީ އިހުމާލަކުންތޯ ބަލަން ފަށައިފި
ހޮސްޕިޓަލްގެ "އިހުމާލުން" މީހަކު މަރުވި މައްސަލައެއް!
ސަދާގެ މަރުގެ މައްސަލަ ހެލްތުން ބަލަން ފަށައިފި
ސަދާގެ މަރު: "އިންޖެކްޝަން ޖެހުމާ އެކު ޚަބަރު ހުސް"