Roadha Mihaaru
ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި 1 ގަޑިއިރު ހޭދަވި

ސަލްމާގެ މަރު: ލޭ ހުރެ ލޭ ނާޅައި އެއް ގަޑިއިރު ހޭދަވި

18 އެޕްރީލް 2021

މިދިޔަ ފެބުރުއަރީ މަހު، ވިހެއުމުގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލުގައި ސަލްމާ ނަސީރު މަރުވި މައްސަލާގައި ބެލި ކަންކަމުން އޭނާ އަށް ލޭ އެޅުން ލަސްވިކަން ހާމަވާ ކަމަށާއި ހޮސްޕިޓަލުގައި ލޭ ހުރެ ވެސް ވިހޭތާ އެއް ގަޑިއިރު ވީ އިރު ވެސް ލޭ އަޅާފައި ނުވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ ފެބުރުއަރީ މަހު، ވިހެއުމުގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލުގައި ސަލްމާ ނަސީރު މަރުވި މައްސަލާގައި ބެލި ކަންކަމުން އޭނާ އަށް ލޭ އެޅުން ލަސްވިކަން ހާމަވާ ކަމަށާއި ހޮސްޕިޓަލުގައި ލޭ ހުރެ ވެސް ވިހޭތާ އެއް ގަޑިއިރު ވީ އިރު ވެސް ލޭ އަޅާފައި ނުވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި، ސަލްމާގެ ފިރިމީހާ، އިބްރާހިމް އަދުހަމް މިނިސްޓްރީއަށް ފޮނުވި ސިޓީގެ ޖަވާބުގައި ފާހަގަކުރި ކަންތަކަށް ބަލާއިރު، މާބަނޑު މީހާގެ ގަޔަށް ލޭ އެޅުމަށް ދެ މީހެއްގެ ކްރޮސްމެޗު ހަދާފައި ވިޔަސް ލޭ ދޭ ޑޮނަރުން ގެންނަން ބުނީ މާ ފަހުންނެވެ. އަދި ހޮސްޕިޓަލުގެ ބްލަޑް ބޭންކުގައި ލޭ ހުރެ އެ ލޭ ހަމަޖެހުމުން ވެސް ލޭބަ ރޫމްގައި ސަލްމާ އަށް ލޭ ނާޅައި ގަޑިއެއްހާއިރު އޮތް ކަމަށް ބުނެފައިވެ އެވެ.

ސިޓީގައި ބުނީ، ހާދިސާގައި ހިމެނޭ މުވައްޒަފުންނާއި ޑޮކްޓަރުން ދީފައިވާ ބަޔާންތަކަށް ބަލާއިރު، ސަލްމާގެ ހަށިގަނޑުން ފޭބި ލޭގެ މިންވަރު އަންދާޒާ ކުރެވިފައިވަނީ މަދުންނެވެ. އެކަމަކު އޭނާގެ ގައިން ލޭ ފައިބާފައިވަނީ، ވަޒަން ކުރެވުނު ވަރަށްވުރެ ގިނައިން ކަމަށް ރިވިއުއިން ފެންނަ ކަމަށް ސިޓީގައިވެ އެވެ. އަދި ލޭ ދޭން ދެ މީހެއްގެ ކްރޮސްމެޗު ހެދި ނަމަވެސް، އެ މީހުންގެ ގައިން ލޭ ނަގައި، ލޭ އެޅުމަށް ތައްޔާރުވެފައި ނުވާ ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ، މާބަނޑު މީހުންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއި އެހީތަކާ އެކު ވެސް، ވިހެއުމުގެ ތެރޭގައި ގަދައަށް އަދި މެދުކެނޑުމެއް ނެތި ލޭ އައިސް، މަރުވުމަކީ ވެދާނެ ކަމެއް ކަމަށެވެ. އެކަމަކު ވިހެއުމުގެ ތެރޭގައި ދިމާވެދާނެ ހާލަތަކަށް ފުރިހަމައަށް ތައްޔާރުވެފައި އޮތުމަކީ ސިއްހީ ފަރުވާ ދޭ ތަންތަނުން ކުރަން ޖެހޭނެ ކަމެއް ކަމަށް ބުންޏެވެ.

"ވިހެއުމަށް ފަހު މިގޮތަށް ގިނައިން ލޭ ފޭބުމަކީ ހިނގާފާނެ ކަމެއް ކަމުން، ވަގުތުން ލޭ އެޅުމުގެ އިންތިޒާމް ހަމަޖެހިފައި ހުރުމަކީ، ބަލި މީހާއަށް އެންމެ ރަނގަޅު ފަރުވާ ދިނުމުގައި އަދި ފުރާނަ ސަލާމަތް ކުރުމުގައި މުހިއްމު ކަމެކެވެ." ސިޓީގައި މިނިސްޓްރީން ބުންޏެވެ.

އެ ސިޓީގައި ހެލްތު މިނިސްޓްރީން ވަނީ، އެ ހާދިސާ ހިނގިގޮތް، ހޮސްޕިޓަލުގެ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް ތަފްސީލުކޮށް ކިޔައިދީފަ އެވެ. އޭގައިވާ ގޮތުން ވިހެއުމަށް ސަލްމާ ހޮސްޕިޓަލްގައި އެޑްމިޓް ކުރީ، ފެބުރުއަރީ އެކެއްގަ އެވެ. އަދި ހަމަ އެ ދުވަހު ވަނީ، އޭނާއަށް ބޭނުންވާނެ ލޭ ހޯދުމަށް، ދެ މީހެއްގެ ކްރޮސްމެޗު ހަދާފަ އެވެ.

ސަލްމާ ވިހެއީ، އޭގެ ދެ ދުވަސް ފަހުން، ފެބުރުއަރީ ތިން ވަނަ ދުވަހު މެންދުރު 12:20ގަ އެވެ. އެހާ ހަމައަށް ވެސް ދެމައިންގެ ހުރިހާ ކަމެއް ރަނގަޅެވެ. އެކަމަކު ވިހެއުމަށް ފަހު، ސަލްމާގެ ގައިން ވަރަށް ގިނައިން ލޭ ފޭބި އެވެ. އަދި ލޭ ފޭބީ ކިހާވަރަކަށް ކަމެއް ވެސް، ހޮސްޕިޓަލުގެ ލިޔެކިޔުންތަކުން ފެންނާކަށް ނެތެވެ. ލިޔުންތަކާ ހަވާލާދީ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ދަރިފުޅު ނަގާފައިވަނީ ވެކިއުމްކޮށްގެން ކަމަށާއި އޭގެ ފަހުން ލޭ މަނާ ނުވެގެން ފުރާނަ ސަލާމަތްކުރަން ރަހިމު ނަގަންޖެހިދާނެކަން ހޮސްޕިޓަލުން ވަނީ ބަލިމީހާގެ އެހީތެރިޔާ އަށް އަންގައިފަ އެވެ.

ސަލްމާގެ ގަޔަށް ލޭ އެޅުމަށް ދެ މީހެއްގެ ކްރޮސްމެޗު ހެދި ނަމަވެސް، ލޭ އެޅުމަށް އެއިން މީހަކު ގެންނަން ބުނީ، ވިހެއުމަށް ފަހު އިރުތަކެއް ފަހުން، ލޭ މަނާ ނުވެގެން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"އެހީތެރިޔާ ބުނާގޮތުން، ބޭބީ ގެންދިޔަ އިރު ވެސް ބަލިމީހާ އޮތީ ވަރަށް. ހެވިފަ. އެކަމަކު އިރުކޮޅެއް ފަހުން މޫނު މައްޗަށް އަނދިރިވާކަމަށް ބުނި،" މިނިސްޓްރީގެ ސިޓީގައި ބުނެފައި ވެ އެވެ.

ލޭ ގެންނަން ބުނީ އެހާތަނުންނެވެ. އަދި އޭޑީކޭގެ ބްލަޑް ބޭންކުން ވެސް ދެ ޕައިޓް ލޭ ހަމަޖެއްސި އެވެ. އެކަމަކު، ވިހެއިތާ ގަޑިއިރެއް ވީއިރު ވެސް، ލޭބާރޫމްގައި ސަލްމާ އަށް ލޭ އަޅާފައެއް ނުވާކަން މިނިސްޓްރީން ފާހަގަ ކުރި އެވެ.

ސަލްމާ އޮޕަރޭޝަން ތިއޭޓަރަށް ގެންދިޔައީ މެންދުރު ފަހު 2:00 ގައި ކަމަށާއި އޭރު ނޭވާލާން އުނދަގޫވާ ކަމަށް ބުނި ކަމަށް ހޮސްޕިޓަލްގެ ލިޔުންތަކުން ފެންނަ ކަމަށް ސިޓީގައިވެ އެވެ. އޭނާގެ ހެޔަށް އޭރު އޮތީ ގޮތް ވެފައި ކަމަށާއި ލޭގެ ޕްރެޝަރު ނުލިބޭ ކަމަށް ވެސް ލިޔުންތަކުގައިވެ އެވެ. ވިންދު ހުރީ ހުންނަންވާ ވަރަށް ވުރެ މަތިކޮށް، މިނެޓަކު 190 ގައި ކަމަށް ހެލްތު މިނިސްޓްރީގެ ލިޔުންތަކުގައި ވެ އެވެ. އަދި 2:25 ގައި ލޭ އަޅަން ފެށިއިރު ވިންދު ހުރީ މިނެޓަކު 42 ގަ އެވެ.

އޭގެ ފަސް މިނިޓް ފަހުން އޭނާގެ "ހިސްޓެރެކްޓޮމީ" ހަދަން ފަށާފައިވާ ކަމަށާއި އޮޕަރޭޝަނުގެ ތެރޭގައި ވެސް ކާޑިއެކް އެރެސްޓެއް އައި ކަމަށާއި އެހެންވެ، ސީޕީއާރު ހެދި ކަމަށް އެތަނުން ބުންޏެވެ. ސަލްމާ މަރުވީ، އެ ދުވަހު ހަވީރު ހަތަރެއް ޖަހާއިރު އެވެ.