Roadha Mihaaru

ދެ ރަަށެއްގެ ކައުންސިލް، 10 ރަށެއްގެ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

މި އަހަރަށް ތާވަލުކޮށްފައިވާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ފުރަތަމަ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

މިއަހަރުގެ ފުރަތަމަ ބައި އިލެކްޝަނުގެ ވޯޓުލުން ފަށައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

08 ފެބުރުއަރީ 2025

މި އަހަރަށް ތާވަލުކޮށްފައިވާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ފުރަތަމަ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ވަނީ ފަށައިފަ އެވެ. އަދި ވޯޓުލުން މިއަދު ހަވީރު 4:00 އަށް ކުރިއަށް ގެންދާނެ އެވެ.

ރަށްރަށުގައި ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ އެ ރަށެއްގެ ސްކޫލުގަ އެވެ. އަދި މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް ހާއްސަކޮށްފައި ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ މާފަންނު މަދަރުސާގަ އެވެ.

މިއަދު ވޯޓުލަނީ ދެ ރަށެއްގެ ރަށު ކައުންސިލާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތަކަށެވެ. އެއީ؛

• ހދ. މަކުނުދޫ ކައުންސިލް މެންބަރާއި ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ ބައި-އިލެކްޝަން

• ހދ. ހިރިމަރަދޫ، ނ. މިލަދޫ، ނ. ފޮއްދޫ، ރ. އިންނަމާދޫ، ބ. ގޮއިދޫ، އދ. ހަންޏާމީދޫ، ދ. ހުޅުދެލި، ލ. ގަން، ތ. ބުރުނި އަދި ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަން

ގާނޫނަށް ގެނައި އިސްލާހާ އެކު އިލެކްޝަންސް ކޮމިޝަނުން ބައި-އިލެކްޝަންތައް މިހާރު ބާއްވަނީ އަހަރަކު ދެ ފަހަރު އެވެ.

މި އަހަރުގެ ފުރަތަމަ ބައި-އިލެކްޝަނަށް ފަސް ރަށެއްގެ ލޯކަލް ކައުންސިލެއްގެ ބައި-އިލެކްޝަނާއި 28 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކަށް ކުރިމަތިލާން ފުރުސަތު ހުޅުވާލި އެވެ. ނަމަވެސް، އޭގެ ތެރެއިން 21 ރަށެއްގެ ބައި-އިލެކްޝަންތަކުގައި އެންމެ ކެންޑިޑޭޓަކު ވާދަކުރުމުން އެ ރަށްތަކުގެ ބައި-އިލެކްޝަންތައް ނުބާއްވަ އެވެ.