Roadha Mihaaru
އިންތިޚާބުގެ ކުރިން އެމްޑީޕީ އަށް 13 ގޮނޑި ކަށަވަރު

އިންތިޚާބަކާ ނުލައި 15 ގޮނޑި ޔަގީންވެއްޖެ، 13 ގޮނޑި އެމްޑީޕީއަށް

05 މާޗް 2020

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 15 ކެންޑިޑޭޓެއްގެ ގޮނޑި ކަށަވަރުވެއްޖެ އެވެ. އޭގެތެރެއިން 13 ގޮނޑި ލިބިފައިވަނީ އެމްޑީޕީއަށެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 15 ކެންޑިޑޭޓެއްގެ ގޮނޑި ކަށަވަރުވެއްޖެ އެވެ. އޭގެތެރެއިން 13 ގޮނޑި ލިބިފައިވަނީ އެމްޑީޕީއަށެވެ.

އިލެކްޝަންސް ކޮމިޝަން އިން މިއަދު ހިއްސާކުރި މައުލޫމާތަށް ބަލާއިރު، ހަތް ރަށެއްގެ ކައުންސިލްގެ ރައީސާއި ރަށު ކައުންސިލްގެ ދެ ގޮނޑިއެއްގެ އިތުރުން އަންހުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ ތެރެއިން ފަސް ގޮނޑިއެއް އެމްޑީޕީ އަށް ލިބިފައިވެ އެވެ. މާލެއިން ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ވެސް އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ސައިފް ފާތިހަށް ވަނީ ވޯޓަކާ ނުލައި ކަށަވަރު ވެފަ އެވެ.

ކައުންސިލް އިންތިޚާބުގައި 982 ކެންޑިޑޭޓުން އިންތިޚާބުކުރަން ޖެހެ އެވެ. އެ އިންތިޚާބަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 2،435 މީހަކު ކުރިމަތިލާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިިނައީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އެއީ 876 ކެންޑިޑޭޓުންނެވެ.

ވޯޓަކާ ނުލައި އިންތިޚާބުވި ކެންޑިޑޭޓުން

ސިޓީތަކުން

1) ގަލޮޅު އުތުރު ދާއިރާއަށް މުހައްމަދު ސައިފު ފާތިހު، އެމްޑީޕީ

2) ސ. ހިތަދޫ އިން އަންހެނުންނަށް ހާއްސަކޮށްފައިވާ ހިތަދޫ ބޭރުމަތި ދާއިރާއަށް މަރިޔަމް ސައީދާ، އެމްޑީޕީ

ކައުންސިލްގެ ރައީސުން

1) ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސްކަމަށް އަބްދުﷲ ޒާމިރު، އެމްޑީޕީ

2) ނ. ކުޑަފަރީ ކައުންސިލްގެ ރައީސްކަމަށް އަލީ ޝަމީމް މުހައްމަދު، އެމްޑީޕީ

3) ނ. މާފަރު ކައުންސިލްގެ ރައީސްކަމަށް މުހައްމަދު އަދުނާން، އެމްޑީޕީ

4) އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސްކަމަށް ޝުޖާއު އާދަމް، އަމިއްލަގޮތުން

5) އއ. މާޅޮހު ކައުންސިލްގެ ރައީސްކަމަށް އިސްމާއިލް ނަސީރު، އެމްޑީޕީ

6) ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ޝިފާގު ހުސެއިން، އެމްޑީޕީ

7) ދ. ރިބުދޫ ކައުންސިލްގެ ރައީސްކަމަށް އަހުމަދު އިގުބާލް އަބްދުލްގައްޔޫމް، އަމިއްލަގޮތުން

ކައުންސިލް މެމްބަރުން

1) އއ. މާޅޮހު ކައުންސިލްގެ މެމްބަރުކަމަށް މުހައްމަދު ނާފިޒު، އެމްޑީޕީ

2) އއ. މާޅޮހު ކައުންސިލްގެ މެމްބަރުކަމަށް ފަޒީލް އަހުމަދު، އެމްޑީޕީ

އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކުން

1) ނ. ކުޑަފަރީ ކައުންސިލުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ދިމްޝާ އަބްދުލްމަޖީދު، އެމްޑީޕީ

2) ނ. ކުޑަފަރީ ކައުންސިލުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ހުމާމު އަބްދުއްރަހީމް، އެމްޑީޕީ

3) އއ. ހިމަންދޫ ކައުންސިލުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް އަރޫޝާ އަބްދުﷲ، އެމްޑީޕީ

4) އއ. ހިމަންދޫ ކައުންސިލުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ފާތިމަތު އަނޫޝާ އަހުމަދު، އެމްޑީޕީ

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ތެރެއިން 71 ކެންޑިޑޭޓުން ވަނީ އިންތިޚާބަކާ ނުލައި ގޮނޑި ކަށަވަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ރަށަކާއި މާލެ އާއި އައްޑޫ އަދި ފުވައްމުލަކެވެ. ފުވައްމުލަކު ހުޅަނގު އުތުރު ދާއިރާ ފިޔަވައި މާލޭގެ 10 ގޮނޑި އަދި އައްޑޫގެ ދެ ގޮނޑި ލިބިފައިވަނީ އެމްޑީޕީއަށެވެ.

ފުވައްމުލަކު ހުޅަނގު އުތުރު ދާއިރާއަށް ކުރިމަތިލާފައިވަނީ އަމިއްލަ ކެންޑިޑޭޓެކެވެ.

މި ކެންޑިޑޭޓުންގެ ތެރޭގައި އެމްޑީޕީގެ 39 ކެންޑިޑޭޓުންނާއި ޕީޕީއެމްގެ ފަސް ކެންޑިޑޭޓެއް އަދި އަމިއްލަ 27 ކެންޑިޑޭޓުން ހިމެނެ އެވެ.

އަންހެނުންގެ ކޮމެޓީއަށް 930 ކެންޑިޑޭޓުން އިންތިޚާބުކުރަންޖެހެ އެވެ. އެ ކޮމެޓީތަކަށް 1،817 ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.