Roadha Mihaaru

"ނަތަންޔާހޫ އުޅެނީ ހިޔާލީ ދުނިޔެއެއްގައި، ފެންނަނީ އަވާމެންދުރެއް"

ސައޫދީ އަރަބިއްޔާގައި ފަލަސްތީނުގެ ދައުލަތެއް ހެދިދާނެ ކަމަށް ބުނެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަ ދުވަހަކު ވެސް ވާނެ ކަމެއް ނޫން ކަމަށާއި ނަތަންޔާހޫ އުޅެނީ ހިޔާލީ ދުނިޔެއެއްގައި ކަމަށް ވިދާޅުވެ އަރަބި ލީގުގެ ވެރިޔާ އަހްމަދު އަބޫ ގައިތު ރައްދު ދެއްވައިފި އެވެ.

"ނަތަންޔާހޫ އަށް ފެންނަނީ އަވާމެންދުރެއް"

ސައޫދީ އަރަބިއްޔާގައި ފަލަސްތީނުގެ ދައުލަތެއް ހެދިދާނެ ކަމަށް ބުނެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަ ދުވަހަކު ވެސް ވާނެ ކަމެއް ނޫން ކަމަށާއި ނަތަންޔާހޫ އުޅެނީ ހިޔާލީ ދުނިޔެއެއްގައި ކަމަށް ވިދާޅުވެ އަރަބި ލީގުގެ ވެރިޔާ އަހްމަދު އަބޫ ގައިތު ރައްދު ދެއްވައިފި އެވެ.

ފަލަސްތީނުގެ ޣައްޒާއިން މީހުން ބާލައި އެތަން ތަރައްގީކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން މަސްރަހު ހޫނުވެފައި ވަނިކޮށް ނަތަންޔާހޫ މި ދެއްކި ވާހަކަ އަކީ އިޒްރޭލުގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ޖޯކެއްގެ ގޮތުގައި ދެއްކި ވާހަކައެކެވެ.

އެކަމަކު މިފަދަ ވަގުތެއްގައި ނަތަންޔާހޫ އެހެން ވާހަކަ ދެއްކުމުން ސައޫދީ އަރަބިއްޔާއިން ވެސް ވަނީ ރައްދު ދީފަ އެވެ.

"ނަތަންޔާހޫގެ ވާހަކައާ ކަނޑައެޅިގެން ދެކޮޅުހަދަން. މިއީ ޣައްޒާގައި ފަލަސްތީނުގެ އަޚުންނާއި އުޚްތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކަށް އޮތް ސަމާލުކަން ގެއްލުވާލަން ދައްކާ ވާހަކަ، ސައޫދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

"ހައްދުފަހަނައެޅި، އިސްތިއުމާރީ ވިސްނުން ގެންގުޅޭ މީހުންނަށް ފަލަސްތީނު ރައްޔިތުންނަށް ފަލަސްތީނުގެ ބިމަކީ ކިހާ ހާއްސަ ތަނެއްކަން ނުވެސް އެނގޭ" ކަމަށް ސައޫދީން ބުންޏެވެ.

އަރަބި ލީގުގެ ވެރިޔާ ވިދާޅުވި ގޮތުގައި ނަތަންޔާހޫގެ ވިސްނުން ހަގީގަތާ އެއްވެސް ގުޅުމެއް ނެތެވެ.

"އެއީ ހިޔާލީ ދުނިޔެއަކުން ފެންނަ ކަންކަން ނުވަތަ އަވާމެންދުރެއް،" އޭނާ ވިދާޅުވި އެވެ.

ސައޫދީން ނެރުނު ބަޔާނުގައި ވަނީ ނަތަންޔާހޫގެ ވާހަކަ ކުށްވެރިކޮށް އަރަބި އަދި އިސްލާމީ ގައުމުތަކުން ވާހަކަ ދެއްކުމުން އެކަމަށް މަރުހަބާ ކިޔައިފަ އެވެ.

ކަނާތުފިޔައިގެ އިޒްރޭލު ނޫސްވެރިއެއް ކަމަށްވާ ޔާކޯވް ބާޑޫގޯ އަށް ބުރާސްފަތި ދުވަހު ނަތަންޔާހޫ ދިން އިންޓަވިއުގައި، ފަލަސްތީނުގެ ދައުލަތެއް ސައޫދީގައި ހެދުމާ ބެހޭ ވާހަކަ ދެއްކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ނެތި ސައޫދީން އިޒްރޭލާ ސިޔާސީ ގުޅުން ގާއިމު ނުކުރާނެ ކަމަށް ބުނާތީ އެ ވާހަކައިގެ ތެރެއިންނެވެ.

"ސައޫދީގެ ދައުލަތެއް ނެތި އެއްވެސް ކުރިއެރުމެއް ނޯންނާނެ" ކަމަށް ނޫސްވެރިޔާ ބުނުމާ އެކު ނަތަންޔާހޫ ވަނީ [ތިޔަ ބުނީ] ފަލަސްތީނުގެ ދައުލަތެއްގެ ވާހަކައޭ ބުނެފަ އެވެ. އޭގެ ފަހުން އޭނާ ވަނީ "ފަލަސްތީނުގެ ދައުލަތް ސައޫދީއަރަބިއްޔާގައި އޮންނަން ބޭނުންވެގެން ނޫނީ" އޭ ބުނެ ވާހަކަ ދައްކައިފަ އެވެ. އެކަން ކުރަން ބޭނުން ނަމަ ސައޫދީގައި ބައިވަރު ބިން އެބަ އޮތް ކަމަށް ވެސް ބުންޏެވެ.

ނަތަންޔާހޫ މިހެން ވާހަކަ ދެއްކުމުން ސައޫދީގެ އިތުރުން ގަތަރު، މިސްރު، އުރުދުން އަދި ޔޫއޭއީން ވެސް ވަނީ އެ ވާހަކަ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކުރަން ކުރާ ކޮންމެ މަސައްކަތަކީ، 1948 ވަނަ އަހަރު އިޒްރޭލު އުފެއްދި އިރު ފަލަސްތީނުގެ ރައްޔިތުން ވަޒަނުން ބޭރުކޮށް ޔަހޫދީން އާބާދުކުރަން ހިންގި އަނިޔާވެރި "ނަކްބާ" ގެ އަނދިރި ހަނދާންތައް އާވެގެންދާނެ ކަމެކެވެ.

އަދި އެފަދަ ފިކުރަކީ، ފަލަސްތީނުގެ ރައްޔިތުންނަށް ދިރިއުޅުމުގެ ހައްގު ވެސް އޮތް ކަމަށް ގަބޫލު ނުކުރުން ކަމަށް ވެސް ސައޫދީން ބުންޏެވެ. ޣައްޒާއިން އެތައް ހާސް ބަޔަކު ޝަހީދުކޮށް މުޅި ތަން ބިމާ ހަމަކޮށްފައިވަނީ އިންސާނިއްޔަތުކަމުގެ އަދި ހަމަ ގަބޫލުކުރުމުގެ އެއްވެސް ވިސްނުމެއް ނެތުމުން ކަމަށް ވެސް ބުންޏެވެ.