Roadha Mihaaru

ވައިގެ ނުސާފުކަން ނުރައްކާތެރި މިންވަރަކަށް އޮންނަތާ ހަފްތާއެއް ވަނީ!

މިދިޔަ ފަސް ދުވަހު ވެސް މާލެ ސަރަހައްދުގައި ވައިގެ ނުސާފުކަން ހުރީ ވަރަށް ނުރައްކާތެރި މިންވަރެއްގައި ކަމަށް ރެކޯޑްތަކުން ދައްކައިފި އެވެ.

ވައި ނުސާފުކޮށް އޮންނަތާ ހަފްތާއެއް ވަނީ!
އިފްރާޒް އަލީ
އިފްރާޒް އަލީ

10 ފެބުރުއަރީ 2025

މިދިޔަ ފަސް ދުވަހު ވެސް މާލެ ސަރަހައްދުގައި ވައިގެ ނުސާފުކަން ހުރީ ވަރަށް ނުރައްކާތެރި މިންވަރެއްގައި ކަމަށް ރެކޯޑްތަކުން ދައްކައިފި އެވެ.

ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި، މިދިޔަ ފަސް ދުވަހު ވެސް މި ސަރަހައްދުގައި އެއާ ކޮލިޓީ އިންޑެކްސްގެ އެވްރެޖު ހުރީ 125 އަށް ވުރެ މަތީގަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި ސަރަހައްދުގައި ވައިގެ ނުސާފުކަން ހުރީ ވަރަށް މަތީގަ އެވެ. އެ ދުވަހު ވައިގެ ނުސާފުކަން އެންމެ މަތިވި ވަގުތު ހުރީ 149 ގަ އެވެ. މިދިޔަ ހުކުރު ދުވަހު 153 ގައި ހުރި އިރު، ހޮނިހިރު ދުވަހު ހުރީ 125 ގަ އެވެ. އިއްޔެ 161 އަށް މަތިވި އިރު، މިއަދު ވެސް އުޅެނީ 159 އިން މަތީގަ އެވެ.

މިދިޔަ ފަސް ދުވަހު މާލެ ސަރަހައްދުގައި ވައިގެ ނުސާފުކަން ހުރި ވަރު.

މިދިޔަ ފަސް ދުވަހު މާލެ ސަރަހައްދުގައި ވައިގެ ނުސާފުކަން ހުރި ވަރު.

އެއާ ކޮލިޓީ މިންކުރުމަށް ހަ ކުލައެއްގެ އެލާޓުތައް ބޭނުންކުރެ އެވެ. އެއީ؛

• 0-50: ފެހި އެލާޓް، ހާލަތު ރަނގަޅު

• 51-100: ރީނދޫ އެލާޓް، މެދުމިނެއް

• 101-150: އޮރެންޖު އެލާޓް، ހައި ރިސްކް މީހުންނަށް ނުރައްކާތެރި

• 151-200: ރަތް އެލާޓް، ނުރައްކާތެރި

• 201-300: ވައިލެޓް އެލާޓް، ވަރަށް ނުރައްކާތެރި

• 301 އަށް ވުރެ މަތި: ދަނބު އެލާޓް، އިންތިހާއަށް ނުރައްކާތެރި

ނުސާފު ވައި ފަށަލަ ފާހަގަވާ ހިސާބު، ރާއްޖެ މަތިން ފެންނަ ގޮތް.-- ފޮޓޯ: މައުމަން ސައުދު

ނުސާފު ވައި ފަށަލަ ފާހަގަވާ ހިސާބު، ރާއްޖެ މަތިން ފެންނަ ގޮތް.-- ފޮޓޯ: މައުމަން ސައުދު

ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ބަލާއިރު، ދ. ކުޑަހުވަދޫ ކައުންސިލްގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، މިދިޔަ ފަސް ދުވަހު އެ ސަރަހައްދުގައި ވައިގެ ނުސާފުކަން ހުރީ 104 އިން މަތީގަ އެވެ.

އައްޑޫ ސިޓީ ކައުންސިލްގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، މިދިޔަ ފަސް ދުވަހު އެ ސަރަހައްދުގައި ވައިގެ ނުސާފުކަން ހުރީ 88 އިން މަތީގަ އެވެ. ލ. ގަމު ކައުންސިލްގައި ހުރި ސިސްޓަމުން ދައްކާ ގޮތުގައި، އެ ސަރަހައްދުގައި ވައި ނުސާފުކަން ވެސް ހުރީ ހަމަ އެހާ ވަރުގަ އެވެ.

ށ. ފުނަދޫ ކައުންސިލްގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި، މިދިޔަ ފަސް ދުވަހު އެ ސަރަހައްދުގައި ވައިގެ ނުސާފުކަން ހުރީ 75 އިން މަތީގަ އެވެ. އަދި ފުވައްމުލަކުގައި ހުރީ 89 އިން މަތީގަ އެވެ.

މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ ޖައްވު ވަނީ ވަރަށް ބޮޑަށް ތަޣައްޔަރުވެފަ އެވެ.

މި ހާލަތުގައި ގެއިން ބޭރުގައި އުޅޭ ވަރު މަދުކޮށް، އަދި ބޭރަށް ނުކުންނަ ނަމަ އެންމެން ވެސް މާސްކް އަޅަން އިރުޝާދު ދީފައިވެ އެވެ. އަދި ގޭތެރެއަށް ނުސާފު ވައި ވަނުމުގެ ފުރުސަތު ކުޑަކުރުމަށް ދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން އިރުޝާދު ދީފައިވެ އެވެ.

މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެއަށް، ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ކުރެ އެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.

ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މި އަހަރު ރާއްޖެއަށް ހޭޒްގެ އަސަރުކުރާ ވަރު އެހެން އަހަރުތަކަށް ވުރެ މާ މަތި ކަމަށް ލަފާކުރެވެ އެވެ. އަދި އާންމު ދިރިއުޅުމަށް މިކަމުން އަސަރުކޮށް، ބަލިތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވި އެވެ.

އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ މި ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން، ލޮލަށް ފެންނަ ދުރުމިން ދަށްވެ އެވެ. އެކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވެސް އުނދަގޫވެ އެވެ. އަދި ސިއްހީ އެތައް މައްސަލައެއް ވެސް ކުރިމަތިވެ އެވެ.