Roadha Mihaaru

މާލެ ސަރަހައްދުގައި ނުރައްކާތެރިވާ މިންވަރަށް ވައި ނުސާފު، މާސްކު އަޅަން ޖެހޭ!

މާލެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަށް ތަޣައްޔަރު ވެފައިވާ ކަމަށް ވިލިމާލޭގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކައިފި އެވެ.

ނުރައްކާތެރިވާ މިންވަރަށް ވައި ނުސާފު!
އިފްރާޒް އަލީ
އިފްރާޒް އަލީ

19 ޖެނުއަރީ 2025

މާލެ ސަރަހައްދުގެ ވައި ނުރައްކާތެރި މިންވަރަށް ތަޣައްޔަރު ވެފައިވާ ކަމަށް ވިލިމާލޭގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކައިފި އެވެ.

ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މި ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 156 ގަ އެވެ. އެއީ ސިއްހަތަށް ވަރަށް ނުރައްކާތެރި މިންވަރެކެވެ.

މާލެ ސަރަހައްދުގެ ވައި މި ވަރަށް ނުސާފުކޮށް ހުންނަތާ މިހާރު ދެތިން ދުވަސް ވެއްޖެ އެވެ.

މި ހާލަތުގައި ގެއިން ބޭރުގައި އުޅޭ ވަރު މަދުކޮށް، އަދި ބޭރަށް ނުކުންނަ ނަމަ އެންމެން ވެސް މާސްކް އަޅަން އިރުޝާދު ދީފައިވެ އެވެ. އަދި ގޭތެރެއަށް ނުސާފު ވައި ވަނުމުގެ ފުރުސަތު ކުޑަކުރުމަށް ދޮރުތައް ބަންދުކޮށްފައި ބެހެއްޓުމަށް ވެސް އިރުޝާދު ދީފައިވެ އެވެ.

ށ. ފުނަދޫ ކައުންސިލްގައި ހުރި އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 76 ގަ އެވެ. ލ. ގަން ކައުންސިލްގައި ހުރި ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުގައި އެ ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 82 ގަ އެވެ.

އެއީ ސިއްހަތަށް ނުރައްކާވާ މިންވަރެކެވެ. އެ މިންވަރުގައި ހުންނަ ނަމަ ހައި ރިސްކު މީހުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ އެވެ. އެހެންވެ، އެ މީހުން ބޭރަށް ދާއިރު މާސްކު އަޅަން އިރުޝާދު ދީފައިވެ އެވެ.

މި މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ ޖައްވު ވަނީ ވަރަށް ބޮޑަށް ތަޣައްޔަރުވެފަ އެވެ.

މިހާރު އާންމުކޮށް ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމުގައި ރާއްޖެ އަށް، ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ކުރެ އެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރު ވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.

ނަމަވެސް، މި އަހަރު އިރުވައި މޫސުން ފެށުމުގެ ކުރިން ވެސް ރާއްޖެ އަށް ހޭޒްގެ އަސަރުކުރި އެވެ. އާންމުކޮށް ރާއްޖެ އަށް ހޭޒްގެ އަސަރު ކުރަނީ އިރުވައި މޫސުމުގެ އުތުރު ހަޅައިގައި ބޭ އޮފް ބެންގަލްގެ ކަނޑުން އަންނަ ވަޔާ އެކުގަ އެވެ. އެކަމަކު، މި އަހަރު އިރުވައި މޫސުމުގެ ހަޅަ ޖަހަން ފެށުމުގެ ކުރިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅުގައި ހޭޒްގެ އަސަރު ފެނުނެވެ. އޭރު ތަޣައްޔަރު ވައި އައީ އަރަބި ކަނޑުންނެވެ. އޭގެ، ސަބަބެއް ކަމަށް ބެލެވުނީ އުތުރު އިންޑިއާގެ ސަރަހައްދުގައި އެ ދުވަސްވަރު އުފެދުނު ބާރުގަދަ ތޫފާން "ފެންގާލް"ގެ ވައިގެ މިސްރާބު ހުރި ގޮތުން ކަމަށެވެ.

މި ފަހަރު ރާއްޖެ އަށް އިރުވައި މޫސުން ފެށުނީ އެހެން އަހަރުތަކަށް ވުރެ މާ ލަހުން، މި މަހުގެ ދެވަނަ ދުވަހު އެވެ.

އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ މި ތަޣައްޔަރު ވައިގައި އެކުލެވިގެން ވަނީ ހިރަފުހާއި ކާރުހާނާތަކުން އަރާ ދުމެވެ. ދުން ގިނަވެ، ފުސްވުމުގެ ސަބަބުން، ލޮލަށް ފެންނަ ދުރުމިން ދަށްވެ އެވެ. އެކަމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވެސް އުނދަގޫވެ އެވެ. އަދި ސިއްހީ އެކި މައްސަލަތައް ވެސް ކުރިމަތިވެ އެވެ.