ސަރުކާރުގެ "އީވީ ޓެކްސީ ލައިން" ފެށުމުން މިހާރު ޓެކްސީގެ ހިދުމަތް ދޭ އަމިއްލަ ވިޔަފާރިތަކަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށާއި ވާނީ ފައިދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
12 ފެބުރުއަރީ 2025
ސަރުކާރުގެ "އީވީ ޓެކްސީ ލައިން" ފެށުމުން މިހާރު ޓެކްސީގެ ހިދުމަތް ދޭ އަމިއްލަ ވިޔަފާރިތަކަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށާއި ވާނީ ފައިދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާ އެކު ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމަށް ހ. މީރުމާ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، ޓެކްސީގެ ހިދުމަތަކީ މިހާރު އާންމުންގެ އަސާސީ ބޭނުމަކަށް ވާތީ، އެ ހިދުމަތުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އެ ހިދުމަތް ހޯދުމުގައި މިހާރު ހުރި ދަތިތަކެއް، ލުޔެއް ހޯދައިދޭން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން އެމްޓީސީސީއާ އެކު ޓެކްސީ ހިދުމަތް ތައާރަފްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މިނިސްޓަރު ވިދާޅުވި ގޮތުގައި، ޓެކްސީގެ ހިދުމަތް ހޯދުމުގައި އާންމުންނަށް ވަރަށް ގިނަ ދަތިތަކެއް ހުރިކަން ޓްރާންސްޕޯޓް މިނިސްޓްރީން ކުރި ބައެއް ދިރާސާތަކުން އެނގެ އެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ދަތިތަކަކީ؛
• ޓެކްސީގެ ހިދުމަތުގެ ފެންވަރު ދަށްވުމާއި ރައްކާތެރިކަން ކަށަވަރު ނުވުން.
• ބައެއް ސަރަހައްދުތަކަށް ދަތުރުތައް ނުކޮށްދީ، ޑްރައިވަރުން ބޭނުންވާ ތަންތަނަށް އެކަނި ދަތުރުތައް ކޮށްދިނުން.
• މުހިންމު ގަޑިތަކުގައި ޓެކްސީގެ ހިދުމަތް ނުލިބުން.
• ޑްރައިވަރުން ބޭނުން އަގެއް ނަގައިގެން ދަތުރުތައް ކުރުން.
އަމީން ވިދާޅުވީ ޓެކްސީ ހިދުމަތުގެ ފެންވަރު ދަށްވީ، އެ ހިދުމަތް ރެގިއުލޭޓްކުރަން ސަރުކާރުން ގަވާއިދުތައް ހެދި ނަމަވެސް، މޮނީޓަކުރެވޭނެ ރަނގަޅު ނިޒާމެއް ނެތުމުން ކަމަށެވެ.
"ސަރުކާރުން މިހާރު ނިންމާފައި ވަނީ މި ޓެކްސީ ލައިނަކީ 100 ޕަސެންޓް، ތިމާވެއްޓާ ރަށްޓެހި، އީވީ ޓެކްސީ ލައިނެއްގެ ގޮތުގައި ތައާރަފުކުރަން،" އަމީން ވިދާޅުވި އެވެ.
"ނަމަވެސް، މި ހިދުމަތް މިގޮތަށް ފެށީމަ، ރެގިއުލޭޓް ކުރެވުނީމަ، އެއާ ގުޅިގެން އަމިއްލަ ފަރާތްތަކުން ދެއްވާ ހިދުމަތްތައް ވެސް އެ ސްޓޭންޑާޑަށް ބަދަލުވެގެންދާނެ ކަން އެނގޭ، އަޅުގަނޑުމެންނަށް މިހާރު ފެންނަން އޮތް ހަގީގަތެއް."
ސަރުކާރުން ފަށާ ޓެކްސީ ހިދުމަތާ ގުޅޭ މައުލޫމާތު ހިމަނާފައިވާ ފޮތެއް މީހަކު ހުޅުވައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ޓެކްސީގެ ހިދުމަތް ދެމުން އަންނަ އަމިއްލަ ފަރާތްތަކަށް މިހާރު ވެސް އެ ހިދުމަތް ދެމުން އަންނަ ގޮތަށް ދެވޭނެ ކަމަށާއި އަމިއްލަ ފަރާތްތަކަށް ވެސް ސަރުކާރުގެ ޓެކްސީ ލައިންއާ ގުޅިގެން ހިދުމަތް ދިނުމުގެ ފުރުސަތު ދޭނެ ކަމަށް އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް ދޭ ކަމަށެވެ.
"ވުމާ އެކީގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިފަދަ ޓެކްސީ ލައިނެއް ހެދުމުން މިއަދު ޓެކްސީގެ ހިދުމަތުގައި ތިއްބަވާ ބޭފުޅުންނަށް މީގެން ލިބޭނެ ދަތިކަމެއް ވެސް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި، އެމްޓީސީސީން މި ހިދުމަތް ދޭނީ ގެއްލުން ނުވާނެ، ދެމެހެއްޓެނިވި ނިޒާމެއްގެ ތެރެއިންނެވެ. މި ހިދުމަތް ދިނުމަށް ސަރުކާރުން އެމްޓީސީސީ އަށް އެއްވެސް ސަބްސިޑީއެއް ނުދޭނެ އެވެ.
• 24 ގަޑިއިރު ހިދުމަތް ލިބޭނެ.
• ފުލް ޓައިމް އަދި ޕާޓް ޓައިމް ޑްރައިވަރުންނަށް ވަޒީފާގެ ފުރުސަތު.
• މެކޭނިކަލް މުވައްޒަފުންނާއި އޮޕަރޭޝަނަލް މުވައްޒަފުން އަދި ސާފުކުރާ މުވައްޒަފުންނަށް ވަޒީފާގެ ފުރުސަތައް ހުޅުވާލާނެ.
• ޕާޓްޓައިމް މުވައްޒަފުންނަށް މުސާރަ ދޭނީ ކޮންމެ ދެ ހަފުތާއަކުން.
• ރަށްރަށުގައި އުޅޭ މީހުން އެކި ބޭނުންތަކުގައި މާލެ އައިސް އުޅޭ ދުވަސްވަރު އިތުރު އާމްދަނީއެއް ހޯދުމަށް ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި ކުރު މުއްދަތަކަށް ވެސް މަސައްކަތް ކުރެވޭނެ.
• ކުރީ ބައިގައި ޓެކްސީ ބުކް ކުރެވޭނެ.
• ހިދުމަތް ދޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށް.
ޓެކްސީ ލައިން ތައާރަފުކުރަން އެމްޓީސީސީއާ ހަވާލުކޮށްފި
"ޓެކްސީ ޑްރައިވަރުންނަށް ގެއްލުންވާނެ ގޮތެއް ނުހަދާނެ"
ޑްރައިވަރުންގެ އަގު ވައްޓާލުމުން ކަންބޮޑުވޭ:އަވަސްއެޕް
ޓެކްސީތަކަށް ހާއްސަ ޕާކިން ޒޯނެއް ހަދަނީ
އަމީނަށް އިތުބާރުކޮށް، މުޒާހަރާ ހުއްޓާލައިފި
ޓެކްސީ މީޓަރު ހަރުކުރަން އެންމެން ވެސް ބޭނުންވޭ!
ސަރުކާރުން ޓެކްސީ ހިދުމަތަށް ނުވަނުމަށް ގޮވާލައިފި
ޑޮމެސްޓިކް ޓާމިނަލަށް ދާ ނަމަ އިތުރު ޗާޖެއް!
ޓެކްސީ ކުރެވޭނެ އަގުތައް އަލުން ކަނޑައަޅައިފި
ބަލަބަލައި ތިއްބާ ޓެކްސީގެ މައްސަލަ އަތްނުފޯރާ ފަށަށް