Roadha Mihaaru

ހާލަތަށް ރިއާޔަތް ނުކޮށް، ޓެކްސީ ޑްރައިވަރުންގެ އަގު ވައްޓާލުމުން ކަންބޮޑުވޭ: އަވަސްއެޕް

މާލޭގެ މަގުތަކުގެ ހާލަތަށް ރިއާޔަތްނުކޮށް، ސަރުކާރުން ޓެކްސީ ޑްރައިވަރުންގެ އަގު ވައްޓާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މާލޭގައި ޓެކްސީގެ ހިދުމަތްދޭ އަވަސް އެޕް އިން ބުނެފި އެވެ.

ޑްރައިވަރުންގެ އަގު ވައްޓާލުމުން ކަންބޮޑުވޭ:އަވަސްއެޕް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

16 ފެބުރުއަރީ 2025

މާލޭގެ މަގުތަކުގެ ހާލަތަށް ރިއާޔަތްނުކޮށް، ސަރުކާރުން ޓެކްސީ ޑްރައިވަރުންގެ އަގު ވައްޓާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މާލޭގައި ޓެކްސީގެ ހިދުމަތްދޭ އަވަސް އެޕް އިން ބުނެފި އެވެ.

ސަރުކާރުން މާލޭ ސަރަހައްދުގައި ޓެކްސީ ފްލީޓެއް ހެދުމަށް ނިންމައި އެކަން އިއުލާން ކުރުމާ ގުޅިގެން، ޓެކްސީގެ ހިދުމަތް ދެމުންދާ އަވަސް އެޕުން ނެރުނު ބަޔާނެއްގައި ބުނީ ޓެކްސީގެ ހިދުމަތް ދިނުމުގައި އަމަލު ކުރަންޖެހޭ އުސޫލުތަކާއި ރަނގަޅު ކުރަންޖެހޭ ކަންކަން ސަރުކާރުން ސާފުކޮށް އަންގާފައިނުވާ ކަމަށެވެ.

ޑްރައިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް މިނިސްޓްރީން އަޅާފައިނުވާ ކަމަށާއި ބައެއް ޑްރައިވަރުން ދަތުރުތައް ނުކުރާ ކަމުގެ ޝަކުވާ ކުރާއިރު، އޭގެ އަަސްލު ސަބަބުތައް ދެނެގަތުމަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ޓެކްސީ ޑްރައިވަރުންނާ ރައީސް ބައްދަލު ކުރެއްވިއިރު އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އުއްމީދުތަކެއް ދެއްވި ކަމަށް އެ ބަޔާނުގައިވެ އެވެ. އެކަމަކު މިދިޔަ ބުދަ ދުވަހު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ވާހަކަ ދެއްކެވީ އެއާ ދެކޮޅަށް ކަމަށް އެ ބަޔާނުގައިވެ އެވެެ.

އަވަސް އެޕްގެ ދަށުން 1،500 އެއްހާ ޑްރައިވަރުން މަސައްކަތް ކުރަމުން ދަނިކޮށް، ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފު ކުރުމަކީ ޓެކްސީ ދުއްވާ ފަރާތްތަކާއި ޓެކްސީ ސެންޓަރު ހިންގާ ފަރާތްތަކާއި އަދި ކުއްޔަށް ކާރު ދޫކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށް، ކުދި ވިޔަފާރިތަކަށް ގެއްލުންވެ އަދި ހަމަހަމަ ވާދަވެރިކަން ނެތިގެންދާނެ ކަމެއް އެ ބަޔާނުގައިވެ އެވެ.

"މި ނިންމުމުގެ ސަބަބުން މި ދާއިރާގައި ރަޖިސްޓްރީވެ، އާމްދަނީ ލިބެމުން ގެންދާ 10،000 އަކަށް މީހުންނަށް ސީދާ ނޭދެވޭ އަސަރުކޮށް އެ ފަރާތްތަކުގެ ހައްގުތަކަށް އަރައިގަނެވޭނެކަން ފާހަގަ ކުރަމެވެ،" ޓެކްސީ ދާއިރާގައި ހިދުމަތްދޭތާ 15 އަހަރުވެފައިވާ އެ ކުންފުނިން ބުންޏެވެ.

އެ ބަޔާނުގައިވަނީ ޓެކްސީގެ ހިދުމަތް ސަރުކާރުން ފަށަން ނޫޅޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ލިޔުމުން އެންގުމަށްފަހު އެކަމާ ދެކޮޅަށް އަމަލު ކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ބޮޑު ނިންމުމެއް ނިންމިއިރު އެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މަޝްވަރާ ހޯދާފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ޓްރާންސްޕޯޓް މިނިސްޓްރީއާ ހިއްސާ ކުރިޔަސް، އެ މުއައްސަސާއިން ޒިންމާދާރު ގޮތެއްގައި އެއްބާރުލުންދީފައިނުވާ ކަމަށް ވެސް އަވަސް އެޕުން ބުނެ އެވެ.

މިދިޔަ ބުދަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ޓެކްސީ ލައިނެއް ތައާރަފު ކުރަން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. ސަރުކާރުން ދޭ ޓެކްސީގެ ހިދުމަތް 24 ގަޑިއިރު ދޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.