Roadha Mihaaru

ލަވައެއް ހިޓެއް: މެޒޯގެ އުޑުން ނުއޮއްސުނު ތަރި

12 ޖޫން 2017

"އުޑުން ތަރިތަކާ" ހަމަ އަށް އަރައިގެން ދިއުމުގެ ކުރިން މުހައްމަދު މާޖިދު ނުވަތަ މެޒޯ މުހައްމަދު މަޝްހޫރުކަން ހޯދީ "އަންހެން އަޑުން" ލަވަކިޔާ ފަންނުވެރިއެއްގެ ގޮތުގަ އެވެ. "ފޯސެޓް މުހައްމަދެއް" ލަވައިގެ ދުނިޔެ އަށް ތައާރަފްކޮށްދިނީ އޭނާގެ ބޭބެ އަދި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކުޑަދޮން އަބްދުއްސައްތާރު ހިންގެވި މަޝްހޫރު މިއުޒިކް ގްރޫޕެއް ކަމުގައިވީ ކްލަބް ކޯބްރާޒް އިންނެވެ.

އަހުމަދު ނަދީމް އަހުމަދު ނަދީމް

"އުޑުން ތަރިތަކާ" ހަމަ އަށް އަރައިގެން ދިއުމުގެ ކުރިން މުހައްމަދު މާޖިދު ނުވަތަ މެޒޯ މުހައްމަދު މަޝްހޫރުކަން ހޯދީ "އަންހެން އަޑުން" ލަވަކިޔާ ފަންނުވެރިއެއްގެ ގޮތުގަ އެވެ. "ފޯސެޓް މުހައްމަދެއް" ލަވައިގެ ދުނިޔެ އަށް ތައާރަފްކޮށްދިނީ އޭނާގެ ބޭބެ އަދި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކުޑަދޮން އަބްދުއްސައްތާރު ހިންގެވި މަޝްހޫރު މިއުޒިކް ގްރޫޕެއް ކަމުގައިވީ ކްލަބް ކޯބްރާޒް އިންނެވެ.

އޭރު އެމީހުން ޝޯތައް ދީ އުޅުނީ ދަމާގާޑިޔަލުގަ އެވެ. ދަމާގާޑިޔަލަށް ސައުންޑް ސިސްޓަމު އަރުވައިގެން ފަހަރަކު ގެއަކަށް މަޑުކޮށް 15 ރުފިޔާގެ މަގުން ޝޯތައް ކުޅެމުން ގެންދިޔައީ އެވެ. އޭރު އަދި މި މެޒޯ މޯޑެއް ލޮލަކަށް ނުވެސް ފެނެ އެވެ.

"އަޅުގަނޑު އޭރު އަރާނީ އަންހެން ބައި އަންނަ ލަވަތަކުގައި އެ ބައި ކިޔަން. އުމުރުން އެގާރަ ބާރަ އަހަރުގައި ލަވަކިޔައި އުޅުނީ މުޅިން ވެސް އަންހެން އަޑުން. އޭރު ރާއްޖޭގައި އަންހެން ލަވަކިޔުންތެރިން ވަރަށް މަދުވާނެ ދިވެހި ބޭންޑްތަކުގައި. އެހެންވީމަ ހުރިހާ މިއުޒިކް ގްރޫޕެއްގައި ވެސް ހުންނާނެ ފޯސެޓް އަޑު ބޭނުންކޮށްގެން އަންހެން އަޑުން ލަވަކިޔާ މީހެއް،" ޅަ ދުވަސްވަރުގެ ހަނދާންތަކުން މުހައްމަދު ކިޔައިދިނެވެ.

އޭނާ އަށް މިހާރު 52 އަހަރުވީ އެވެ. މިއަދު މެޒޯ މުހައްމަދަކީ ދިވެހިން ފަހުރުވެރިވާ ފެންވަރުގެ މިއުޒިކާއި ލަވަތަކާ އެކު ދިވެހި މިއުޒިކީ އުދަރެހުގައި ފިސާރި ލެޖެންޑަކަށް ބަދަލުވެފައިވާ ފަންނާނެކެވެ. މިހާތަނަށް ހަތަރު އަލްބަމަކާ އެކު 40 އަށް ވުރެ ގިނަ އަމިއްލަ ރާގު އާންމުންނާ ހަމަ އަށް ގެނެސްދީފައިވާއިރު މެޒޯ މުހައްމަދަކީ އަބަދުވެސް ހިޓެކެވެ.

ލަވައެއް ހިޓެއްގެ މި ސެގްމަންޓުގައި ކުޅޭނީ ކޮން ލަވައެއްކަން ނިންމަން ވެސް އުނދަގޫވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ގާތްގަނޑަކަށް 40 އަހަރުވީ ދިގު ކެރިއަރުގެ އެންމެ ހާއްސަ ލަވަތައް ހޮވަން އޭނާ އަށް އުނދަގުލެވެ.

"އެންމެ ފަހު އަލްބަމްގެ ނަމަ އިންސާނެއްހޭ. އުޑުން ތަރިތައް. ވިސްނާ ވިސްނާ. މަސްތު. ވާގޮތަކީ ލައިފާ ބެހޭ ލަވަތައް ގިނަވީމަ ވަރަށް އުނދަގޫ އެކަހަލަ ހޮވަން،" އަމިއްލަ ލަވަތަކުގެ ތެރެއިން އެންމެ ކަމުދާ ލަވަތަކުގެ ލިސްޓެއް ދޭން ބުނުމުން މުހައްމަދު ބުނީ މިހެންނެވެ.

90ގެ އަހަރުތަކުގައި ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި "މެޒޯ" ބޭންޑާއެކު ނުކުތުމުގެ ކުރިން ކްލްބް ކޯބްރާޒް އާއި ކްރީމް އޮފް އެސިޑް އަދި އޭރުގެ މަޝްހޫރު ކްއިކް ސޭންޑާއި ޓްވެންޓިއަތު ސެންޗުރީ ބީސީ އަށް ވެސް މުހައްމަދު މިއުޒިކް ކުޅުނެވެ. އޭނާ ބުނަނީ މިހާރު މިއުޒިކް ކުޅެ ލަވަކިޔަނީ "ރިޓަޔަރިން އަދި ރިލެކްސިން" މޫޑުގައި ދެމިހުރުމަށް ކަމަށެވެ.

"ފަށައިގަތުމަށް އަދި މިގޮތުގައި ދެމިހުރުމަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އާންމުންގެ ސަޕޯޓް، މީހުން މަ ގަބޫލުކުރިވަރު. މިހާރު ވީކްލީކޮށް ރިސޯޓް މިއުޒިކް މި ކުޅެނީ ރިޓަޔާޑް މޭންއެއްގެ ގޮތުގައި،" ފަސް ވަނަ އަލްބަމަކަށް ތައްޔާރުވަމުން އަންނަ ތަޖުރިބާކާރު ލަވަކިޔުންތެރިޔާ ބުންޏެވެ.

އެކަމަކު ހަގީގަތަކީ، "ރިޓަޔާޑް މޭންއެއް" ގޮތުގައި މިއުޒިކް ކުޅުނަސް މި މެޒޯ މޯޑެއް ދެން ދުވަހަކު ވެސް ފަނޑުވެގެން ނުދާނެ ކަމެވެ. އޭނާގެ މި ލެގަސީ އާއި އަޑާއި ސިފަ ވެސް މުސްކުޅިވުމެއް ނެތް ފަދަ އެވެ. މި ސެގްމަންޓަށް އޭނާ ހަދިޔާކޮށްފައިވާ ލަވަ "އުޑުން ތަރިތައް" މިއީ ވެސް މުސްކުޅިވުމެއް ނެތް ލަވައެކެވެ.