Roadha Mihaaru

ރޯދަ މަހަށް ތަކެތީގެ އަގު ބޮޑުކުރާނަމަ ސަރުކާރުން ފިޔަވަޅު އަޅާނެ: ސައީދު

މި އަންނަ ރޯދަ މަހަށް ބާޒާރުގައި ތަކެތީގެ އަގު ބޮޑުކުރާ ނަމަ ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށާއި އަގު ބޮޑުވެއްޖެ ނަމަ ކަންކުރާނެ ގޮތުގެ ސިޔާސަތެއް އެކުލަވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ތަކެތީގެ އަގު ބޮޑުކުރާނަމަ ފިޔަވަޅު އަޅާނެ: ސައީދު
އިފްރާޒް އަލީ
އިފްރާޒް އަލީ

15 ފެބުރުއަރީ 2025

މި އަންނަ ރޯދަ މަހަށް ބާޒާރުގައި ތަކެތީގެ އަގު ބޮޑުކުރާ ނަމަ ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށާއި އަގު ބޮޑުވެއްޖެ ނަމަ ކަންކުރާނެ ގޮތުގެ ސިޔާސަތެއް އެކުލަވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ސިލްސިލާކޮށް ގެނެސްދެމުން "އަހާ" ފޯރަމްގެ މިރޭގެ ޕްރޮގްރާމްގައި ސައީދު ވިދާޅުވީ މި އަންނަ ރޯދަ މަހު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވިޔަ ނުދީ، ރައްޔިތުންގެ ޖީބަށް ލުއިފަސޭހަ ވާނެ ގޮތަށް އަގުތައް ކޮންޓްރޯލް ކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މިހާރު ވެސް މުހިންމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.

ސައީދު ވިދާޅުވީ މިދިޔަ އަހަރުގެ ރޯދަ މަހަކީ ތަކެތީގެ އަގުތައް ރާއްޖޭގައި އެންމެ ރަނގަޅަށް ކޮންޓްރޯލް ކުރެވުނު ރޯދަމަސް ކަމަށެވެ. އޭރު އެކަން އެގޮތަށްވީ ރައީސް އޮފީހުގައި އެކަމަށް ހާއްސަކޮށް ކޮމިޓީއެއް އުފައްދައި، ކަމާބެހޭ އިދާރާތައް ގުޅިގެން ކުރި ގިނަ މަސައްކަތްތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯލްޑް ބޭންކުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އާންމުކުރި ރިޕޯޓަކާ ހަވާލާދީ ސައީދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިންފްލޭޝަން ރޭޓް މި އަހަރުގެ މިހާތަނަށް ދާއިރު ހަތް ޕަސެންޓް ހުރަސްކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ރާއްޖޭގެ ތާރީހުގައި ވެސް އިންފްލޭޝަން ރޭޓް އަދި އެ މިންވަރަށް މައްޗަށް އަރާފައެއް ނުވެ އެވެ. ވޯލްޑް ބޭންކުން އެގޮތަށް ލަފާކޮށްފައި ވިޔަސް، ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު، ރާއްޖޭގެ އިންފޭޝަން ރޭޓު ތިން ޕަސެންޓުން ދަށުގައި މެނޭޖް ކުރެވެމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ.

އެކަން އެގޮތަށް ކުރެވުނީ ރައީސް ބޭނުންފުޅުވި ގޮތަށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރެވޭނެ ސިޔާސަތެއް ސަރުކާރުން އެކުލަވާލުމުން ކަމަށް ސައީދު ވިދާޅުވި އެވެ.

ޕީއެސްއެމުން ގެނެސްދޭ "އަހާ" ފޯރަމްގައި މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ޕީއެސްއެމުން ގެނެސްދޭ "އަހާ" ފޯރަމްގައި މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ސައީދު ވިދާޅުވީ އެ ސިޔާސަތުގެ ދަށުން ބާޒާރުގައި 183 ބާވަތެއް އަގު ކޮންޓްރޯލް ކުރަން ލިސްޓެއް ހިމަނާފައިވާއިރު، އޭގެ ތެރެއިން 54 ބާވަތަކީ ސީދާ ރޯދަ މަހު އަގުތައް ހިފެހެއްޓުމަށް އެ ލިސްޓުގައި ހިމަނާފައިވާ ބާވަތްތައް ކަމަށެވެ.

މާކެޓުގައި އެއްވެސް ބާވަތެއްގެ މުދަލެއް އަގު އުފުލިގެންދާ ނަމަ އަޅުގަނޑުމެން އިންޓަވީން ކުރާނަން. އެއީ ޗޮއިސްްއެއް ނޫން، ކުރާނެ: ސައީދު، އިކޮނޮމިކް މިނިސްޓަރު

"މާކެޓުގައި އެއްވެސް ބާވަތެއްގެ މުދަލެއް އަގު އުފުލިގެންދާ ނަމަ އަޅުގަނޑުމެން އިންޓަވީން ކުރާނަން. އެއީ ޗޮއިސްްއެއް ނޫން، ކުރާނެ،" ސައީދު ވިދާޅުވި އެވެ.

"އަސާސީ ބާވަތްތަކުގެ މުދާ އާންމު ރައްޔިތުން ހޯދުމުގައި ދަތިވާނެ ހުރިހާ ކަމެއް، އިރާދަކުރެއްވިއްޔާ ގޮންޖެހުންތަކުގެ ތެރެއިން ވެސް މި ދަނީ ހައްލުކުރަމުން. ދާއިރުގައި ރައީސުލްޖޫމްހޫރިއްޔާ ވެސް ބޭނުންފުޅެއް ނުވޭ، މާލެ އާއި ރަށްރަށުގައި މި ދެންނެވި ބާވަތްތަކުގެ އަގު ބޮޑުވެގެންދާކަށް."

ސައީދު މިގޮތަށް ވިދާޅުވިއިރު، ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ އިން ވަނީ އަގު ހެޔޮކޮށް ކާއްޓާއި ފިޔާ ވިއްކަން ފަށައިފަ އެވެ. މާރުކޭޓުގައި މިހާރު ކާށީގެ އަގު ހުރީ 10ރ. އާއި 25ރ. އާ ދެމެދުގަ އެވެ. އެކަމަކު، އެސްޓީއޯ އިން ނިންމާފައި ވަނީ 5ރ. އަށް ކާއްޓެއް ވިއްކާށެވެ. އަދި ފިޔާ ކިލޯއެއް 16ރ. ވިއްކަން ވަނީ ނިންމައިފަ އެވެ. ބާޒާރުގައި މިވަގުތު ފިޔާ ކިލޯއެއް އުޅެނީ 25ރ. އާއި 30ރ. އާ ދެމެދުގަ އެވެ.