Roadha Mihaaru

ސަސްޓެއިނަބްލް ޓައުންޝިޕް ތަރައްގީކުރަން 790 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކަށް ހުއްދަ ދީފި

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހާ އެއްގޮތްވާ ގޮތުގެ މަތިން، މީހުން ދިރިއުޅެވޭ ގޮތަށް 790 މިލިއަން ޑޮލަރު (12 ބިިލިއަން ރުފިޔާ) ގެ ޓައުންޝިޕެއް ރާއްޖޭގައި ގާއިމްކުރަން ސަރުކާރުން ފުރަތަމަ ފަހަރަށް މިއަދު ބަޔަކަށް ހުއްދަ ދީފި އެވެ.

ޓައުންޝިޕް ހަދަން 790 މިލިއަންގެ އިންވެސްޓްމެންޓެއް
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

09 ޑިސެމްބަރ 2025

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހާ އެއްގޮތްވާ ގޮތުގެ މަތިން، މީހުން ދިރިއުޅެވޭ ގޮތަށް 790 މިލިއަން ޑޮލަރު (12 ބިިލިއަން ރުފިޔާ) ގެ ޓައުންޝިޕެއް ރާއްޖޭގައި ގާއިމްކުރަން ސަރުކާރުން ފުރަތަމަ ފަހަރަށް މިއަދު ބަޔަކަށް ހުއްދަ ދީފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިރޭ ބުނި ގޮތުގައި އެ މިނިސްޓްރީގެ ދަށުން ހިންގާ ބޯޑް އޮފް އިންވެސްޓްމެންޓްސް އިން އެ ހުއްދަ ދިނީ ކްރިސްޓަލް ހޯލްޑިންސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.

"ސަސްޓެއިނަބްލް ޓައުންޝިޕް" ގާއިމްކުރަން އެ ކުންފުންޏަށް ހުއްދަ ދިނީ 790 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އިންވެސްޓްކުރާ ގޮތަށް ޕްރޮޕޯސަލެއް ހުށަހެޅުމުން ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ބޯޑް އޮފް އިންވެސްޓްމެންޓުން ބުނީ ސަސްޓެއިނަބްލް ޓައުންޝިޕް ގާއިމްކުރަން ކްރިސްޓަލް ހޯލްޑިންސް އަށް ދިން ހުއްދައަކީ ހަމައެކަނި "ކޮންވެންޝަނަލް ޓޫރިޒަމް މޮޑެލް" ތަކުގެ އިތުރުން މަލްޓިސެކްޓާ މޮޑެލް އަށް ދާން އެޅި ފާހަގަކޮށްލެވޭ ފިޔަވަޅެއް ކަމަށެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނަށް ގެނައި އިސްލާހު ބުނާގޮތުން ސަސްޓެއިނަބްލް ޓައުންޝިޕަކީ ގާނޫނުގައި ބަޔާންކުރާ ސިފަތަކާއި ވަސީލަތްތަކާ އެކު، ގާއިމްކުރާ ލާޖް ސްކޭލް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެއް ހިމެނޭ ގޮތަށް އަދި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ގޮތަށް އަދި ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކާ އެކު މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމް ކުރުމެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައިވާ ގޮތުން އެ މަޝްރޫއު ފެށުމަށް ހަމަޖެހިފައިވަނީ 2028 ވަނަ އަހަރު އެވެ. އަދި ސަސްޓެއިނަބުލް ޓައުންޝިޕްގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ލަގްޒަރީ ހޮސްޕިޓާލިޓީ ކޮމްޕޯނެންޓަކާ އެކު، އިގުތިސާދީ އިޖުތިމާއީ އެހެން ސެކްޓާތަކުގެ ވަސީލަތްތައް ވެސް ގާއިމްކުރާނެ އެވެ.

އޭގެ ތެރޭގައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ޓޫރިޒަމަށް މީހުން ތަމްރީނުކުރާ މަރުކަޒަކާއި ޒަމާނީ ފެންވަރަށް ދަނޑުވެރި ކަމާއި އެކުއާ ކަލްޗާގެ މަސައްކަތް ކުރާ ނިޒާމުތައް ހިމެނޭނެ އެވެ. އަދި ދަނޑުވެރިކަމާއި އެކުއާކަލްޗާގެ މަސައްކަތް އެ ތަނުގައި ކުރާނީ ރާއްޖޭގެ ފުޑް ސެކިއުރިޓީ އަށް އަމާޒު ކޮށްގެންނެވެ.

މީގެ އިތުރުން ރާއްޖޭން ބޭރުކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އެ ތަނުގައި ބޭނުންކުރާ ހަކަތައިގެ 60 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހަދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ކުރިމަގަށް އަމާޒުކޮށްގެން އިގުތިސާދީ ކުރިއެރުމަށް ކުރާ މަސައްކަތުގައި އެޅި ފިޔަވަޅެއް ކަމަށެވެ. އަދި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންގިލާބީ ތަރައްގީގެ ތަސައްވުރު ހާމަވާ ކަމެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.