Roadha Mihaaru

އަމާޒަކީ އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް، މިހާރު 680 މިލިއަން ޑޮލަރު ޔަގީންވެއްޖެ: ސައީދު

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އިންވެސްޓްމަންޓްގެ ގޮތުގައި 680 މިލިއަން ޑޮލަރު (10 ބިލިއަން ރުފިޔާ) ގެ އިންވެސްޓްމަންޓް ރާއްޖެ އަށް މިހާރު ކަށަވަރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބިލިއަންޑޮލަރުގެ އިންވެސްޓްމަންޓުން ބޮޑު ބައެއް ކާމިޔާބު
މުއިއްޒު އިބްރާހިމް
ސިންގަޕޫރުން މުއިއްޒު އިބްރާހިމް

01 ޖުލައި 2025

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އިންވެސްޓްމަންޓްގެ ގޮތުގައި 680 މިލިއަން ޑޮލަރު (10 ބިލިއަން ރުފިޔާ) ގެ އިންވެސްޓްމަންޓް ރާއްޖެ އަށް މިހާރު ކަށަވަރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރުގައި މިއަދު ކުރިއަށް ގެންދާ މޯލްޑިވްސް-ސިންގަޕޯ ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތްއިރު ރާއްޖެ އޮތީ ބޮޑު ދަރަންޏާއެކު ނާޒުކު ހާލަތެއްގައި ކަމަށް ވިޔަސް މިދިޔަ 16 މަސް ދުވަހު އެކަންކަމުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އަދި ފަސް އަހަރު ތެރޭގައި އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެ ގެންނަން އަމާޒު ހިފާފައިވާއިރު، މިހާރު 680 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކަށަވަރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަންޓު ފޯރަމަށް ރައީސް މުއިއްޒު ވަޑައިގަތުމުން އިކޮނޮމިކް މިނިސްޓަރު ސައީދު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަންޓު ފޯރަމަށް ރައީސް މުއިއްޒު ވަޑައިގަތުމުން އިކޮނޮމިކް މިނިސްޓަރު ސައީދު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

"ސޯލާ ސިޓީގެ މަޝްރޫއުގައި މި ފޯރަމްގެ ތެރެއިން ސޮއިކުރެވިގެން ދިއުމާއެކު އަޅުގަނޑުމެންގެ އެސްއީޒެޑް ކޮމިޓްމަންޓް 680 މިލިއަން ޑޮލަރަށް އިތުރުކުރެވި، އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހޯދުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ،" ސައީދު ވިދާޅުވި އެވެ،

އޭނާ ވިދާޅުވިގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ 2028 ވަނަ އަހަރު ރާއްޖޭ ޖީޑީޕީ 150 ބިލިއަނަށް އިތުރުކޮށް އަދި 2030 ވަނަ އަހަރު ބޮލަކަށް ޖެހޭ އާމްދަނީގެ އަދަދު 17،000 ޑޮލަރަށް އިތުރުކުރުން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަންޓު ފޯރަމަށް ރައީސް މުއިއްޒު ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަންޓު ފޯރަމަށް ރައީސް މުއިއްޒު ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރާއި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ވެސް ބައިވެރިވި އެ ފޯރަމްގައި ސައީދު ވިދާޅުވީ ސިންގަޕޫރުން ހޯދާފައިވާ ތަރައްގީތައް ފާހަގަ ކުރަންޖެހޭ ކަމަށާއި ސިންގަޕޫރަކީ ރާޢްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމްގައި ވެސް ސިންގަޕޫރުގެ އިންވެސްޓަރުންގެ ބައިވެރިވުން ބޮޑު ކަމަށާއި އޭގެ ސަބަބުން ރާއްޖެ އަށް އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގުޅުން އަދިވެސް އެގޮތުގައި ދެމެހެއްޓުން މުހިންމު ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ސިންގަޕޫރާއި ރާއްޖޭގެ ހާރިޖީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ގުޅުން ބަދަހިކުރަން މަސައްކަތްކުރި ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން މިއަދުގެ ހަފުލާގައި އެވޯޑް ދިނެވެ. އެ އެވޯޑް ރާއްޖެ އާއި ސިންގަޕޫރުގެ ވިޔަފާރިވެރިންނަށް ވެސް ދީފައިވެ އެވެ.

އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްގެ ބޮޑު ބައެއް ހާސިލްވެފައިވާ ކަމަށް ސައީދު ވިދާޅުވިއިރު، އެ ފޯރަމްގެ ތެރެއިން މިއަދު ވަނީ ރާއްޖޭގެ ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އިންވެސްޓްމަންޓްގެ އެއްބަސްވުމުގައި ކުންފުންޏަކާއެކު ސޮއިކޮށްފަ އެވެ. އެއީ 187 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ.