Roadha Mihaaru

ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންނަށް ދޭ އިނާމަށް ކުރިމަތިލާން ހުޅުވާލައިފި

ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންނަށް ދޭ އިނާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ހިދުމަތްތެރިންގެ އެވޯޑަށް ހުޅުވާލައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

16 ފެބުރުއަރީ 2025

ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންނަށް ދޭ އިނާމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ ދައުލަތަށް 35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ދޭ އިނާމަށް އަންނަ މަހުގެ 18 ގެ ކުރިން އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ހުށަހަޅޭނެ ކަމަށެވެ. ޕޯޓަލްގެ ލިންކަކީ؛

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ.

އެ އިނާމު ދިނުމުގެ ބޭނުމަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހުލާސްތެރިކަމާއެކު، ކޮށްފައިވާ ހިދުމަތްތަކާއި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތައް ގައުމީ ފެންވަރުގައި އަގުވަޒަންކުރުމަށެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދޭނީ ދައުލަތުގެ މުއައްސަސާއެއް ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ހިދުމަތްކުރި ނުވަތަ ހިދުމަތްކުރާ މުވައްޒަފުންނަށެވެ. އެ މީހެއްގެ ނަން، އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނޫނީ އެހެން ފަރާތަކުން އަދި އެމީހަކު އަމިއްލައަށް ވެސް ހުށަހެޅޭނެ އެވެ.

އިނާމާ ބެހޭ ކޮމެޓީން ވަނީ ހުރިހާ މައުލޫމާތާއި ލިޔުންތަކާއެކު ބޭނުންވާ ރެކޯޑުތައް ހޯދުމަށް އެންމެ ފަހު ވަގުތަށް މަޑުނުކޮށް، އެކަންކަން ދުރާލާ ނިންމަން އެދިފަ އެވެ.

ދައުލަތަށް ހިދުމަތްކުރާ އަދި ހިދުމަތްކޮށްދީފައިވާ މީހުންގެ އަގުވަޒަންކޮށް އެވޯޑު ދޭން ފެށީ 2021 ވަނަ އަހަރު އެވެ.