Roadha Mihaaru
އޭސީސީ މެމްބަރަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

16 ޖެނުއަރީ 2022

މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމުން ފަސް މެމްބަރުން ވެސް އިސްތިއުފާ ދެއްވައި ގާނޫނީ ހުސްކަމެއްގައި އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމުން ފަސް މެމްބަރުން ވެސް އިސްތިއުފާ ދެއްވައި ގާނޫނީ ހުސްކަމެއްގައި އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބަލައި ހުއްޓުވުމުގެ ގާނޫނީ ޒިންމާ އޮތް އޭސީސީ އަށް ފަސް މެމްބަރުން ހޯދަން މިދިޔަ މަހު އިއުލާންކުރި މުއްދަތު ހަމަވަނީ މާދަމާ އަށެވެ. އެކަމަކު ރައީސް އޮފީހުން މިއަދު ވަނީ އެ ކޮމިޝަނަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 31 އާ ހަމައަށް ދަންމާލައި އެކަން ގެޒެޓްގައި އިއުލާންކޮށްފަ އެވެ.

އެގޮތަށް ނިންމީ އެކަށީގެންވާ އަދަދަށް މީހުން ކުރިމަތި ނުލުމުން ކަމެއް ރައީސް އޮފީހުން އަދި ކަށަވަރެއް ނުވެ އެވެ.

އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ފަށައި ސަރުކާރުން މަޝްރޫއުތައް އިއުލާންކުރާ އިރު، އެކަން ބެލުމުގެ ގާނޫނީ ޒިންމާ ހަވާލުކޮށްފައި އޮތް އޭސީސީގައި މެމްބަރުން ނެތުމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އެކަން ފާހަގަކޮށްފައިވާ އިރު، މި މައްސަލަ އިދިކޮޅު ޕީޕީއެމުން ވެސް ވަނީ ނަގައިފަ އެވެ.

މި ވެރިކަމުގައި އޭސީސީ އަށް އައްޔަންކުރި މެމްބަރުން އިސްތިއުފާ ދެއްވައި ކޮމިޝަން ގާނޫނީ ހުސް ކަމަކަށް ދިޔައީ މައްސަލަތައް ބެލުމުގައި ލަސްކަމަށް ބުނެ ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައި އެ ނިންމުން ފާސްކުރުމުގެ ކުރިން މެމްބަރުން އިސްތިއުފާ ދެއްވީ އެވެ.

ކުރީގެ ސަރުކާރުގައި ނޫފޫޒުގެ ދަށުވެފައިވާ ކަަމަށް ތުހުމަތުކުރި މުއައްސަސާ އަށް ފަހުން އައްޔަންކުރި މެމްބަރުންނާ އެކު، އޭސީސީ ނުފޫޒެއްގެ ދަށުނުވެ މަސައްކަތް ކުރަމުން އަންނަނިކޮށް ތުހުމަތުތަކެއް ކުރުމުގެ އެއް ސަބަބަކީ މިނިވަންކަމާ އެކު މަސައްކަތް ކުރާ ތަން ބަލައިނުގަނެވޭ ބަޔަކު ތިބުން ކަމަށް އިސްތިއުފާ ދެއްވި މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

އެ މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ތުހުމަތުތަކުގައި ފެންނަން އޮތީ ކޮމިޝަން މިނިވަންކަމާއެކު މަސައްކަތް ކުރަން ހިފެހެއްޓި ސްޓޭންޑާއެކު ނުފޫޒު ނުފޯރުވުމަކީ މައްސަލައަކަށް ވުން ކަަމަށް ވިދާޅުވެފައިވެ އެވެ.

އެކަމަކު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބުނެފައިވާ ގޮތުގައި ކޮމިޝަނަށް އެކަށީގެންވާ ސްޕީޑުގައި މައްސަލަތަކެއް ނުބެލެ އެވެ. އެކަން ރަނގަޅު ކުރަން އަންގައި ވަގުތު ވެސް ދިން ކަމަށާއި ފަހުން ހެދި އޮޑިޓް އޮފީހުގެ ރިޕޯޓުން ވެސް ފެންނަން އޮތީ އޭސީސީ އަށް މައްސަލަތައް ނުބެލޭ ކަން ކަމަށް ކޮމިޓީގެ މެމްބަރުން ވިދާޅުވެ އެވެ.

އެ މެމްބަރުން ވިދާޅުވެފައި ވަނީ ހަވާލުވި އިރު ވެސް ފުނިޖެހިފައި ހުރި މައްސަލަތައް އަވަސްކުރަން އޭސީސީން ބަދަލުތަކެއް ގެނެސްފައިވާނެ ކަަަމަށެވެ. ކޮވިޑުގެ ގެއްލުނު އަހަރާ އެކު އެ ކޮމިޝަނަށް ލިބުނު ކުރު މުއްދަތެއްގެ ތެރޭގައި މައްސަލަތައް ބެލި ކަމަށާއި އެކަމަކު އެންމެ އެދެވޭ ބާރު މިނުގައި މައްސަލަތައް ނުނިމުނީ އިންވެސްޓިގޭޓަރުން ނެތުމުން ކަން އޭސީސީން ފާހަގަކޮށްފައިވެ އެވެ.