Roadha Mihaaru

ހުޅުލޭ ފަރަށް އުރުނު މޯލްޑިވްސް ވިކްޓްރީގެ ހަނދާންތައް

ފެބްރުއަރީ 13، 1981 ވަނަ ދުވަހުގެ ރޭ 10 ޖަހާލާކަށްހާއިރެވެ. ގައުމީ ޝިޕިން ކުންފުނި އެމްއެސްއެލްގެ އެމްވީ މޯލްޑިވްސް ވިކްޓްރީ ހަލުވި ދުވެއްޔެއްގައި ގާދޫކޮލުން ވަދެގެން އެބަ އާދެ އެވެ. ސިންގަޕޫރުން ބަރުކުރި ހާހެއް ޓަނުގެ މުދާ މާލޭ ވިޔަފާރި ބަނދަރަށް ބޭލުމަށެވެ. ހުޅުލެ އާއި ފުނަދުއާ ދެމެދު އޮންނަ ކަނޑުއޮޅިން ލާފައި މާލެއާ ދިމާލަށް މިސްރާބު ޖަހަން އުޅެނިކޮށް ކެޕްޓަނަކަށް ފެނުނީ، ފުނަދޫ ފަރާ ބޯޓު މާ ކައިރިވެފައި ހުރި ތަނެވެ. އެހެންވެ އެ ތަނުން ނެއްޓެން ވެގެން ކުއްލި އަކަށް އިރުމައްޗަށް އަނބުރާލި އެވެ.

ހުޅުލޭ ފަރަށް އުރުނު މޯލްޑިވްސް ވިކްޓްރީގެ ހަނދާންތައް
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

17 ފެބުރުއަރީ 2025

ފެބްރުއަރީ 13، 1981 ވަނަ ދުވަހުގެ ރޭ 10 ޖަހާލާކަށްހާއިރެވެ. ގައުމީ ޝިޕިން ކުންފުނި އެމްއެސްއެލްގެ އެމްވީ މޯލްޑިވްސް ވިކްޓްރީ ހަލުވި ދުވެއްޔެއްގައި ގާދޫކޮލުން ވަދެގެން އެބަ އާދެ އެވެ. ސިންގަޕޫރުން ބަރުކުރި ހާހެއް ޓަނުގެ މުދާ މާލޭ ވިޔަފާރި ބަނދަރަށް ބޭލުމަށެވެ. ހުޅުލެ އާއި ފުނަދުއާ ދެމެދު އޮންނަ ކަނޑުއޮޅިން ލާފައި މާލެއާ ދިމާލަށް މިސްރާބު ޖަހަން އުޅެނިކޮށް ކެޕްޓަނަކަށް ފެނުނީ، ފުނަދޫ ފަރާ ބޯޓު މާ ކައިރިވެފައި ހުރި ތަނެވެ. އެހެންވެ އެ ތަނުން ނެއްޓެން ވެގެން ކުއްލި އަކަށް އިރުމައްޗަށް އަނބުރާލި އެވެ.

އެ ވަގުތު ބޯޓު ކޮންޓްރޯލް ނުވެގެން ގޮސް ޖެހުނީ ހުޅުލޭގެ ހުޅަނގު ފަރާތު ފަރުގަ އެވެ. ޖެހުނުލެއް ބާރުކަމުން ފަރުމައްޗަށް ބޯޓު އުރި، ވަރަށް ބޮޑަށް ފަޅައިގެން ގޮސް ފޫ ވެއްޓުނެވެ. ދެން ހިނގީ ބަރާބަރު 10 މިނިޓެވެ. ބޯޓުގެ އެތެރެއަށް 12 ފޫޓަށް ލޮނު ވަދެ އެއްކޮށް ދިޔަވާން ފެށި އެވެ. ފެން ހިންދަން ޕަމްޕުތައް ހިންގާލި ނަމަވެސް، ކާމިޔާބެއް ނުލިބި އެރޭ ފަތިހު ހަތަރެއް ޖެހިއިރު 10،000 ޓަނުގެ އެ ބޯޓު އެއް ފަރާތަކަށް އަރިވެގެން ގޮސް ހުރި ދިމާލުން ތެދަށް ކަނޑުގެ 36 މީޓަރު ފުނަށް އަޑިޔަށް ދިޔަ އެވެ.

މީގެ 44 އަހަރު ކުރިން ހިނގި މި ހާދިސާގައި 31 ފަޅުވެރިންނާއި ޗުއްޓީ އަށް މާލެ ފައިބަން އައި ހަތަރު ސީމަނުން ހިމެނޭހެން ބޯޓުން ދަތުރުކުރި 35 މީހުން އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތް ކުރެވުނެވެ. އެކަމަކު އެސްޓީއޯ އާއި އަމިއްލަ ވަރަށް ގިނަ ވިޔަފާރިވެރިންގެ މުދަލަށް ގެއްލުންވެ، އަސާސީ އެތައް މުދަލަކަށް ރާއްޖެ ޖެހެން މެދުވެރިވި މި ހާދިސާ އަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރުކުރުމުގެ ސިނާއަތުގައި މިހާތަނަށް ހިނގި އެންމެ ހިތާމަވެރި އެއް އެކްސިޑެންޓެވެ.

އެމްއެސްއެލްގެ އެންމެ ބޮޑު އެއް ބޯޓު ކަމަށްވާ މޯލްޑިވްސް ވިކްޓްރީ.

އެމްއެސްއެލްގެ އެންމެ ބޮޑު އެއް ބޯޓު ކަމަށްވާ މޯލްޑިވްސް ވިކްޓްރީ.

މި ހާދިސާގެ ހަނދާންތައް އިހަކަށް ދުވަހަކު އަނެއްކާ ވެސް އާވީ، ބޯޓު ފެތުނު ސަރަހައްދަށް އޭރު ފީނި ޖަރުމަނުގެ މަޝްހޫރު ކަނޑުއަޑީގެ ފޮޓޯގްރާފަރު ކާޓް އަމްސްލަރް، ފޮޓޯތަކެއް ފޭސްބުކުގައި އާއްމުކުރުމުންނެވެ. ވަރަށް ގިނަ ދިވެހީންގެ ޝައުގުވެރިކަން ދަމައިގަތް އެ ފޮޓޯތަކުގެ ތެރޭގައި ޑެކުމައްޗާއި ވީލްހައުސް އާއި މުދާ އަޅާފައިވާ ލަކުޑި ފޮށިތަކުގެ މަންޒަރު ފެނެ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވުނީ، އަމްސްލަރް ބުނެފައިވާ ގޮތުން ނަމަ ރާއްޖޭގެ ރައީސަށް ގެނައި މަޒްޑާ ކާރުގެ ފޮޓޯ އެވެ.

"ބޯޓުގެ ޑެކުގައި އޮތް ރައީސް ދުއްވަވަން ގެނެސްފައި އޮތް މަޒްޑާ މަރުކާގެ މުޅިން އާ ކާރެއް. އޭތި ސަލާމަތް ކުރެވުނު. އެކަމަކު ލޮނުގައި އެހެން އޮވެއޮވެ (ހަލާކުވުމުގެ ސަބަބުން) އޭތި މާލޭގެ މަގެއްގެ މަތީގައި ދުއްވިހެނެއް ހިޔެއް ނުވޭ،" ބޯޓު ފެތުނުތާ ފަސް ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދަށް ފީނި ކާޓް ލިޔެފައިވެ އެވެ.

މޯލްޑިވްސް ވިކްޓްރީ އަކީ، އޭރު މުޅި އޭޝިއާގައި ވެސް އޮތް އެންމެ ވަރުގަދަ އެއް ޝިޕިން ލައިން ކަމަށްވާ ރާއްޖޭގެ އެމްއެސްއެލް އިން 1971 ވަނަ އަހަރު ގަތް ބޯޓެކެވެ. ރައީސް އިބްރާހީމް ނާސިރުގެ ދައުރުގައި ސްރީ ލަންކާއާ ރާއްޖޭން ވިޔަފާރީގެ ގުޅުން ކަނޑާލައި ސިންގަޕޫރުން މުދާ ގެންނަން ފެށުމުން އެ ބޯޓުވީ، އެމްއެސްއެލްގެ އެންމެ މުހިއްމު އެއް އުޅަނދަށެވެ.

މޯލްޑިވްސް ވިކްޓްރީގައި އޮތް ކާރު: މި ކާރު ފެންމައްޗަށް ނެގި ނަމަވެސް ބޭނުމެއް ނުކުރެވުނު. -- ފޮޓޯ: ކާޓް އަމްސްލަރް

މޯލްޑިވްސް ވިކްޓްރީގައި އޮތް ކާރު: މި ކާރު ފެންމައްޗަށް ނެގި ނަމަވެސް ބޭނުމެއް ނުކުރެވުނު. -- ފޮޓޯ: ކާޓް އަމްސްލަރް

ފެބްރުއަރީ 3 ވަނަ ދުވަހު ސިންގަޕޫރުގެ ކެޕެލް ބަނދަރުން މުދާ ބަރުކޮށްގެން އެ ބޯޓު ފެށީ، އޭގެ ކެޕްޓަން ފެލީކްސް ޓިޕާސްގެ ރާއްޖޭގެ ދެ ވަނަ ދަތުރެވެ. އޭނާގެ ފުރަތަމަ ދަތުރުގައި ވެސް ދިމާވީ ދެރަ ގޮތެކެވެ. ބޯޓުގެ ޗީފް އިލެކްޓްރިކަލް އޮފިސަރު މުހައްމަދު ސައީދުއާ ހަވާލާދީ 'ޕަޑީ ބްލޮގް' ގައި ލިޔެފައިވާ ގޮތުގައި ކެޕްޓަނަށް އެ ފަހަރު ސިންގަޕޫރާއި މާލޭގެ ދުރުމިން ނުބައިކޮށް ހިސާބުޖެހި ވަދެވުނީ ވާވު އަތޮޅަށް ކަމަށެވެ.

އޭނާގެ ދެ ވަނަ ދަތުރުގައި، އެ ފަހަރު ގާދޫކޮލުން ވަންނަން ދިމާކުރީ ވެސް އޭރުގެ އުސޫލާ ހިލާފަށެވެ. ހުޅުލޭ ކޮޅުގައި ކުރިން ވަކިން އޮންނަ، އަދި މިހާރު އެ ރަށާ އެއްކޮށްފައި އޮންނަ ގާދޫ އާއި މާލޭގެ ފުއްޓަރު ފަރާތާ ދެމެދު އޮންނަ މަޝްހޫރު ކަނޑުއޮޅި ރޭގަނޑުގެ އަނދިރީގައި ހުރަސް ކުރުމަކީ އޭރު މަނާކަމެކެވެ.

"ވީ ގޮތަކީ މާލެއިން ސިންގަޕޫރަށް ދިޔަ ރޭ ގާދޫކޮލުން ބޮޑު އުޅަނދެއް ވަދެގެން ދިޔަތަން ފެނުނީ. އެހެންވީމަ އަހަރެމެންގެ ކެޕްޓަނަށް ވިސްނުނީ އޭނާ އަށް ވެސް އެކަން ކުރެވިދާނެ ކަމަށް،" ސައީދު ބުނެފައިވެ އެވެ.

މޯލްޑިވްސް ވިކްޓްރީ ފެތުނު ސަރަހައްދު ރަތްކުލައިން ފާހަގަކޮށްފައި.

މޯލްޑިވްސް ވިކްޓްރީ ފެތުނު ސަރަހައްދު ރަތްކުލައިން ފާހަގަކޮށްފައި.

އެރޭ ބޯޓު ފެތުމާ އެކު، ސިފައިންނާއި އިންޖިނިއަރުންނާއި އިލެކްޓްރީޝަނުން ހިމެނޭހެން ބޮޑު ޓީމެއް ވަގުތުން އެ ސަރަހައްދަށް ގޮސް އެންމެ ފުރަތަމަ މީހުން ސަލާމަތްކުރީ އެވެ. އެންމެން ސަލާމަތް ކުރެވުނު ނަމަވެސް ފަޅުވެރިންގެ ގެނެސްފައި ހުރި ވަރަށް ގިނަ މުދަލާއި އަމިއްލަ ތަކެތި ގެއްލި ހަލާކުވި އެވެ. އެމްއެސްއެލް އިން ފަޅުވެރީންނަށް ފައިސާގެ ބަދަލެއް ދިނެވެ.

އެކަމަކު އެމްއެސްއެލް އާއި ސަރުކާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، ބޯޓުގައި ހުރި އެތައް މިލިއަން ރުފިޔާއެއްގެ މުދަލަށް ވާނެ ގޮތެވެ. އޭގައި، ގިނަ އަދަދަކަށް ކުޑަކުދިންގެ ކާނާ ވެސް ހުއްޓެވެ. އޭރު ރާއްޖެ އަށް މުދާ އަންނަނީ މަހަކު އެއް ފަހަރުކަމުން، އެ މުދާތައް ސަލާމަތް ނުކުރެވިއްޖެ ނަމަ މާލެ ބައެއް އަސާސީ މުދަލަށް ޖެހޭނެ އެވެ. ބައެއް އަމިއްލަ ވިޔަފާރިން އެ ބޯޓަށް ހައެއްކަ ލައްކަ ރުފިޔާގެ މުދާ ވެސް އަރުވާފައި ހުއްޓެވެ.

އެހެންވެ ހަސަން މަނިކު (ލަކުޑިބޯ) އިސްކޮށް ބަހައްޓައިގެން ޑައިވަރުންގެ ޓީމެއް ފޮނުވައިގެން، ކިތަންމެ ކުޑަ އަދަދަކަށް ނަމަވެސް މުދާ ސަލާމަތްކުރެވޭތޯ ބެލި އެވެ. އެކަމަށް އެއްބާރުލުން ދޭން އާއްމުންގެ ގިނަ ބަޔަކު ވެސް ނުކުތެވެ. ހެންވޭރުގެ އަންހެނުން ކޮންމެ ދުވަހަކު ވެސް އެ މީހުންނަށް ޖޫސް ހިފައިގެން ނުކުމެ އެވެ.

މޯލްޑިވްސް ވިކްޓްރީ ފެތުނު ރޭ އެ ސަރަހައްދަށް ފީނި ޖަރުމަނުގެ ޑައިވިން ފޮޓޯގްރާފަރު ކާޓް އަމްސްލަރް ނަގާފައިވާ ފޮޓޯއެއް.

މޯލްޑިވްސް ވިކްޓްރީ ފެތުނު ރޭ އެ ސަރަހައްދަށް ފީނި ޖަރުމަނުގެ ޑައިވިން ފޮޓޯގްރާފަރު ކާޓް އަމްސްލަރް ނަގާފައިވާ ފޮޓޯއެއް.

އެންމެ ފުރަތަމަ ސަލާމަތްކުރީ ފެންމައްޗަށް އަރަމުން ދިޔަ ސާމާނުތަކެވެ. އޭގެ ތެރޭގައި 164 ފީފާ ރޮޓެއްލާ އަޑީ ތެޔޮ ފީފާ އާއި 61 ފީފާ ޕެޓްރޯލާއި 20 ގޮދަޑި އާއި 40 ގަނޑު ލަކުޑި ފިލާ ހިމެނެ އެވެ. ކަނޑުއަޑިން ސަލާމަތް ކުރެވުނީ މަދު މުދާކޮޅެކެވެ. އެއީ އެހާ އަޑިއަށް ފީނޭ މީހުން މަދުކަމުންނާއި އެ ހިސާބުގެ އޮއިވަރު ގަދަކަމުންނެވެ. އޭރު އެމްއެސްއެލްގެ ބޯޓުތަކުގައި މުދަ ހުންނަނީ ލަކުޑި ފޮށިފޮށީގައި ކަމުން، ނެގުނު ގިނަ މުދާތައް ވެސް ހުރީ ވަރަށް ބޮޑަށް ފެންވަދެ ހަލާކުވެފަ އެވެ.

އެކަމަށް ވިސްނައި އެކަމުގެ ތަޖުރިބާކާރުން ސަރުކާރަށް ލަފާ ދިނީ، އެ މަސައްކަތަކީ އެއްވެސް ބޭނުމެއް ނެތް ކަމެއްގެ ގޮތުގަ އެވެ. އެހެންވެ ފަހުން ދެން ބޮޑަށް މަސައްކަތްކުރީ މުޅިން އިންޝުއާ ކޮށްފައި އޮތް އެ ބޯޓަށް ލިބުނު ގެއްލުންތައް ބަލައި، އިންޝުއަރެންސް ފައިސާ ލިބޭނެ ގޮތެއް ވޭތޯ އެވެ. އެކަމަށްޓަކައި އިނގިރޭސި ވިލާތުންނާއި އޮސްޓްރޭލިއާގެ ތަޖުރިބާކާރުން އައިސް އެ ހިސާބަށް ފީނައި ބޯޓު އިންސްޕެކްޓްކުރި އެވެ.

އެ ހިސާބުން އެ ބޯޓު މަތިން އާއްމުން ހަނދާން ނެތުނެވެ. އެކަމަކު އަޑީގައި އޮވެ، އެ ބޯޓު ދެން ބަދަލުވީ މުރަކަ ވިހައި އާލާވާ ބްރީޑިން ގްރައުންޑަކަށެވެ. އަދި އާޓިފިޝަލް ފަރެއް ހެދި މުރަކަ އާއި އެކި ވައްތަރު ވައްތަރުގެ މަސްމަހާ މެއްސާއި، އެ ނޫން ވެސް ކަނޑުގެ ދިރުންތަކުގެ ހިޔާވައްސަކަށް އެ ބޯޓުވި އެވެ. އެ ބޯޓު ބަލަން ދޭތެރެއަކުން އެ ދިމާލަށް ފީނާ މީހުންނަށް އެ މަންޒަރު ފެނެ އެވެ. އެހެންވެ ދިރޭ ތަކެތިން މުއްސަނދިވެފައިވާ އެ ތަން ބަދަލުވީ ރާއްޖޭގެ އެންމެ މަގުބޫލު އެއް ޑައިވިން ސްޕޮޓަށެވެ.

މޯލްޑިވްސް ވިކްޓްރީ މިހާރު ފެންނަން އޮތް ގޮތް. -- ފޮޓޯ: މުހައްމަދު ސީނީން

މޯލްޑިވްސް ވިކްޓްރީ މިހާރު ފެންނަން އޮތް ގޮތް. -- ފޮޓޯ: މުހައްމަދު ސީނީން

އެތަނަށް 500 އެއްހާ ޑައިވްކޮށްފައިވާ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ހުސެއިން ރަޝީދު (ސެންޑީ) ވަނީ ބައެއް އެކުވެރިންނާ އެކު ދާދި ފަހުން އެތަން ބަލައިލަން އަނެއްކާ ވެސް ފީނައިފަ އެވެ. ޕްރޮފެޝަނަލް ޑައިވަރަކަށް ވުމުގެ ކުރިން އެތަން ބަލައިލަން ޅިޔަނަކާ އެކު ވެސް ފީނި ސެންޑީ އަށް މި ފަހަރުގެ ޑައިވާ އެކު އޭރުގެ ހަނދާންތައް ވަރަށް ބޮޑަށް އާވި އެވެ. އެކަމަކު ވަރަށް ބޮޑު ދެރައެއް ވެސް އިހުސާސްވި އެވެ. އެކި ދުވަސްވަރުމަތިން އެތަނަށް ފީނި ދިވެހިންނާއި ޓޫރިސްޓުން އެ ބޯޓުގެ ބައެއް ތަކެތި ނަގާފައިވުމުން، އޭގެ ހަގީގީ ރީތިކަން ގެއްލިފައިވާތީވެ އެވެ.

"މިހާރު އެ ބޯޓު ފެންނަނީ އެއްޗެހި ވަގަށް ގެންގޮސްފައިވާ ދާރުލްއާސާރެއްގެ ގޮތުގައި،" ސެންޑީ ބުންޏެވެ.

"އޭގެން އުފުރާލައިގެން ގެންދެވެން ހުރި ހުރިހާ އެއްޗެއް ވަނީ ނަގާފައި. ކުޑަދޮރުތަކާއި، އެ ނޫން ވެސް އެތައް އެއްޗެއް ވަގަށް ގެންގޮސްފައިވަނީ."

މޯލްޑިވްސް ވިކްޓްރީ މިހާރު ފެންނަން އޮތް ގޮތް. -- ފޮޓޯ: މުހައްމަދު ސީނީން

މޯލްޑިވްސް ވިކްޓްރީ މިހާރު ފެންނަން އޮތް ގޮތް. -- ފޮޓޯ: މުހައްމަދު ސީނީން

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ހެދި ދުވަސްވަރު އެ ސަރަހައްދަށް ގާތްކުރި ބޮޑެތި އުޅަނދުތަކުގެ ނަގިލިން ޖެހިގެންނާއި އެ ނޫން ވެސް ބައެއް ސަބަބުތަކާ ހެދި ބޯޓަށް ގެއްލުން ވެފައި ވާކަމުގެ ކަންބޮޑުވުން އޭރު ޑައިވަރުން ފާޅުކުރި އެވެ. އެކަން ސަރުކާރަށް ހުށަހެޅުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރުގައި 2021 ވަނީ އެތަން ހިމާޔަތްކޮށްފަ އެވެ.

އެއީ ޑައިވަރުންނަށް ހިތްހަމަޖެހުމެކެވެ. އެކަމަކު އަހަރަކު އެތައް މިލިއަން ޑޮލަރެއް ރާއްޖެ އަށް ވައްދައިދޭ އެ ޑައިވްސްޕޮޓުގެ ހަގީގީ ރީތިކަން ގެއްލިފައިވުމަކީ އަބަދަށް އޮންނާނެ ހިތާމައެކެވެ.

"އެއީ ރާއްޖޭގެ އެންމެ ރީތި އެއް ޝިޕްރެކް،" ސެންޑީ ބުންޏެވެ.

"އެކަމަކު މިހާރު ހަގީގީ ރީތިކަން ނެތް."

އެކަން އެންމެ ބޮޑަށް އެނގެނީ ކާޓް ފޭސްބުކަށް ދޫކޮށްލި އޭރުގެ ފޮޓޯތަކާއި މިހާރުގެ ފޮޓޯތައް އަޅައި ބަލާލުމުންނެވެ.