ހުޅުލޭ ކައިރިއަށް އަޑިއަށް ގޮސްފައިވާ އަދި ރާއްޖޭގެ އެންމެ ރީތި އެއް ޑައިވިން ސްޕޮޓް ކަމަށްވާ ވިކްޓަރީ ރެކަށް، ބްރިޖްގެ މަސައްކަތުގައި ބޭނުންކުރާ އުޅަނދުފަހަރުގެ ނަގިލިން ޖެހި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޑައިވަރުން މިއަދު ބުނެފި އެވެ.
25 އޮކްޓޯބަރ 2016
ހުޅުލޭ ކައިރިއަށް އަޑިއަށް ގޮސްފައިވާ އަދި ރާއްޖޭގެ އެންމެ ރީތި އެއް ޑައިވިން ސްޕޮޓް ކަމަށްވާ ވިކްޓަރީ ރެކަށް، ބްރިޖްގެ މަސައްކަތުގައި ބޭނުންކުރާ އުޅަނދުފަހަރުގެ ނަގިލިން ޖެހި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޑައިވަރުން މިއަދު ބުނެފި އެވެ.
ހުޅުލެ ފަރު ކައިރިއަށް 1981 ގައި ފެތުނު ވިކްޓަރީ ބޯޓް އޮތް ސަރަހައްދަކީ ދުނިޔޭގައި ވެސް މަޝްހޫރު ޑައިވިން ސްޕޮޓެކެވެ.
ބްރިޖްގެ މަސައްކަތުގެ ސަބަބުން އެ ސަރަހައްދަށް ގެއްލުން ލިބޭނެތީ، ހައުސިން މިނިސްޓްރީ އާއި ޑައިވަރުންނާ ގުޅިގެން ރައްކާތެރިވުމުގެ ބައެއް ފިޔަވަޅުތައް މި އަހަރުގެ މާޗް މަހު ވަނީ އަޅައިފަ އެވެ. އެގޮތުން ބޯޓު އޮންނަ ސަރަހައްދު ފާހަގަކުރުމުގެ ގޮތުން ހަތަރު ބޮއެ ހަރުކުރި އެވެ. އޭރު ޑައިވަރުންނަށް ގަބޫލުކުރެވުނީ ބްރިޖްގެ މަސައްކަތްތަކުގައި އުޅޭ މީހުންނަށް ވިކްޓަރީ ރެކް އޮތް ހިސާބު އެނގި، އެތަނުގެ ރައްކާތެރިކަމަށް ސަމާލުކަން ދޭނެ ކަމަށެވެ.
ނަމަވެސް ބްރިޖްގެ މަސައްކަތުގައި ބޭނުންކުރާ އުޅަނދުފަހަރުން ނަގިލި އެޅުމުގެ ސަބަބުން ވިކްޓަރީ ރެކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ފޮޓޯތައް ޑައިވަރުންތަކެއް ވަނީ ދާދި ފަހުން ނަގައިފަ އެވެ.
އެ ގެއްލުންތައް ބެލި ޓީމްގައި ހިމެނޭ ޑައިވަރު ހުސެއިން ރަޝީދު (ސެންޑީ) ބުނީ މި މަހުގެ 15 ވަނަ ދުވަހު އެ ބޯޓު ކައިރިއަށް ޑައިވްކުރި އިރު ބޯޓުގެ ވީލް ހައުސްއިން ބޭރުގައި ހުންނަ ދެ ވިންގް އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ. އަދި ވީލް ހައުސް އިން ފެށިގެން ތިރިއަށް ހުންނަ ތިން ފްލޯގެ ވަރަށް ބޮޑު ބައެއް ވެސް ހަލާކުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ހުޅުލެ ކައިރިއަށް އަޑިއަށް ފެތިފައިވާ ވިކްޓަރީ ބޯޓު: ބްރިޖްގެ މަސައްކަތުގައި އުޅޭ އުޅަނދުފަހަރުގެ ނަގިލިން ޖެހި އެ ބޯޓަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ފޮޓޯ: ހުސެއިން ރަޝީދު (ސެންޑީ)
"އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިނިސްޓްރީގެ ހުއްދައާ އެކު އަޅުގަނޑުމެންގެ ހަ ޑައިވަރުން އެ ބޯޓު ކައިރިއަށް ފީނައިގެން ލިބުނު ގެއްލުންތައް ބަލައި ވީޑިއޯކޮށް އަދި ފޮޓޯ ވެސް ނަގާފައިވާނެ. ވީލް ހައުސްގެ ވިންގަށް އެވަރުގެ ގެއްލުމެއް ލިބުނީ ބަޔަކު ނަގިލި އެޅުމުން. އޭގެ އިތުރުން މަސް ބާނަން ބޭނުންކުރާ ކަންވާރު ވެސް ގިނަ އަދަދަކަށް ހުރި މަންޒަރު ފެނުނު،" މަޝްހޫރު ޑައިވަރު ސެންޑީ ބުންޏެވެ.
އޭނާ ބުނީ ގާތްގަނޑަކަށް 37 މީޓަރު އަޑީގައި އޮތް ބޯޓަށް މީގެ ކުރިން އެވަރުގެ ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ބޯޓަށް ލިބިފައިވާ ގެއްލުންތަކުގެ މައުލޫމާތު ހައުސިން މިނިސްޓްރީއާ މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ކެޕްޓަނުން ހޭލުންތެރިކުރުވަން މަސައްކަތްކުރާނެ ކަމަށް މިނިސްޓްރީން ބުނި ކަމަށް ވެސް ސެންޑީ ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި އެއީ ރާއްޖޭގެ ކަނޑު އަޑީގައިވާ ތަރިކައަކަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. އެ ގެއްލުން ދިން ބަޔަކު ހޯދައި ޖޫރިމަނާކުރަން ވެސް ޖެހޭނެ ކަމަށް އޭނާ ދެކެ އެވެ.
"މީގެ ފަހުން އެކަހަލަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ،" ސެންޑީ ބުންޏެވެ.އޭނާ ބުނީ ވިކްޓަރީ ރެކަށް ލިބުނު ގެއްލުން މަރާމާތުކުރެވިދާނެ ކަމަށެވެ. އެހެންކަމުން އޭގެ މާހިރުން ލައްވާ އެ ގެއްލުންތަައް ދިރާސާކޮށް، މަރާމާތުކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
"ވިކްޓަރީ" ބޯޓު އަޑިއަށް ދިޔައީ މުދާ ހިފައިިގެން ގާދޫކޮލުން ވަދެގެން ދަނިކޮށް ހުޅުލޭގެ ފަރަށް އަރައިގެންނެވެ. ފުންކުރަން ވެގެން ބޯޓު ފަހަތަށް ޖަހައިގެން ވަކި ހިސާބަކަށް ދިޔަ ތަނުން ބޯޓު ދިޔަވެ، އަޑިޔަށް ދިޔައީ އެވެ. އޭގެ ފަހުން މިދިއަ ދުވަސްތަކުގައި "ވިކްޓަރީ ރެކް" މަޝްހޫރުވީ އެންމެ ހިތްގައިމު އެއް ޑައިވިން ސްޕޮޓްގެ ގޮތުގަ އެވެ.
ވާވުގެ "ރަންގަނޑު" ފުށުން ޖަހާލައިފި
ޑައިވިން ސައިޓްތަކުގެ ހިމާޔަތުގައި
މިޔަރުތައް މި އުޅެނީ ކިހިނެއް ވެގެން؟
މަސްވެރިންގެ ޝަކުވާއަށް ވުރެ މިޔަރުގެ ފައިދާ ބޮޑު!
"ބްރިޖުގެ ހޮޅިތަކުން ފަރަށް ބޮޑު ގެއްލުމެއް ނުލިބޭނެ"
ހުޅުލޭ ފަރަށް އުރުނު މޯލްޑިވްސް ވިކްޓްރީގެ ހަނދާންތައް
ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
ދެ މިނިސްޓްރީ ރަނގަޅަށް ބެލެހެއްޓޭނެ: ތޯރިގް
އެފްއެސްއެމް ތެޔޮ ބޯޓު ފުންކޮށްފި، ފަރަށް ގެއްލުން!
އާރޮންގެ އަންހެނުން ރާއްޖެ އައިސް ފީނަން ދަސްކޮށްފި