Roadha Mihaaru

ފަރުވާ ދިނުމުގެ ކަންކަން ކުރިއަށްގެންދާނެ ގައިޑްލައިނެއް ހަދަން ނިންމައިފި

ފަރުވާ ދިނުމުގެ ކަންކަން ކުރިއަށްގެންދާނެ ގައިޑްލައިނެއް ހަދަން ނިންމައިފި އެވެ.

ފަރުވާ ދިނުމުގެ ކަންކަމަށް ގައިޑްލައިނެއް ހަދަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

18 ފެބުރުއަރީ 2025

ފަރުވާ ދިނުމުގެ ކަންކަން ކުރިއަށްގެންދާނެ ގައިޑްލައިނެއް ހަދަން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓްގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީން ހުށަހެޅި ކަރުދާހަކާ ގުޅިގެން، ބޭސް ނުލިބުމުގެ މައްސަލަ ހައްލުކުރުމާއި ސިއްހީ ދާއިރާ ހަރުދަނާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބައެއް ކަންކަން ނިންމަވާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ފަރުވާގެ ގައިޑްލައިނެއް ހެދުން ހިމެނެ އެވެ.

ރާއްޖޭގައި ބަލިތަކަށް ފަރުވާ ދިނުމަށް ޑޮކްޓަރުން އަމަލުކުރަންޖެހޭ އުސޫލެއް ލިޔެފައެއް ނޯވެ އެވެ. ނަމަވެސް، ކުރިއަރާފައިވާ ގައުމުތަކުގައި ފަރުވާ ދޭންޖެހޭ ގޮތުގެ ގައިޑްލައިންތައް ލިޔެފައި ހުރެ އެވެ.

ސިއްހީ ދާއިރާއާ ގުޅިގެން އޭސީސީން މިދިޔަ އޮކްޓޯބަރު މަހު ނެރުނު ރިޕޯޓެއްގައި ވެސް ވަނީ ޓްރީޓްމަންޓް އެންޑް ޕްރެކްޓިސް ގައިޑްލައިނެއް ހަދަން ލަފާދީފަ އެވެ.

ސިއްހީ ހިދުމަތް ފަދަ ރައްޔިތުންގެ ފުރާނައާ ސީދާ ގުޅިފައިވާ ކަމެއްގައި އަމަލުކުރުމަށް އިރުޝާދު ދޭނެ އެ ފަދަ ލިޔެކިޔުންތައް ނެތުމަކީ ރައްޔިތުންނަށް އެންމެ ފައިދާވާން އޮންނަ ގޮތްނޫން އެހެން ގޮތްގޮތަށް ކަންކަން ނިންމުމަށް މެދުވެރިވާ ކަމެއްކަމަށް އެ ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ.

އޭގެ އިތުރުން މުހިއްމު ބައެއް ގަވައިދުތައް ނެތުމުގެ ސަބަބުން މެޑިކަލީ ހަދަނީ އެންމެ ބޭނުންތެރި ޓެސްޓުތަކެއްކަން ކަށަވަރުކުރަން ރިއާޔަތްކުރާނެ މިންގަނޑެއް ނެތް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. އެކަމަކު، ރިއާޔަތްކުރާނެ އުސޫލުތައް ހަދައިފިނަމަ ބޭސްކުރާ ބައްޔާ ގުޅޭގޮތަށް ޓެސްޓުތައް ހެދުމަށް މަގުފަހިވެ، ތަކުރާރުކޮށް އެއް ޓެސްޓުތަކެއް ހެދުމުގެ ފުރުސަތު މަދުކުރެވޭނެ ކަމަށް ބުންޏެވެ.