Roadha Mihaaru

ޕޮލްކޯގެ ވެރިން ހާޒިރުކުރި ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށްފި

ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން، ޕޮލްކޯގެ ތެރޭގައި ހިންގި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ޕޮލްކޯގެ އިސްވެރިން ހާޒިރުކުރި ބައްދަލުވުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ސިއްރުކޮށްފި އެވެ.

ޕޮލްކޯގެ ވެރިން ހާޒިރުކުރި ބައްދަލުވުން ސިއްރުކޮށްފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

06 މެއި 2025

ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން، ޕޮލްކޯގެ ތެރޭގައި ހިންގި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ޕޮލްކޯގެ އިސްވެރިން ހާޒިރުކުރި ބައްދަލުވުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ސިއްރުކޮށްފި އެވެ.

މިއަދު ހަވީރު ބޭއްވި މާލިއްޔަތު ކޮމެޓީގެ ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ އެ ބައްދަލުވުން ސިއްރުކޮށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ބައްދަލުވުން ސިއްރުކުރަން ނިންމީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ތަހުގީގު ކުރާތީ، އެ ކޮމިޓީގެ ބައްދަލުވުމުގައި އޮބްޒަވަރުންގެ ގޮތުގައި އެ އިދާރާގެ ދެ މުވައްޒަފުން ބައިވެރިވާތީ ކަމަށެވެ.

ޕޮލްކޯގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ހަދާފައިވާ ސަބް ކޮމިޓީން ގެންދަނީ އެ މައްސަލަތައް ދިރާސާކޮށް، އެޅޭނެ ފިޔަވަޅުތައް ބަލަމުންނެވެ. މިދިޔަ ހަފްތާގައި ބޭއްވި އެ ކޮމިޓީގައި ވަނީ ޕޮލްކޯ މެދުވެރިކޮށް ފުހުންނަށް ފްލެޓު އިމާރާތް ކުރުމުގެ މަޝްރޫއުގެ ތެރެއިން ނުހައްގުން ހޯދި ފައިސާއިން ގަނެފައިވާ ބިންތަކާއި މުދާތައް ދައުލަތަށް ނަގަން ހުށަހަޅަން ނިންމައިފަ އެވެ.

ޕޮލްކޯ އިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް މިހާތަނަށް 1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެއީ، 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށް އޮޑިޓު ރިޕޯޓުން ވަނީ ހާމަވެފަ އެވެ.

ފުލުހުންގެ ފްލެޓްތަކާ ގުޅޭ ރިޕޯޓުގައިވާ ގޮތުން ފްލެޓްތަކުގެ މަޝްރޫއުގެ އެގްރީމެންޓް ތިން ފަހަރެއްގެ މަތިން ބަދަލުކޮށް، މަސައްކަތުގެ އަގަށް 122 މިލިއަން ރުފިޔާ އިތުރުކޮށް އަދި މަސައްކަތް ނިންމަން ކަނޑައެޅި ތާރީހު 54 މަހަށް ދިގު ދަންމާފައިވެ އެވެ. އެ ޕްރޮޖެކްޓް އެންމެ ފުރަތަމަ ހަވާލުކުރީ 580 މިލިއަން ރުފިޔާއަށް ދެ އަހަރު ތެރޭގައި ނިންމަން، ނޫމަޑި ކުންފުންޏާ އެވެ. އެކަމަކު ފަހުން އެހެން ބަޔަކާ ހަވާލުކޮށްގެން އެ މަސައްކަތް ނިމުނުއިރު އެ ޕްރޮޖެކްޓަށް އެއް ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.

ޖޫން، 23، 2013 ގައި ފެށި ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިންއާ ގުޅިގެން ހަދާފައިވާ އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ މަޝްރޫއުއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެގޮތުން އަކަފޫޓަކަށް 1،851 ރުފިޔާގެ ރޭޓުން ހަރަދު ކޮށްފައިވާއިރު މިހާތަނަށް ކުރި ހަރަދަކީ މަޝްރޫއުގެ އަގުގެ ދެގުނަ ކަމަށް އޮޑިޓުގައިވެ އެވެ.