Roadha Mihaaru

ކަރަންޓު މައްސަލަ ބޮޑުވެ އައްޑު އަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެގެން އެ ސިޓީއަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު އިންސްޓޯލްކޮށް ބޭނުންކުރަން ފަށައިފި އެވެ.

އައްޑުއަށް ގެންދިޔަ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

21 ފެބުރުއަރީ 2025

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެގެން އެ ސިޓީއަށް ގެންދިޔަ 1.8 މެގަވޮޓުގެ ޖަނަރޭޓަރު އިންސްޓޯލްކޮށް ބޭނުންކުރަން ފަށައިފި އެވެ.

ހިތަދޫ އާއި ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވާ ސްޓޭޝަނެއްގައި ބޭނުންކުރަމުންދާ ޖަނަރޭޓަރު ސެޓުތަކުގެ ތެރެއިން ތިން ޖަނަރޭޓަރު ސެޓަށް މައްސަލަ ދިމާވެ، އިތުރު އެއް ޖަނަރޭޓަރު ސެޓް މަރާމާތު ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ.

އެހެންވެ، އެކި ސަރަހައްދުތަކުން އިރުއިރުކޮޅާ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ފެނަކައިން މި ހަފްތާގައި އެ ސިޓީއަށް ފޮނުވީ ސްޓެލްކޯއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.

ފެނަކައިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އައްޑުގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ޔަގީންކުރުމަށް، އެ ސިޓީގެ ސީޕީއެސްއަށް ހޯދި 1.8 މެގަވޮޓުގެ ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެެވެ.

ފެނަކައިން ކުރިން ބުނެފައިވާ ގޮތުގައި ހަލާކުވެފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން އެއް ޖަނެރޭޓަރު މަރާމާތުކޮށް، މިހާރު ބޭނުން ކުރަމުން އަންނައިރު ދެ ވަނަ ޖަނެރޭޓަރު މަރާމާތުކޮށް މި ހަފުތާގެ ނިޔަލަށް ނިންމޭނެ އެވެ. ރާއްޖެއިން ބޭރުން ސްޕެއާ ގެނެސްގެން ތިން ވަނަ ޖަނެރޭޓަރު މަރާމާތުކޮށް، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސްތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށް ބުންޏެވެ.

ރޯދަމަހަކީ ކޮންމެ އަހަރަކު ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށް ވާއިރު އައްޑޫގައި ކަރަންޓުގެ ޑިމާންޑު ވެސް އިތުރުވާތީ އެކަމަށް ސަމާލުކަން ދީގެން އެ ކުންފުނިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

މާލެ ފިޔަވައި ރާއްޖޭގައި އެންމެ އާބާދީ ބޮޑު، އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވެ އެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައި ވަނީ 20 ޖެނަރޭޓަރު ސެޓެވެ. އޭގެ ކެޕޭސިޓީއަކީ 26.8 މެގަވޮޓެވެ. އެކަމަކު އޭގެ ތެރެއިން ފަސް ޖެނަރޭޓަރު ހަލާކުވުމާ ގުޅިގެން ކަރަންޓު އުފެއްދޭ މިންވަރު ދަށްވެ، ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑެވެ.