Roadha Mihaaru

ރާއްޖޭގެ ފުރަތަމަ ސޯލާ ފެރީ އޭޕްރީލް މަހު ގެންނަނީ

އަޖުމަ ބެލުމަށް ރާއްޖެއިން ފުރަތަމަ ފަހަރަށް ބަންނަ، ތިމާވެއްޓާ ރައްޓެހި، ސޯލާ ފެރީ އަންނަ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް އެ ފެރީ ބަންނަ ކުންފުނި، އިންޑިއާގެ ނޭވަލްޓް ކުންފުނިން ބުނެފި އެވެ.

ރާއްޖޭގެ ފުރަތަމަ ސޯލާ ފެރީ އޭޕްރީލް މަހު ގެންނަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

21 ފެބުރުއަރީ 2025

އަޖުމަ ބެލުމަށް ރާއްޖެއިން ފުރަތަމަ ފަހަރަށް ބަންނަ، ތިމާވެއްޓާ ރައްޓެހި، ސޯލާ ފެރީ އަންނަ އޭޕްރީލް މަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް އެ ފެރީ ބަންނަ ކުންފުނި، އިންޑިއާގެ ނޭވަލްޓް ކުންފުނިން ބުނެފި އެވެ.

ކޮޗިންގެ އީކޯ މެރިން ޓެކް ކުންފުންޏެއް ކަމަށްވާ، ނޭވަލްޓުން ބަންނަ މި ފެރީގެ އަގަކީ ފަސް ކްރޯޑު ރުޕީސް (9.3 މިލިއަން ރުފިޔާ) އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ކުރިން ލަފާކުރައްވާފައިވާ ގޮތުގައި އަޖުމަ ބެލުމަށް ބަންނަ އެ ފެރީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ގެނެސް ބޭނުންކުރަން ފެށޭނެ އެެވެ.

ނޭވަލްޓް ކުންފުނީގެ ސީއީއޯ ސަންދިތު ތަންދަޝެރީއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި "އެޕޯލޯ" ގެ ނަން ދީފައިވާ، 75 ސޯލާ ހަރުކޮށްފައިވާ މި ފެރީއަކީ ކަނޑު ގަދަ ދުވަސްވަރު ވެސް ދުއްވޭ ގޮތަށް ބަންނަ ފެރީއެކެވެ. "ސީ ސްޓޭޓް 5" ނުވަތަ ކަނޑުގެ ރާޅުގެ އުސްމިން ހަތަރު މީޓަރަށް ހުންނަ އިރު ވެސް މި ދުއްވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ގާތްގަނޑަކަށް 75 މީހުންގެ ޖާގަޔާ އެކު ބަންނަ ފެރީގެ ސްޕީޑު ހުންނާނީ ގަޑިއަކު 8 ނޯޓިކަލް މޭލުގަ އެވެ.

އެ ފެރީގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނައިރު ސަންދިތު ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާ މި ފެރީ ރާއްޖެއަށް ދަތުރު ފަށާނެ ކަމަށެވެ. މިއީ މާލޭ ސަރަހައްދުގެ ފެރީގެ ހިދުމަތުގައި ބޭނުންކުރަން ބަންނަ އުޅަނދެކެވެ.

"މި އުޅަނދު ބަންނަން އޯޑަރު ލިބުނީ ރާއްޖޭގެ ފިނޭންސް މިނިސްޓްރީގެ ފަރާތުން. ބޯޑުގެ ސްޓްރަކްޗާގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައި. އެތެރޭގެ ބައެއް މަސައްކަތްތަކާއި ޕެއިންޓިންގެ މަސައްކަތްތައް މިހާރު ކުރަމުން މިދަނީ. އެ މަސައްކަތް ވެސް މާޗު މަހުގެ ނިޔަލަށް ނިމޭނެ،"

"މިއީ އަހަރެމެން [ކުންފުނިން] ފަސިންޖަރުން އުފުލަން ފެރީއެއް ބަނދެ އެކްސްޕޯޓުކުރާ ފުރަތަމަ ފަހަރު." ދިހަ މީހުންގެ ޖާގައިގެ ސެމީ-ލަގްޒަރީ އޭސީ ފެރީއެއް ކެނެޑާއަށް މީގެ ކުރިން ސަޕްލައިކުރިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް ބަންން އުޅަނދުގައި 50 ކިލޯވޮޓުގެ ދެ ބެޓަރީ ޕެކާއި 40 ކިލޯވޮޓްގެ ދެ އިންބޯޑް އިލެކްޓްރިކް މޯޓަރުން ކަރަންޓު އުފައްދަ އެވެ. އޭގައި ހިމެނޭ އިލެކްޓްރިކް ސްޓިއަރިން ސިސްޓަމްގެ ސަބަބުން މެއިންޓެނަންސް ކުރަންޖެހޭ މިންވަރު ދަށްވެ އެވެ. އެ އުޅަނދުގެ މަތީގައިވާ 25 ކިލޯވޮޓުގެ ސޯލާ ޕެނަލް ސިސްޓަމުން ބެޓެރިތައް ޗާޖުކޮށްދޭނެ އެވެ.

އިންޑިއަން ރަޖިސްޓާ އޮފް ޝިޕިން (އައިއާރުއެސް ކްލާސް) ގެ ދަށުން ބަނދެފައިވާ މި އުޅަނދަކީ ސަލާމަތީ ގޮތުން ވަރުގަދަ އަދި ރައްކާތެރި އުޅަނދަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ އެންމެ ފުރަތަމަ ސޯލާ ފެރީ ބަނީ ވެސް އެ ކުންފުނިންނެވެ. މީގެ އަށް އަހަރު ކުރިން އެ ފެރީ ބަނދެ އޭގެ ކާމިޔާބީއާ އެކު ކެރެލާގެ ސްޓޭޓް ވޯޓާ ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ވަނީ އެ ޑިޕާޓްމަންޓުގެ ދުވަސްވީ ފެރީތައް ސޯލާ ފެރީއަށް ބަދަލުކުރަން ފަށައިފަ އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅު ކޮޗިންގައި ބޭނުންކުރަން ފެށި ޓޫރިސްޓް ކްރޫޒް ވެސަލް އަކީ އެ ގައުމުގެ އެންމެ ބޮޑު ސޯލާ އިލެކްޓްރިކް ފެރީއަށް ވާއިރު އެއީ ވެސް ނޭވަލްޓްގެ އުފެއްދުމެކެވެ.