Roadha Mihaaru
އަވިން ހަކަތަ އުފައްދާ ނިޒާމު ހއ.ގެ ހުރިހާ ރަށަކަށް

އަވިން ހަކަތަ އުފައްދާ ނިޒާމު ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި ގާއިމްކުރަނީ

03 ސެޕްޓެމްބަރ 2016

ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގައި ކަރަންޓުގެ ނިޒާމް ޑީސަލް ޖަނެރޭޓަރުންނާއި އަވިން ހަކަތަ އުފައްދާ ހައިބްރިޑް ސިސްޓަމްތަކަކަށް ބަދަލުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގައި ކަރަންޓުގެ ނިޒާމް ޑީސަލް ޖަނެރޭޓަރުންނާއި އަވިން ހަކަތަ އުފައްދާ ހައިބްރިޑް ސިސްޓަމްތަކަކަށް ބަދަލުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

މިދިޔަ ބުދަ ދުވަހު ހުޅުވާލި ބީލަމުގައި އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އަވިން ހަކަތަ އުފައްދާ ނިޒާމު ގާއިމު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 16ގެ ކުރިން ބީލަން ހުށަހަޅަން ވާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 14 ރަށުގައި މިހާރު ހުރި ޑީސަލް ބޭނުންކޮށްގެން ހިންގާ އިންޖީނުތައް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ހައިބްރިޑް ސިސްޓަމްތަކަކަށް ބަދަލުކޮށް، ޑީސަލް ބޭނުންކުރާ އިންޖީނުތައް އޮޓޮމޭޓްކޮށް އަދި ޑިސްޓްރިބިއުޝަން ގްރިޑްތަކުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ. އަދި ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށާއި ޔަގީންކަމާ އެކު ކަރަންޓު ފޯރުކޮށްދިނުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހި ވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ށ.، ނ.، ޅ.، ކ.، އދ.، އަދި ވ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށް ހަދަންޖެހޭ ދިރާސާތައް ވަނީ ނިމިފައިވާ ކަމަށެވެ.

އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް މެދުވެރިކޮށް ކަރަންޓު ފޯރުކޮށްދިނުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ބައެއް ރަށްރަށުގައި ވަނީ ކަރަންޓު އުފައްދާ ހައިބްރިޑް ނިޒާމްތަކެއް ގާއިމުކޮށްފަ އެވެ. އަދި ބައެއް ރަށްރަށުގައި ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓު އުފެއްދުމުގެ މަސައްކަތުގެ ބޮޑު ބައި ވެސް ވަނީ ނިމިފަ އެވެ.