Roadha Mihaaru

ފައިނުގައި އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

ރ. ފައިނުގައި އެއާޕޯޓު އަޅަން އެމްޓީސީސީ އާއި އެމްއޭސީއެލްއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ފައިނުގައި އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

23 ފެބުރުއަރީ 2025

ރ. ފައިނުގައި އެއާޕޯޓު އަޅަން އެމްޓީސީސީ އާއި އެމްއޭސީއެލްއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެމްއޭސީއެލުން ބުނީ ދަތުރުފަތުރުގެ ވަސީލަތްތައް އިތުރުކުރުމާއި ސަރަހައްދީ އަދި ގައުމުގެ އިގްތިސާދީ ކުރިއެރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ވިސްނުންފުޅުގެ ދަށުން ފައިނުގައި އެއާޕޯޓު އެޅުމަށް އެމްޓީސީސީއާ އެކު ސޮއިކޮށްފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާތަކާއި ތިމާވެއްޓަށް ކުރާނެ އަސަރު ވަޒަންކުރާ ރިޕޯޓާއި ޑިޒައިނިން މަސައްކަތްތައް ހިމެނެ އެވެ.

ފައިނުގައި އެއާޕޯޓެއް އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިލެންޑް އޭވިއޭޝަނާ ހަވާލުކުރި އެވެ.

ގަސް ގިނަ، ފެހިކަން ގަދަ ފައިނުގައި އެއާޕޯޓާއެކު ތަރައްގީގެ އެހެން މަޝްރޫއުތައް ކުރިއަށްގެންދިއުމަށް އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ވެސް ހެދިޔަސް އެ ރިޕޯޓު ފުރިހަމަ ކުރުމަށް ކަމަށް ބުނެ، އީއައިއޭ ބަލައިނުގަންނަން، އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން، ނޮވެމްބަރު، 14، 2018 ގައި ނިންމީ އެވެ.

އީއައިއޭގައި ބުނާ ގޮތުން އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދަން 5،792 ގަސް ކަނޑަންޖެހެ އެވެ. އެހާ ބޮޑު ސަރަހައްދަކުން ގަސް ކެނޑުމުން ފެން ފަށަލަ އާއި ރަށުގެ ފިނިހޫނުމިނަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ބުނެ "ސޭވް ފައިނު"ގެ ނަމުގައި ހިންގި ހަރަކާތްތަކަށް ފަހު އޭރު ސަރުކާރުން ނިންމީ މަޝްރޫއު ކުރިއަށް ނުގެންދާށެވެ.

ރ. އަތޮޅުގައި މިވަގުތު އެއާޕޯޓެއް އޮންނަނީ އިފުރުގައި އެކަންޏެވެ. އެކަމަކު އެ އަތޮޅުގެ ގިނަ ރަށްތައް އިފުރާ ވަރަށް ދުރުވުމުގެ ސަބަބުން އިތުރު އެއާޕޯޓަކަށް ރައްޔިތުން އުއްމީދުކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ.

އެހެންވެ، ރ. އަލިފުށީގައި ވެސް އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.

މިދިޔަ މަހު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ ފައިނުގައި އެެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވެފަ އެވެ.

ފައިނުގައި އެއާޕޯޓު އެޅުމުން، އެ ދާއިރާ އާއި އެސަރަަަހައްދުގެ ގިނަ ރަށްތަކަށް އިގްތިސާދީ ކުރިއެރުން ލިބޭނެ ކަމަށާއި ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން އަންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެ އެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ސަރަހައްދުގައި ރިސޯޓުތައް އިތުރު ކުރަން ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެހެންވެ، އެ އެއާޕޯޓާ އެކު ރިސޯޓުތައް އިތުރުވެ، ޓޫރިޒަމް ސީނާއަތަށް ވެސް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވަ އެވެ.