Roadha Mihaaru
އެމްޓީސީސީން އިތުރު ދެ މަޝްރޫއެއް ފުރިހަމަކޮށްފި

ފެހެންދޫ ބަނދަރާއި ފައިނުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފި

15 ޑިސެމްބަރ 2021

ބ. ފެހެންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތާއި ރ. ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބ. ފެހެންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތާއި ރ. ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި އެވެ.

ފެހެންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 45.1 މިލިއަން ޑޮލަރަށެވެ. މި ޕްރޮޖެކްޓުގެ ދަށުން ބަނދަރުގެ ނެރު ފުންކުރުމާއި ބޭރު ތޮށި އަދި އެއްގަމު ތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.

މީގެ އިތުރުން ރިވެޓްމަންޓު ޖެހުމާއި ބަނދަރުގެ ޕޭވްމަންޓު ހެދުމާއި ބަނދަރާއި ރަށް ގުޅާލުމަށް ވޯކްވޭ ބްރިޖެއް ވެސް ވަނީ މި ހަދައިފަ އެވެ. އަދި ނެރުބައްތި ހަރުކޮށް، ސެޓަލްމަންޓް ޓޭންކެއް ވެސް މި ޕްރޮޖެކްޓުގެ ދަށުް އެމްޓީސީސީން ވަނީ ބަހައްޓައިފަ އެވެ.

މި ޕްރޮޖެކްޓު ހިންގި މުއްދަތުގައި އެމްޓީސީސީން ވަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެ ރަށަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. މީގެ ތެރޭގައި އެ ރަށުގެ ދޯނި އެހެލާ ސަރަހައްދު ފުންކޮށްދިނުމާއި ފެން ބޮޑުވާ ސަރަހައްދުތަކަށް ވެލި އަޅައިދިނުމާއިި މޫދަށް އެރޭ ސަރަހައްދުގައި ސްލޯޕެއް ހެދުމާއި ހިއްކާފައިވާ ސަރަހައްދުގައި ރުއް އިންދުމާއި ކުނިގޮނޑު ސާފުކޮށްދިނުން ހިމެނެ އެވެ.

ރ. ފައިނުގެ ގޮނޑުދޮށުގެ މަސައްކަތް ނިންމާފައި--

ރ. ފައިނުގެ ގޮނޑުދޮށުގެ މަސައްކަތް ނިންމާފައި--

ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން އެމްޓީސީސީން ވަނީ އެ ރަށުގެ ގިރާ ސަރަހައްދަށް 8،100 ކިޔުބިކް މީޓަރުގެ ވެލި އަޅައި، 250 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖަހައިފަ އެވެ. މިއީ 8.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން އަންނަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ފައިނަށް ވެސް އެހީވަމުންނެވެ. އެ ރަށުގެ ދޯނި އެހެލާ ސަރަހައްދު ލެވެލްކޮށް، ރަށުގެ އެކި ސަރަހައްދުތަކާއި މަގުތައް ސާފުކޮށް، މަގުތަކަށް ވެލި އަަޅައި އެއްވަރު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އެ ކުންފުނިން އަންނަނީ މިހާރު ވެސް ރާއްޖޭގެ އެކި ރަށްތަކުގައި 62 މަޝްރޫއެއް ހިންގަމުންނެވެ. މީގެ ތެރޭގައި ބަނދަރު ތަރައްގީ ކުރުމުގެ 34 މަޝްރޫއެއް ހިމެނޭއިރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަށް މަޝްރޫއު ހިމެނެ އެވެ.