Roadha Mihaaru

ދ. އަތޮޅު ހޮސްޕިޓަލްގެ 50 އެނދުގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި

ދ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތެއް އަޅަން 181 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި އެވެ.

ދ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އަޅަން ސޮއިކޮށްފި
ނާޒިމް ހަސަން
ނާޒިމް ހަސަން

23 ފެބުރުއަރީ 2025

ދ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތެއް އަޅަން 181 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި އެވެ.

އެ އިމާރާތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ)އާ ހަވާލުކުރީ 540 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. އެއީ 50 އެނދުގެ ހޮސްޕިޓަލެކެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އާ ހޮސްޕިޓަލްގައި މެމޮގްރަފީގެ ޚިދުމަތް ލިބޭނެ ފެސިލިޓީއެއް ގާއިމްކުރާނެ އެވެ. އަދި ޑެންޓަލް އޯޕީޑީ، ކަށީގެ ފަރުވާތަކަށް ހާއްސަ އޯތޯ-ތިއޭޓަރަކާ އެކު ހޮސްޕިޓަލްގެ ސްޓާފުންނަށް ޓްރެއިނިން ދިނުމަށް ބޭނުންވާނެ ފެސިލިޓީ ވެސް ގާއިމްކުރާނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެ ހޮސްޕިޓަލަކީ އަތޮޅު ހޮސްޕިޓަލަކަށްވާތީ، އަތޮޅު ތެރޭގެ މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންދިނުމަށް ބޭނުންވާ ފެސިލިޓީ އާއި ޕްރައިވެޓް ރޫމް ފެސިލިޓީތައް ވެސް ގާއިމްކުރާނެ އެވެ.

ހޮސްޕިޓަލް ހުންނަ ކުޑަހުވަދުއަކީ އެއާޕޯޓެއް އޮންނަ ރަށަކަށްވާތީ، އެމަޖެންސީ ހާލަތްތަކުގައި ކޭޓަކުރެވޭނެ އިމަޖެންސީ އީއާރެއް ގާއިމްކުރަން ހަމަޖެހިފައިވާ ކަން މިނިސްޓްރީން ފާހަގަކުރި އެވެ.

މިނިސްޓްރީން ބުނީ އާ ހޮސްޕިޓަލް އިމާރާތްތައް ގާއިމްކޮށް ހިދުމަތްދޭން ފެށުމާ އެކު، ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އަދި ރަށުންނާއި ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށް ވެސް ޚިދުމަތް ލިބިގަތުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ބުންޏެވެ.

މި ހޮސްޕިޓަލަކީ ކޮވިޑް ފަދަ ބަލިތައް ފެތުރޭ ހާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލެކެވެ.

ހޮސްޕިޓަލުގެ ބޭނުންކުރާ ހަކަތަ އަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ހޮސްޕިޓަލުގައި ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން އަލަށް ހަދާ ހޮސްޕިޓަލްގައި:

- ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއާ އަދި ސަކްޝަން އަޅާނެ

- އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ޕަވާބެކަޕް ސިސްޓަމެއް ގާއިމްކުރާނެ

- ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕް ގާއިމްކުރާނެ

- ހޮސްޕިޓަލަށާއި އަތޮޅުތެރެއަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ޕްލާންޓް ގާއިމް ކުރާނެ