Roadha Mihaaru

ދިރާގުން ހިއްސާދާރުންނަށް 661 މިލިއަން ބަހަން ފާސްކޮށްފި

ދިރާގުގެ މިދިޔަ އަހަރުގެ ސާފު ފައިދާ އިން ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާދާރުންނަށް 661 މިލިއަން ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.

ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

23 ފެބުރުއަރީ 2025

ދިރާގުގެ މިދިޔަ އަހަރުގެ ސާފު ފައިދާ އިން ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާދާރުންނަށް 661 މިލިއަން ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.

ކްރޮސްރޯޑްސްގައި ބޭއްވި ދިރާގުގެ 36 ވަނަ އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާއިން ޖުމްލަ ޑިވިޑެންޑްގެ ގޮތުގައި 661 މިލިއަން ރުފިޔާ ބަހަން ފާސްވީ ވޯޓުގައި ބައިވެރިވި 151 ހިއްސާދާރުންގެ ތެރެއިން 99 ޕަސެންޓު ފަރާތުން އެކަމަށް ތާއީދު ކުރުމުންނެވެ. އެއީ ހިއްސާއަކަށް 8.70ރ އެވެ. މިއި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ފާސްކުރި އަދަދަށް ވުރެ 16 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު ދިރާގުން ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 7.50ރ. ގެ މަގުން 570 މިލިއަން ރުފިޔާ އެވެ.

މިރޭގެ ޖަލްސާގައި ފާސްކުރީ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 1.66ރ. ގެ މަގުން 126 މިލިއަން ރުފިޔާ އާއި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 7.04ރ ގެ މަގުން 535 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ބަހާނީ މިއަހަރުގެ މިމަހުގެ 17 ގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓާވެފައިވާ ފަރާތްތަކެވެ.

މިދިޔަ އަހަރު އެކުންފުންޏަށް 2.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އެއީ 2023 ވަނަ އަހަރަަށް ވުރެ 5.9 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު އެކުންފުންޏަށް ފައިދާގެ ގޮތުގައި 946 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 5.5 ޕަސެންޓުގެ ކުރިއެރުމެކެވެ. ދިރާގަށް 2023 ވަނަ އަހަރު ލިބުނީ 896 މިލިއަން ރުފިޔާގެ ފައިދާއެކެވެ.