Roadha Mihaaru

ޖުޑީޝަރީއަށް ރައީސްގެ ނުފޫޒެއް ނެތް، ދުސްތޫރީ ނިޒާމު ހިނގަނީ ރަނގަޅަށް: ޕީއެންސީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުޑީޝަރީއަށް ނުފޫޒެއް ނުފޯރުވާ ކަމަށާއި އަދި ދުސްތޫރީ ނިޒާމު ހިނގަމުންދަނީ ރަނގަޅަށް ކަމަށް ސަރުކާރު ހިންގާ ޕީއެންސީން ބުނެފި އެވެ.

ޖުޑީޝަރީއަށް ރައީސްގެ ނުފޫޒެއް ނެތް: ޕީއެންސީ
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

05 މާޗް 2025

ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުޑީޝަރީއަށް ނުފޫޒެއް ނުފޯރުވާ ކަމަށާއި އަދި ދުސްތޫރީ ނިޒާމު ހިނގަމުންދަނީ ރަނގަޅަށް ކަމަށް ސަރުކާރު ހިންގާ ޕީއެންސީން ބުނެފި އެވެ.

މިދިޔަ ހަފުތާގައި ސަސްޕެންޑްކުރި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދު އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ސުއޫދުގެ އިސްތިއުފާގެ ސިޓީގައި ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމާ އެކު، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދު ކުރުމުގެ ބިލެއް މަޖިލިހުން ފާސްކޮށްފައިވެ އެވެ.

ސުއޫދު ތުހުމަތު ކުރެއްވި ގޮތުގައި އެއީ "ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި" އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ރައީސް އެދިވަޑައިގަންނަވާ ގޮތަށް ނިންމަން ނުފޫޒު ފޯރުވުމެވެ.

އެކަމަށް ރައްދު ދީ، ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ސުއޫދު އަމަލު ކުރެއްވީ އޭނާ ފަނޑިޔާރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ގެންގުޅުއްވި ސިޔާސީ އެކްޓިވިސްޓް އުސޫލު ކަން ހާމަވެފައިވާ ކަމަށެވެ.

އިސްތިއުފާ ދެއްވުމަށް ޖޭއެސްސީއަށް ސިޓީ ފޮނުއްވުމުގެ ބަދަލުގައި ރައީސަށް ސިޓީ ފޮނުއްވީ އެމަނިކުފާނުގެ އިސްތަށިފުޅުގައި އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް އެޅުއްވުމަށް ކަމަށް ވެސް ޕީއެންސީން ބުންޏެވެ. އަދި ސުއޫދާއި އެހެނިހެން ފަނޑިޔާރުންނާ މެދު ވެސް އަމަލު ކުރަމުން ދަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބަޔާން ކޮށްފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށާއި އަދި އެއީ ވަކި ކޯޓެއްގެ ފަނޑިޔާރަކަށް ވީތީ ހުއްޓުވޭނެ ކަންކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.

ޕީއެންސީން ބުނީ ޖޭއެސްސީ ފަދަ މިނިވަން މުވައްސަސާތައް މިނިވަން ކަމާއި މުސްތަގިއްލު ކަމާއެކު ހިންގުމުގެ ފުރުސަތު ރައީސް މުއިއްޒު ވަނީ ފަހިކޮށްދެއްވައިފަ އެވެ.

"އެފަދަ މުއައްސަސާއަކުން އަދާކުރަން ޖެހޭ ޒިންމާއެއް އަދާކުރުމަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނޫނެވެ. އެއީ ދުސްތޫރީ ގާނޫނީ ނިޒާމު ހިނގަން ޖެހޭ ގޮތަށް ރަނގަޅަށް ހިނގަމުން ދިއުމެވެ." ބަޔާނުގައިވެ އެވެ.

ގާނޫނުތައް ނެގެހެއްޓުމުގައި ރައީސް ދައްކަވަނީ ނަމޫނާއެއް ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށް ވެސް ޕީއެންސީން އެ ބަޔާނުގައި ބުނެފައިވެ އެވެ.