ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.
26 ފެބުރުއަރީ 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ކަމަށް ވިދާޅުވެ، ހުށަހެޅުއްވި ބިލް މިއަދުގެ ޖަލްސާގައި ފާސްކުރީ 68 މެންބަރުންގެ ވޯޓުންނެވެ. ބިލަށް ތާއިދު ކުރެއްވީ ޕީއެންސީގެ މެންބަރުން އެކަންޏެވެ. ބިލަށް ވޯޓަށް އެހީ ކޮންމެ މެންބަރެއްގެ އަރިހުގައި ވަކިން އަހައިގެންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ.
ރޯލް ކޯލް ވޯޓަކަށް ގޮސްގެން މި ބިލް ފާސްކުރަން ވޯޓަށް އެހީ މަޖިލިހުގެ ރިޔާސަތުން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިގޮތުގައި ވޯޓިން ސިސްޓަމަށް މައްސަލައެއް ދިމާވެގެން ކަމަށެވެ.
ބިލް ފާސްކުރަން ވޯޓު ދޭން ޕީއެންސީން ތްރީލައިން ވިޕެއް ނެރެފައިވާއިރު، އެ ވޯޓުގައި ބައެއް މެންބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އޭގެ ތެރޭގައި ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު އަޒާން ހިމެނިވަޑައިގަންނަވަ އެވެ.
މަޖިލީހަށް ބިލް އިއްޔެ ބަލައިގަތް ވޯޓުގައި ވެސް މެންބަރު އަޒާން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އޭގެ ފަހުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ ވިޕްލައިނާ ހިލާފުވާ މެންބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަން އަންގައިފަ އެވެ. އަދި ޕީޖީގެ ވަޓްސްއެޕް ގްރޫޕުން ވެސް އަޒާން ރޭ ވަނީ ނެރެފަ އެވެ.
އަޒާން މިއަދު މަޖިލީހުގެ ޖަލްސާއަށް ވެސް ވަޑައިގެންނެވި އެވެ. ނަމަވެސް، ވޯޓުގެ ވަގުތު ޖެހުމުން އޭނާ ވަނީ ތަޅުން ދޫކުރައްވައި ނުކުމެވަޑައިގެންފަ އެވެ.
ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ހުށަހެޅި ބިލްގެ ބަހުސްގައި އިއްޔެ ވާހަކަ ދައްކަވާފައިވަނީ ޕީއެންސީގެ އެންމެ ތިން މެންބަރުންނެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. އެ ތިން ބޭފުޅުން ވެސް ވަނީ ބިލަށް ތާއިދު ކުރައްވައިފަ އެވެ.
އެމްޑީޕީގެ ގިނަ މެންބަރުން ބަހުސްގައި ބައިވެރިވެވަޑައިގެންނެވިއިރު، އެ ހުރިހާ މެންބަރުން ވެސް ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. މެންބަރުން ވިދާޅުވި ގޮތުގައި މަޖިލިހުގެ މެންބަރުންނާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް ބެންޗް ބަދަލުކުރުން ވާނީ ސީދާ ނުފޫޒު ފޯރުވުމަށެވެ.
މަޖިލީހުން މިއަދު ބިލް ފާސްކުރިއިރު ފަނޑިޔާރުންތަކެއް ގާބިލް ނޫން ކަމަށް ކަނޑައަޅަންޖެހޭ ފަދަ ހާލަތެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މައްޗަށް އުފައްދައި، ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ލަފާ ދެއްވައިފަ އެވެ.
ފިލްޒާ ދެއްވި ލަފާގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައަޅާފައި ނެތް ކަމަށާއި އަދި އެ އަދަދު އެހެން އޮނަހިރި އަދަދަކަށް ބަލުކުރުމަކީ އޭގެ ޒާތުގައި ސީދާ ގާނޫނުއަސާސީއާ ތައާރަޒުވާކަމެއް ނޫން ކަމަށެވެ.
ނަމަވެސް ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ ގޮތަކީ އެ މަގާމުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށްގެންކަން ފިލްޒާ ފާހަގަކުރެއްވި އެވެ. އެއީ އެންމެ އިންސާފުވެރި ގޮތް ކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ބެންޗަށް ބަދަލު ގެންނަ ބިލް ބޭރުނުކޮށް، ކޮމިޓީއަށް
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރާ ބިލް ބަލައިގެންފި
ކޯޓު ޕެކިން: ރާއްޖޭގެ ސިޔާސީ ސަގާފަތަކަށް!
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބިލުގެ ބަހުސް ފަށަނީ
ނެޗުރަލް ޖަސްޓިސް: ކޮންމެ މީހަކާ މެދު އަދުލުވެރިވުން!
މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތަކަށް މަހާޒު އެދިއްޖެ
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން އެދިއްޖެ
ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
ކޮމިޓީއަށް ހާޒިރުވުމުގެ ފުރުސަތަކަށް އަޒްމިރަލްދާ އެދެފި
ކަންބޮޑުވުންތަކާ އެކު އިބްރާގެ ސިޓީއެއް މަޖިލިހަށް