ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެ، އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް މިއަދު ހަވީރު ފަށަން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމައިފި އެވެ.
25 ފެބުރުއަރީ 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެ، އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް މިއަދު ހަވީރު ފަށަން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމައިފި އެވެ.
ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އެ ބިލް ބަލައިގަތީ ޕީއެންސީއަށް ނިސްބަތްވާ 64 މެންބަރެއްގެ ވޯޓާ އެކު އެވެ. ޕީއެންސީއަށް ނިސްބަތްވާ 11 މެންބަރަކު ވޯޓުގައި ބައިވެރިވަޑައެއް ނުގަންނަވަ އެވެ.
އެ ބިލް ބަލައިގަތުމާ ދެކޮޅަށް 12 މެންބަރަކު ވޯޓު ދެއްވި އެވެ. އެއީ އެމްޑީޕީގެ 11 މެންބަރަކާއި އަމިއްލަ މެންބަރެއް ކަމަށްވާ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން އެވެ.
އެ ބިލް ބަލައިގަތުމާއެކު، އެ ބިލް ދިރާސާކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމެއް މިއަދު ހަވީރު 4:00 ގައި ބާއްވަން ވަނީ އެޖެންޑާކޮށްފަ އެވެ.
ފަނޑިޔާރުންގެ ބެންޗްގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ހުށަހެޅި ބިލްގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވާފައިވަނީ ޕީއެންސީއަށް ނިސްބަތްވާ އެންމެ ތިން މެންބަރުންނެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. އެ ތިން ބޭފުޅުން ވެސް ވަނީ ބިލަށް ތާއިދު ކުރައްވައިފަ އެވެ.
އެމްޑީޕީގެ ގިނަ މެންބަރުން ބަހުސްގައި ބައިވެރިވިއިރު، އެ ހުރިހާ މެންބަރުން ވެސް ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. މެންބަރުން ވިދާޅުވި ގޮތުގައި މަޖިލިސް މެންބަރުންނާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް ބެންޗް ބަދަލުކުރުން ވާނީ ސީދާ ނުފޫޒު ފޯރުވުމަށެވެ.
މި ބިލާ މެދު ޕީއެންސީގެ ތެރޭގައި ހިޔާލު ވަނީ ތަފާތުވެފަ އެވެ. އެ ބިލާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ޕީއެންސީ ޕީޖީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 40 ވަރަކަށް މެމްބަރުންގެ ތެރެއިން މަދު ބޭފުޅުންތަކެއް ހިޔާލު ތަފާތުވި ކަމަށް ވެ އެވެ. އެ ބޭފުޅުންގެ ކަންބޮޑުވުމަކަށްވީ މުހިންމު މައްސަލައެއްގެ ޝަރީއަތް ކުރިއަށް ދަނިކޮށް އެފަދަ ބަދަލެއް ގެނައުމެވެ.
ނަަމަވެސް، ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވަނީ ބިލަށް ތާއީދު ކުރައްވައި، މަޖިލީހުގައި ބަހުސް ކުރުމަށް މެންބަރުންނަށް އަންގަވައިފަ އެވެ. އެގޮތުން ޕީޖީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕަށް ފަލާހު ރޭ ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވާ ގޮތުގައި ބިލަށް ތާއީދުކުރަން އެ ޕާޓީގެ ލީޑާޝިޕުން ވަނީ ނިންމައިފަ އެވެ.
ކޯޓުތަކުގެ ގާނޫނަށް މެންބަރު ސައްތާރު އިސްލާހު ހުށަހަޅުއްވާފައިވަނީ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކޮށް، ބިލް ފާސްކުރާތާ ހަތް ދުވަސް ތެރޭ، ފަނޑިޔާރު ކަމަށް ގާބިލް ނޫން ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ހުރިހާ ކަމެއް ނިންމުމަށެވެ.
ސަރުކާރުގެ ތާއީދާ އެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގެންނަ މި ބަދަލު ވާހަކަ ފެށުނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މައްސަލައެއް ބަލަމުން ދަނިކޮށެވެ. ދައުލަތުން އެ ބެންޗުގައި އެދުނީ ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ނުބެލޭނެ ކަމަށް ނިންމުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ނިންމާފައިވަނީ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.
ބެންޗަށް ބަދަލު ގެންނަ ބިލް މަޖިލީހުން ފާސްކޮށްފި
ފަނޑިޔާރުން ތިބީ ސިޔާސީ އޮއިވަރުގައި ޖެހިފައި: ނާޒިމް
ކޯޓު ޕެކިން: ރާއްޖޭގެ ސިޔާސީ ސަގާފަތަކަށް!
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ބިލުގެ ބަހުސް ފަށަނީ
"ބެންޗު ބަދަލުކުރުމަކީ ނުފޫޒުފޯރުވުމުގެ އަމަލެއް"
ޖުޑިޝަރީ ގަޑުބަޑުކުރުމުގެ ތާރީހެއްއޮތީ އެމްޑީޕީގަ:ޝުުޖާއު
"ބެންޗު ބަދަލުކުރުމަކީ މުޅި ޖުޑިޝަރީއަށްދޭ ހަމަލައެއް"
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން 5 އަށް މަދުކުރަން ބިލެއް
ޔާމީން ޖަލަށް ނުލާ ފަނޑިޔާރުން ވަކިކުރަންޖެހޭ: އާޒިމް
އޯޑިއޯ ލީކުވި މައްސަލަ ބަލައެއް ނުގަތް