Roadha Mihaaru

ތަޅުމަށް ފިލްޒާގެ ލަފާ ހުށަނޭޅުމުން ހޫނުވެ، އެމްޑީޕީ ތިން މެންބަރަކު ނެރެފި

ފަނޑިޔާރުންތަކެއް ގާބިލް ނޫން ކަމަށް ކަނޑައަޅަން ޖެހޭ ފަދަ ހާލަތެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މައްޗަށް އުފައްދައި، ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ލަފާ މަޖިލީހުގެ ތަޅުމަށް ހިއްސާ ކޮށްފައި ނުވާތީ، ހިތްހަމަނުޖެހުން ފާޅުކުރެއްވި އެމްޑީޕީގެ ތިން މެންބަރެއްގެ ނަން އިއްވައި ތަޅުމުން ނެރެފި އެވެ.

ތަޅުން ހޫނުވެ އެމްޑީޕީގެ ތިން މެންބަރަކު ނެރެފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

26 ފެބުރުއަރީ 2025

ފަނޑިޔާރުންތަކެއް ގާބިލް ނޫން ކަމަށް ކަނޑައަޅަން ޖެހޭ ފަދަ ހާލަތެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މައްޗަށް އުފައްދައި، ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ލަފާ މަޖިލީހުގެ ތަޅުމަށް ހިއްސާ ކޮށްފައި ނުވާތީ، ހިތްހަމަނުޖެހުން ފާޅުކުރެއްވި އެމްޑީޕީގެ ތިން މެންބަރެއްގެ ނަން އިއްވައި ތަޅުމުން ނެރެފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދުކޮށް، ދެ ފަނޑިޔާރެއް މަގާމުން ވަކިކުރަން ލާޒިމްވާ ގޮތަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު އިއްޔެ މަޖިލީހުން ވަނީ ބަލައިގެންފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ޖުޑީޝަލް ކޮމިޓީން ވެސް ވަނީ ބިލް ފާސްކޮށްފަ އެވެ.

ނަމަވެސް، ކޮމިޓީން ބިލް ފާސްކުރި ފަހުން ފިލްޒާ ވަނީ އެ ބިލާ ގުޅޭ ގޮތުން ބައެއް ލަފާ އަރުވައިފަ އެވެ. އެ ލަފާގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ކަނޑައަޅާފައި ނެތް ކަމަށާއި އެ އަދަދު އެހެން އޮނަހިރި އަދަދަކަށް ބަލުކުރުމަކީ އޭގެ ޒާތުގައި ސީދާ ގާނޫނުއަސާސީއާ ތައާރަޒުވާ ކަމެއް ނޫން ކަމަށެވެ.

ކޮމިޓީން ފާސްކުރި ރިޕޯޓު މިއަދު މަޖިލީހަށް ހުށަހެޅިއިރު، ފިލްޒާގެ ލަފާ ތަޅުމާ ހިއްސާކޮށްފައި ނުވެ އެވެ.

އެކަމާ ގުޅިގެން ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ނިޒާމީ ނުކުތާ ނަންގަވައި އިދިކޮޅު މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ނަމަވެސް، ރިޔާސަތުން ވަނީ އެއީ ނިޒާމީ ނުކުތާއެއް ނޫން ކަަމަށް ނިންމަވައިފަ އެވެ.

ތަކުރާރުކޮށް އަޑު އުފުލުމަށް ފަހު، މެންބަރުންގެ ނަން އިއްވެވީ ރިޔާސަތުގެ ކުރިމައްޗަށް އެ މެމްބަރުން ވަޑައިގެން އަޑުގަދަ ކުރެއްވުމުންނެވެ.

ރިޔާސަތުން ނަން އިއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ އެވެ.

ނަން އިއްވުމުން ވެސް އެ ތިން މެންބަރުން ތަޅުން ދޫކުރައްވަން ދެކޮޅު ހެއްދެވުމުން މެންބަރުން ނެރުނީ މަޖިލީހުގެ ސެކިއުރިޓީ ބޭނުންކޮށްގެން ގަދަ ބާރުންނެވެ.

މެންބަރުން ނެރުމަށް ފަހު، ބިލަށް ވަނީ ވޯޓަށް އަހައިފަ އެވެ. މިއަދުގެ ވޯޓަށް އެހީ ވަކިވަކިން އަހައިގެންނެވެ. މަޖިލިހުގެ ރިޔާސަތުން އަބްދުއްރަހީމް ވިދާޅުވީ، އެ ގޮތަށް ނިންމެވީ ވޯޓިން ސިސްޓަމަށް މައްސަލަ ދިމާވެގެން ކަމަށެވެ.