Roadha Mihaaru
އަމީން އާއްމުގެ ގަދަރު ކުޑަކުރާތީ ނަޝީދު ކަންބޮޑުވެއްޖެ

އަމީން އާއްމާއި ކައުންސެލް ޖެނެރަލްގެ ގަދަރު ކުޑަކުރާތީ ނަޝީދު ކަންބޮޑުވުންފާޅުކުރައްވައިފި

11 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމާއި އިސް މުވައްޒަފުންގެ ގަދަރާއި އިއްޒަތަށް އަރައިގަންނަމުންދާ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފާޅުކުރައްވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމާއި އިސް މުވައްޒަފުންގެ ގަދަރާއި އިއްޒަތަށް އަރައިގަންނަމުންދާ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފާޅުކުރައްވައިފި އެވެ.

އެމްޑީޕީގައި ތިއްބެވި 13 މެންބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެން މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގައި އެއްބަސްވުމަކަށް ނާދެވި، ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ތިން ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ.

އެ އާއެކު މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ ވެސް އޮތީ ހުއްޓިފަ އެވެ. އެއީ އީވާގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދެވޭނީ މަޖިލީހުގެ އާންމު ކޮމިޓީން އެކަމަށްޓަކައި ވަގުތު ކަނޑައެޅުމުންނެވެ. ކޮމިޓީތައް އެކުލަވާލުން ލަސްކުރަނީ ނަޝީދު އިސްވެ އީވާގެ މައްސަލަ ހުއްޓުވާފައި ބޭއްވުމަށް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ދަނީ ތުހުމަތުކުރަމުންނެވެ.

އަދި އެމްޑީޕީން ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަބަދުވެސް ދެމިއޮންނާނެތީ، އާންމު ކޮމިޓީގެ ބައްދަލުވުން އަމީން އާއްމު ފާތިމަތު ނިއުޝާ އިންތިޒާމު ކުރައްވަންޖެހެ އެވެ. އެކަން ނުކުރައްވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، ހާއްސަކޮށް ސޯޝަލް މީޑިއާގައި ނިއުޝާއަށް ދަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

އެކަމާ ގުޅިގެން، ނަޝީދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަމީން އާއްމާއި ގާނޫނީ ލަފާ ދެއްވާ ކައުންސެލް ޖެނެރަލަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން މިނިވަން އަދި މުސްތަގިއްލު ބޭފުޅުން ކަމަށެވެ.

މިއީ މަޖިލީހުގެ ނައިބު ރައީސްގެ އިތުރުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މަޖިލީހަށް ވައްދާފައިވާ ދަނޑިވަޅެއް ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެފަދަ މައްސަލަތަކުގައި ކަންކަން ހިންގަންޖެހޭނެ އިޖުރާތުތައް މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި އެގޮތްތައް މަޖިލީހަށާއި މަޖިލީހުގެ މެންބަރުންނަށް ގާނޫނީ ލަފަ އާއި ގާނޫނީ އެހީތެރިކަން ފޯރުކޮށްދެވެން އޮތ،ީ މަޖިލީހުގެ ގަވާއިދުގެ ދަށުން ހަމައެކަނި މަޖިލީހުގެ ކައުންސެލް ޖެނެރަލަށް ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ މަޖިލީހުގެ ޖަލްސާއެއްގައި. -ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ މަޖިލީހުގެ ޖަލްސާއެއްގައި. -ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

"މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށްވިޔަސް އަދި މަޖިލީހުގެ މެންބަރުން ކަމުގައިވިޔަސް މަޖިލީހުގެ ގަވާއިދު މާނަކުރުމުގެ ގާނޫނީ އެހީތެރިކަމާއި މަޝްވަރާ ހޯދެން އޮތީ ކައުންސެލް ޖެނެރަލްގެ ކިބައިންކަން މަޖިލީހުގެ ގަވާއިދަށް ބެލެމުން ވަރަށް ސާފުކޮށް އެނގެ އެވެ،" ބަޔާނުގައި ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި އަދި ބައެއް މެންބަރުންގެ މެދުގައި ސިޔާސީ ވާދަވެރިކަން އުފެދިފައި އޮތްނަމަވެސް، ގާނޫނީ ދައުލަތެއް ހިންގުމަކީ މަޖިލީހުގެ މެމްބަރުންގެ ވާޖިބެއް ކަން ނަޝީދު ވަނީ ހަނދާންކޮށް ދެއްވައިފަ އެވެ.

"ވީމާ، ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމާއި އެހެނިހެން އޮފިޝަލުންގެ ގަދަރާއި އިއްޒަތައް އަރައިގަތުމުގެ ޖާގަ އެއްވެސް މިންވަރަކަށް ދެވިގެން ނުވާނެ އެވެ،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގައި މިވަގުތު ކޯޅުން ބޮޑުވެ، ކޮމިޓީތައް ނުހިނގައި ޒާތެއްގެ ޑެޑްލޮކަކަށް ގޮސްފައިވާއިރު، އިތުބާރުނެތް ކަމުގެ މައްސަލަ އޮތުމުން، ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދު މިއަދު ވަނީ އަންގަވައިފަ އެވެ.