އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އަސްލެއް ނެތް ކަމަށާއި އެއީ އޭނާ މަސައްކަތަށް ނުފޫޒު ފޯރުވަން އުފައްދާފައިވާ ހާލަތެއް ކަމަށް އޭނާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
06 މާޗް 2025
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އަސްލެއް ނެތް ކަމަށާއި އެއީ އޭނާ މަސައްކަތަށް ނުފޫޒު ފޯރުވަން އުފައްދާފައިވާ ހާލަތެއް ކަމަށް އޭނާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޖޭއެސްސީން ވަނީ ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކޮށްފަ އެވެ. އޭނާއާ އެކު ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވެސް ސަސްޕެންޑްކުރި އެވެ. އޭގެ ތެރެއިން ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ތިން ފަނޑިޔާރުންނާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގާ އޭސީސީން ޔަގީންކޮށްދިން ނަމަވެސް، މިހާތަނަށް އެ މައްސަލައާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، ޖޭއެސްސީން ފަނޑިޔާރު އަޒްމިރަލްދާއާ ގުޅޭ މައްސަލައެއް ބަލަމުންދަނީ އޭނާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް ހައްޔަރުކުރި ޑރ. އިސްމާއިލް ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ފަނޑިޔާރު ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމީ އޭސީސީން ބަލާ މައްސަލައަކާ ގުޅިގެން ކަމަށް ބުނި ނަމަވެސް، ހަފުތާއެއްވީއިރު ވެސް އެ މައްސަލައިގެ ތަފްސީލް ނުލިބޭ ކަމަށް ވަކީލް ވިދާޅުވި އެވެ.
"އޭސީސީން ފަނޑިޔާރުގެ މައްސަލައެއް ބަލަމުންދާ ކަމެއް ނުވަތަ އެއީ ކޮން ބާވަތެއްގެ ކުށަކާ ގުޅޭ މައްސަލައެއް ކަމެއް ވެސް އެއްގޮތަކަށް ވެސް އަންގާފައެއް ނުވެ އެވެ. އަދި ފަނޑިޔާރާ ގުޅޭ މައްސަލައެއް އޭސީސީން ތަހުގީގު ކުރަމުންދާ ކަމަށް ޖޭއެސްސީން ބުނާތީ އެ މައުލޫމާތުތައް ހޯދުމަށް އޭސީސީއަށް ލިޔުމުން ހުށަހެޅުމުން ވެސް މިހާތަނަށް އެ މައުލޫމާތު ހިއްސާކޮށްފައެެއް ނުވެ އެވެ." ބަޔާނުގައި ވަކީލް ވިދާޅުވި އެވެ.
"އެހެންކަމުން އަސާސެއް އޮތް ތަހުގީގެއް އެ ކޮމިޝަނުން ކުރައްވާ ކަމާ މެފު ސުވާލު އުފެދެ އެވެ."
ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑް ކުރަން ނިންމުމުގައި ޖޭއެސްސީން އަމަލުކުރި ގޮތާއި އެ ބައްދަލުވުމާ ގުޅޭ މައުލޫމާތު ހޯދަން އެ ކޮމިޝަނަށް ފޮނުވި ސިޓީއަށް ވެސް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް ވެސް އެ ބަޔާނުގައި ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ ޑރ. އިސްމާއިލް މައްސަލައާ ގުޅުވައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ދައުލަތުގެ އިސް މަގާމުތަކެއްގައި ތިބި ފަރާތްތަކުން މުއައްސަސާތައް ބޭނުންކޮށްގެން މަސައްކަތް ކޮށްފައިވާ ކަމަށާއި އެހެންވެ އެ މައްސަލަ ބަލައިދޭން އެދި އޭސީސީއަށް ހުށަހެޅި ކަމަށެވެ. ނަމަވެސް، އެކަމުގައި ކޮރަޕްޝަންގެ ކުށެއް މިހާތަނަށް ފާހަގަ ކުރެވިފައިނުވާ ކަމަށް ބުނެ މައްސަލަ އެ ކޮމިޝަނުން ރަޖިސްޓްރީ ކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ.
"...ފަނޑިޔާރު ހުށަހެޅުއްވި ޝަކުވާތަކާ ގުޅިގެން އެއްވެސް މުއައްސަސާއަކުން ގާނޫނީ ޒިންމާ އަދާކޮށްފައިނުވާތީ ފަނޑިޔާރު އަޒްމިރަލްދާއަށް މި މައްސަލަތަކުގައި އިންސާފު ހޯދުމަށް ހުރަސްއެޅިފައިވެ އެވެ. އެހެންކަމުން މި މައްސަލަތަކުގައި ދައުލަތުގެ މުއައްސަސާތަކާއި ދައުލަތުގެ ހިންގުމާ ހަވާލުވެ ތިބި ފަރާތްތަކުން ގާނޫނުގެ ވެރިކަމަށް ރުޖޫއަވެ ގާނޫނާ އެއްގޮތަށް އަމަލު ކުރަން އިލްތިމާސް ކުރަމެވެ،" ވަކީލް ވިދާޅުވި އެވެ.
ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ މިދިޔަ ހަފުތާގައި ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައިވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވާ އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.
އޭގެފަހުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމަށް ސުއޫދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މަޖިލީހުގެ މެންބަރުން ގޮނޑިއާ ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެ ކަަމަށް ކަނޑައެޅުމާ އެކު މި ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
އެގޮތުން ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ކޯޓުގެ ބެންޗުން ދެ ފަނޑިޔާރުން ވަކިކުރަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައިވާކަން ސުއޫދު ފާހަގަ ކުރެއްވި އެވެ. ސުއޫދު ފާހަގަ ކުރެއްވި ގޮތުގައި އެކަމަކީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވަން ކުރި ކަމެކެވެ.
ގާޒީންނަށް ނުފޫޒު ފޯރުވި މައްސަލާގައި ބަޔާން ނަގަނީ
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ
އަޒްމިރަލްދާ އަދި މަހާޒުގެ އިތުރު ސުލޫކީ މައްސަލައެއް
މައްސަލަތައް ބެލުމުގައި އެއްވެސް ނުފޫޒެއް ނެތް: އޭސީސީ
ޝުޖޫނާއި އަޒްމިރަލްދާ އައްޔަންކުރާ މައްސަލަ ކޮމިޓީ އަށް
ސުޕްރީމް ކޯޓަށް އަޒްމިރަލްދާ އާއި ޝުޖޫން
ޑީޑީގެ މައްސަލައެއް ނުބަލާ ކަން ޕޮލިހުން އަންގާފައިވޭ
އޭސީސީގެ ރައީސް ނުފޫޒު ބޭނުންކުރި މައްސަލަ އޭސީސީއަށް
ސުޕްރީމް ކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ޖޭއެސްސީއަށް ހާޒިރުވާން އަޒްމިރަލްދާއަށް އަންގައިފި