Roadha Mihaaru

ކާބޯތަކެތި ޑެލިވަރީ ކުރާ ގެއަކުން 32 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މާލޭގައި ބިދޭސީން ދިރިއުޅޭ އަދި ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ތަނަކުން ގަވާއިދާ ހިލާފަށް އުޅެމުން އައި 32 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

32 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

07 މާޗް 2025

މާލޭގައި ބިދޭސީން ދިރިއުޅޭ އަދި ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ތަނަކުން ގަވާއިދާ ހިލާފަށް އުޅެމުން އައި 32 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ވީޑިއޯއަކާ އެކު އާންމުކުރި ޕޯސްޓެއްގައި ބުނީ އެ މީހުން ހައްޔަރުކުރީ ފެބްރުއަރީ މަހުގެ ތެރޭގައި އިމިގްރޭޝަން ވޮޗަށް ލިބިފައިވާ ރިޕޯޓަކާ ގުޅިގެން ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ރިޕޯޓު ލިބުނީ ޑެކް އަޅައިގެން ހަތަރު ފްލޯއަށް ހަދާފައިވާ މއ. ހިތިލާގެ ދެ ގެއަކަށް ގިނަ އަދަދެއްގެ ގަނޑުކުރި މަހާއި ތަރުކާރީ އާއި އެހެނިހެން ކާނާގެ ބާވަތްތައް ސަޕްލައިކުރާ މަންޒަރު އަބަދުވެސް ފެންނަ ކަމަށާއި ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ވެސް އެތަނަށް ގެންދާ ކަމަށެވެ.

މެންދުރު ކާގަޑިއާ ދިމާކޮށް ގިނަ އަދަދެއްގެ ބަތް ޕާރުސަލު އެތަނުން ގެންދާ ކަމަށާއި އެ ވަގުތާ ދިމާކޮށް ޑެލިވަރީ ސައިކަލުތައް ވެސް ގޭގެ ބޭރުގައި ހުންނަ ކަމަށް އާންމު ފަރާތަކުން އިމިގްރޭޝަނަށް ހުށަހެޅި އެ ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އިމިގްރޭޝަނުގެ އޮފިސަރުން އެ ގެއަށް ވަދެ ބެލިއިރު މި ތަނަކީ އެއް ފަހަރާ ގިނަ މީހުންނަށް ކައްކާ ތަނެކެވެ. އަދި އެތަނުގައި ބިދޭސީން ހުރުމުގެ އިންތިޒާމު ވެސް ހަމަޖައްސަފައިވެ އެވެެ.

އިމިގްރޭޝަނުން ބުނީ އެތަނުގައި އުޅޭ 76 ބިދޭސީންގެ ލިޔެކިޔުންތައް ބެލިއިރު އޭގެ ތެރެއިން 32 ބިދޭސީންނަކީ ސައްހަ ވިސާ ނެތި ނުވަތަ ވަޒީފާ ދިން ފަރާތަށް ފިލައިގެން ދިރިއުޅެމުން އަންނަ މީހުން ކަމަށެވެ.

އިމިގްރޭޝަނުން އާންމުކުރި ވީޑިއޯގައި ފެންނަ ގޮތުގައި ފިލައިން ހަދާފައިވާ އަދި ވަރަށް ބޮޑަށް ބާވެފައިވާ އެތަނުގެ ބަދިގެ ވެސް އޮތީ ވަރަށް ސާފުތާހިރުކަން ކުޑަ ގޮތަކަށެވެ. އަދި ކުޑަ ކޮޓަރިއެއްގައި ބަރިބަރިއަށް އެނދު ޖަހާފައިވާއިރު އެތަނުގައި ވެސް ގިނަ ބަޔަކު ދިރިއުޅެ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އައި އެ 32 މީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގެންދިޔައިރު އެ އިދާރާ އިން ދަނީ އެފަދަ ފަރާތްތައް ޑީޕޯޓުކުރަމުންނެވެ.