ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިއުލާންކުރި ފްލެޓް ލިސްޓުގައި ފްލެޓް ލިބޭ މީހުންގެ ގޮތުގައި ކަނޑައަޅާފައި ނެތް މީހަކަށް މި ފަހަރު އާންމުކުރި ލިސްޓުގައި ވެސް ފްލެޓް ދީފައި ނުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
08 މާޗް 2025
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިއުލާންކުރި ފްލެޓް ލިސްޓުގައި ފްލެޓް ލިބޭ މީހުންގެ ގޮތުގައި ކަނޑައަޅާފައި ނެތް މީހަކަށް މި ފަހަރު އާންމުކުރި ލިސްޓުގައި ވެސް ފްލެޓް ދީފައި ނުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ ހަފުތާގެ ބުރާސްފަތީގައި އާންމުކުރި ގެދޮރުވެރިޔާ ސްކީމުގެ ފްލެޓް ލިސްޓާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ގިނަ ތުހުމަތުތަކެއް ކުރުމުން، އޭގެ ޖަވާބުގައި މިނިސްޓްރީން ބުނީ އުސޫލާ ހިލާފަށް ފްލެޓް ދީފައި ނުވާނެ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ، މި ސަރުކާރުން ރިވިއުކުރީ 4،000 ފްލެޓު ލިބުނު މީހުން އެކަނި ކަމަށް ބުންޏަސް އޭގައި ނުހިމެނޭ 577 މީހަކު ލިސްޓުގައި ހިމަނާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން [އާންމުކުރި] 4،000 ފްލެޓު ލިބޭ ލިސްޓުގައި ނުހިމެނޭ 577 މީހެއްގެ މައުލޫމާތު ރިވިއުކޮށްފައި އެ މީހުންނަށް ފްލެޓު ދޭނެ ކަމަށް ޑރ. މުއްތަލިބްގެ [މިހާރުގެ ހައުސިން މިނިސްޓަރު] ލިސްޓުގައި އެބައޮތް އިއުލާނުކޮށްފައި،" އިބްރޭ ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ، ވެރިފައި ކުރީ ތިން ކޮޓަރިއަށް އެޕްލައި ކުރި މީހުންގެ ތެރެއިން 75 ޕޮއިންޓް ލިބިފައިވާ މީހުންނާއި ދެ ކޮޓަރިއަށް އެދި ހުށަހެޅި މީހުންގެ ތެރެއިން 73 ޕޮއިންޓް ލިބިފައިވާ މީހުން ކަމަށެވެ.
"ހަތްދިހަ ފަސް ޕޮއިންޓުން ގުރުއަތަށް ދާން ކަނޑައަޅައި އާންމުކޮށް އިއުލާންކޮށްފައިވާއިރު، ވެރިފިކޭޝަންގައި އެ ފަރާތްތައް ހިމެނުމަކީ އެންމެ އިންސާފުވެރި ގޮތަށް ވާތީ އެކަން އެހެން ކުރީ. ތިން ކޮޓަރީ ފްލެޓަށް އެޕްލައި ކުރި މީހުންގެ ތެރެއިން 75 ޕޮއިންޓަށް ވުރެ ދަށްކޮށް މާކްސް ލިބުނު އެއްވެސް ފަރާތެއްގެ ފޯމު ބަލާފައިނުވާނެ،" ހައުސިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި އެ ސްކީމުގެ ދަށުން ދެމަފިރިންނަށް ފްލެޓް ލިބިފައެއް ނުވާނެ އެވެ. ހާއްސަކޮށް އެއް ސްކީމަކުން ދެމަފިރިންނަށް ފްލެޓް ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓްރީން ބުނީ މިހާރު އާންމު ކޮށްފައިވާ ލިސްޓަކީ އެމްޑީޕީގެ ވެރިކަމުގައި އެކުލަވާލި ލިސްޓުގެ ވެރިފިކޭޝަނެއް ކަމަށާއި އެ ލިސްޓުގައި ނުހިމެނޭ މީހެއްގެ ފޯމު ބަލައި، އަދި ލިސްޓަށް އިތުރު ކޮށްފައި ނުވާނެ ކަމަށެވެ.
"15 ނޮވެމްބަރު 2023 ގައި އިއުލާންކުރި ލިސްޓުގައި ނެތް ފަރާތެއް މި ލިސްޓުގައި ހިމަނާފައި ނުވާނެ. މިއީ އެމްޑީޕީ ސަރުކާރުން އެކުލަވާލި ލިސްޓުގެ ވެރިފިކޭޝަނެއް. އެ ލިސްޓުގައި ނުހިމެނޭ ފަރާތެއްގެ ފޯމު ބަލައި އިތުރުކޮށްފައި ނުވާނެ،" މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލޭގައި އިމާރާތްކުރަމުންދާ ފްލެޓްތައް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ހައުސިން މިނިސްޓްރީން ބުނީ މި ފަހަރު ފްލެޓް ލިބޭ ކަމަށް ކަނޑައެޅި ފޯމުތައް ވެރިފައި ކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުމަށް ކަމަށެވެ.
އެމްޑީޕީގެ ނިއުސް ކޮންފަރެންސްގައި މިއަދު ދެއްކި ވާހަކަތަކަށް ރައްދު ދެމުން ހައުސިން މިނިސްޓްރީން ބުނިގޮތުގައި 2023 ގެ ޓްރާންސިޝަން މަރުހަލާގައި ހުރިހާ ކަމެއް ހޭންޑްއޯވާ ކޮށްފައެއް ނުވެ އެވެ. އޭރު މިނިސްޓްރީން ވަނީ މައުލޫމާތު ދިނުމަށް ދެކޮޅު ހަދައި ވެރިކަން ބަދަލުވާން ދެ ދުވަހަށް ވެފައި އޮއްވައި، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް ނެރެ، އެ މީހުންނާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށާއި އެގޮތަށް އެކަން އޭރު އެ ސަރުކާރުން ކުރީ ވެސް ނުކުރުމަށް އެދިފައިވަނިކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މާކްސް ދިން ގޮތާ މެދު އޮތް ޝަކުވާތަކާ ގުޅިގެން މިނިސްޓްރީން ބުނި ގޮތުގައި މާކްސް ދީފައި ވަނީ ގެދޮރުވެރިން ކޮމިޓީގެ ގައިޑްލައިންގައި ކަނޑައަޅާފައިވާ ގޮތަށް އެޕްލިކަންޓް ދީފައިވާ މައުލޫމާތަށެވެ. އަދި ފޯމުތައް އިވެލުއޭޓް ކުރުމުގައި ބަލާފައި ވަނީ އޭރު އޮތް ގައިޑްލައިނަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ގައިޑްލައިނާ ހަވާލާދީ ހައުސިން މިނިސްޓްރީން ބުނީ، މައި އެޕްލިކަންޓަކީ މާލޭގެ ރަށްވެއްސަކަށް ވެފައި ވާތާ 15 އަހަރު ނުވާ މީހެއް ނަމަ މާލޭގައި ދިރިއުޅެމުން ގެންދާތާ 15 އަހަރު ވެފައިވާ މީހެއް ކަން ކަނޑައަޅާނީ "ވެރިފަޔާ ވެރިފިކޭޝަން" އިން ކަމަށެވެ.
"އަމާން ދޯދި" ފްލެޓްގެ ސިޓިން ރޫމް އޭރިއާ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މާލޭ ރައްޔިތުން ފްލެޓް ލިސްޓުން "އާދަޔާ ހިލާފަށް" ޑިސްކޮލިފައި ކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން އެ މިނިސްޓްރީން ބުނީ 15 އަހަރު ދުވަހު މާލޭގައި އުޅެފައިވާ ނަމަ ޑިސްކޮލިފައި ނުވާނެ ކަމަށެވެ.
"އާ އުސޫލެއް ހަދާފައި ނުވާނެ. ވެރިފިކޭޝަންގައި ބަލާފައި ވާނީ ގެދޮރުވެރިން ކޮމިޓީގެ ގައިޑްލައިންގައިވާ ކަންކަމަށް. ބައެއް ކަންކަން އޭގައިވާ މިންވަރަށް ވުރެ ލުއިކޮށް ބަލާފައިވާނީ. އެ ލުއިތައް ވާނީ އާންމުކޮށް އިއުލާންކޮށްފައި."
- މިދިޔަ 15 އަހަރު ތެރޭގައި މައި-އެޕްލިކަންޓް މާލޭގައި ވަޒީފާއަދާކުރި/ މިހާރު އަދާކުރާ ވަޒީފާ އާއި ގުޅޭ މައުލޫމާތު.
- އެޕްލިކަންޓުގެ އަނބިމީހާ/ފިރިމީހާ ކައިވެންޏަށްފަހު ވޭތުވެދިޔަ 15 އަހަރުތެރޭގައި މާލޭގައި ވަޒީފާ އަދާކުރި/މިހާރު އަދާކުރާ ވަޒީފާއާއި ގުޅޭ މައުލޫމާތު.
- މިދިޔަ 15 އަހަރުގެ ތެރޭގައި އެޕްލިކަންޓް މާލޭގެ ސްކޫލު/ކޮލެޖް/ޔުނިވާސިޓީގައި ކިޔެވި/ ކިޔަވަމުންދާ ކަމުގެ މައުލޫމާތު
- އެޕްލިކަންޓުގެ އަނބިމީހާ/ފިރިމީހާ ކައިވެންޏަށް ފަހު މިދިޔަ 15 އަހަރު ތެރޭގައި މާލޭގެ ސްކޫލު/ކޮލެޖް/ޔުނިވާސިޓީއެއްގައި ކިޔެވި/ ކިޔަވަމުންދާކަމުގެ މައުލޫމާތު
- އެޕްލިކަންޓުގެ ޕެންޝަނާއި ބެހޭ މައުލޫމާތު
- އެޕްލިކަންޓުގެ ރަށްވެހިކަމުގެ މައުލޫމާތު
އެ ލިޔުންތައް ފިޔަވައި އިތުރު ލިޔުންތަކެއް ބަލައިގަންނަން ނިންމިކަން އިއުލާން ކޮށްފައި ނެތް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ކޮމިޓީގެ ގައިޑްލައިނަކަށް ވެސް ބަދަލު ގެނެސްފައި ނުވާ ކަމަށާއި އެހެންވެ، އެ ނޫން ލިޔެކިޔުންތައް ބަލައިގެންފައި ވަނީ އާންމުކޮށް އެ ފުރުސަތު ދިނުމަކާ ނުލައި، އެގޮތަށް އަމަލު ކުރާކަން ލިޔުމަކުން އެނގެން ނެތި ކަމަށް މިނިސްޓްރީން ބުންޏެެވެ.
މިނިސްޓްރީން ބުނިގޮތުގައި އޭސީސީގެ ތަހުގީގަށް ފަހު، ފާހަގަކުރީ ހަމަހަމަ އުސޫލަކުން ހުރިހާ މީހުންނާ މެދު އަމަލުކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، ވެރިފައި ކުރިއިރު ބަލާފައި ވަނީ އެއް ހަމައަކުން ވީހާ ވެސް ބޮޑަށް ލުއި ދީގެން ފޯމުތައް ޗެކްކުރުމަށް ކަމަށް ފަހު ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ ވެރިފިކޭޝަން މަރުހަލާގައި މީހެއްގެ ފޯމު ނުބައިކޮށް ބެލިފައި އޮތް ނަމަ ޝަކުވާއަށް ހުޅުވާލާފައިވާ ކަމަށެވެ. ފްލެޓް ލިބޭނީ އެންމެ މަތިން މާކްސް ލިބުނު މީހުންނަށް ކަމަށާއި ވަކި ބަޔަކަށް ފްލެޓްތައް ހުސްކުރުމަށް ގިނަ ބަޔަކު ޑިސްކޮލިފައި ކުރީ ކަމަށް ބުނެވެން ނޯންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެެވެ.
އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މި މަހުގެ 31 ގެ ނިޔަލަށެވެ. އެކަމަށް ހުޅުވާލިތާ ތިން ދުވަހުގެ ތެރޭގައި 700 އެއްހާ ޝަކުވާ ވަނީ ހުށަހަޅައިފަ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އެ 4،000 އިން ޝަރުތު ހަމަވާ ކަމަށް މި ސަރުކާރުން ނެރުނު ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހެކެވެ.
ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ލިސްޓުގައި ހިމެނެނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވީ 397 މީހެކެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި 2،695 މީހެއްގެ ފޯމް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި 424 ފަރާތެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެ މީހުން އުނިވި ކަމަށް މިނިސްޓްރީން ބުނެ އެވެ.
ފްލެޓްތަކަށް ޝަރުތު ހަމަވީ 1،820 މީހުން
އުސޫލާ ހިލާފު ގޯއްޗާއި ފްލެޓް އަތުލާނަން: މިނިސްޓަރު
ބާކީ ފްލެޓް ދޭނީ 15،000 ފޯމު ބަލާފައި:މުއްތަލިބު
ރޯދައިގެ ކުރިން ފްލެޓް ލިސްޓު އާންމުކުރާނަން: ރައީސް
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ހައުސިން މިނިސްޓްރީން 10މީހަކު ސަސްޕެންޑް ކޮށްފި
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
ފްލެޓް މައްސަލާގައި އެޗްއާރުސީއެމުން ހައިދަރު އަަރިހަށް
16 ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް ނިމިއްޖެ
ދިރިއުޅެން ދިން ފްލެޓްތައް ކުއްޔަށް ދޫކުރުން ހުއްޓުވަނީ