Roadha Mihaaru

އެސްޓީއޯއިން ހޯލްސޭލުކޮށް ކާށި ވިއްކަނީ

ކާށީގެ ޝޯޓޭޖު ހައްލު ކުރަން ހޯލްސޭލްކޮށް ކާށި ވިއްކަން އެސްޓީއޯ އިން ނިންމައިފި އެވެ.

އެސްޓީއޯއިން ހޯލްސޭލުކޮށް ކާށި ވިއްކަނީ
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

09 މާޗް 2025

ކާށީގެ ޝޯޓޭޖު ހައްލު ކުރަން ހޯލްސޭލްކޮށް ކާށި ވިއްކަން އެސްޓީއޯ އިން ނިންމައިފި އެވެ.

އެސްޓީއޯ އިން ބުނީ، ހޯލްސޭލްކޮށް ކާށި ގަންނަން ބޭނުންވާ ފަރާތްތަކުން އެކަން އަންގައި ބުކް ކުރުމުން އެ ފަރާތްތަކަށް ބޭނުންވާ މިންވަރަށް ކާށި ގެނެސްދޭނެ ކަމަށެވެ. މިދިޔަ އަހަރު އެސްޓީއޯއިން ވަނީ އެ އުސޫލުން ފިޔާ ގެނެސްގެން ހޯލްސޭލްކޮށް ވިއްކައިފަ އެވެ. އެފަހަރު ފިޔާ ވެސް ގެނެސްދިނީ ކުރިއާލައި ބުކް ކުރި ވިޔަފާރިތަކަށެވެ.

މިވަގުތު ބާޒާރުގައި ކާއްޓެއް ލިބެން ހުރީ 40-60ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ކާށީގެ އަގު ތިރިކުރަން އެސްޓީއޯއިން ވަނީ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކިލޯއެއް 20ރ. ރޭޓުން ވިއްކަން ފަށައިފަ އެވެ. އެސްޓީއޯ އިން ބުނީ، އުފެދޭ ޑިމާންޑާ އެއްވަރަށް ކާށީގެ އިތުރު ސްޓޮކްތައް ވެސް ބާޒާރަށް ނެރޭނެ ކަމަށެވެ.

ކާށީގެ ސްޓޮކް ހޯދަން ބޭނުންވާ ހޯލްސޭލް ވިޔަފާރިވެރިންނަށް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި 7291124 އަށް ވައިބަ މެސެޖް ކޮށްގެން ވެސް ބުކް ކުރެވޭނެ އެވެ.

އެސްޓީއޯއިން ކާށި ގެންނަނީ އިންޑިއާއިންނެވެ. ކާށީގެ ޝިޕްމެންޓް ކޮންމެ 10 ދުވަހަކުން ބުކިން ލިބޭވަރަކަށް ގެންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. ފައިސާ ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން އަދި ޝިޕްމަންޓް އައުމުން ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

ބޭނުމަކީ ބޭރު ފައިސާ ހޯދުމުގެ ދަތިކަމާއި، މުދާ އެތެރެކުރުމުގައި ދިމާވާ އެހެނިހެން ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމާ އެކު، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް އާންމު ވިޔަފާރިތަކަށް ހުރަސް ނޭޅޭނޭހެން އަދި އާންމު ރައްޔިތުންނަށް ފަސޭހަވާނޭހެން ކާށި ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ އިން މި ފަހަރުގެ ރޯދަމަހަށް ހާއްސަކޮށް 24 ބާވަތެއް ބާޒާރަށް ގެނެސް ކޮންޓްރޯލް އަގުތަކެއްގައި އަންނަނީ ވިއްކަމުންނެވެ.