ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޖިނާއީ ކުށެއްގެ ތުހުމަތުވާ އެއްވެސް ކަމެއް ފުލުހުން ކޯޓަށް ހުށަހެޅި ކަންކަމުގައި ނެތުމުންކަން އެނގިއްޖެ އެވެ.
10 މާޗް 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޖިނާއީ ކުށެއްގެ ތުހުމަތުވާ އެއްވެސް ކަމެއް ފުލުހުން ކޯޓަށް ހުށަހެޅި ކަންކަމުގައި ނެތުމުންކަން އެނގިއްޖެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޑރ. އިސްމާއިލް ހައްޔަރުކުރީ މަސާޖު ޕާލާއެއްގައި ހަށިވިއްކުމުގެ އަމަލު ހިންގާ ކަމަށް ފުލުހުންނަށް ތުހުމަތު ކުރެވިގެން އެތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ހައްޔަރުކުރުމަށް ފަހު އަނެއް ދުވަހުގެ ހެނދުނު ޑރ. އިސްމާއިލް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދު ނުކުރަން އެ ކޯޓުން ވަނީ ނިންމައިފަ އެވެ. އެ އަމުރު ނެރުއްވާފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ އެވެ.
އެ ދުވަހު ހެނދުނު 10:55 ގައި ނެރުނު އަމުރު "މިހާރު" އަށް ވެސް ލިބިފައިވާއިރު އޭގައި ބުނެފައިވަނީ ބަލާފާސްކުރި ތަނުގައި ޑރ. އިސްމާއިލް ހުރި ކަމުގައިވީ ނަމަވެސް، އޭނާއާ އެކު އެ ކޮޓަރީގައި ހުރި މީހާ ހުރީ އަންނައުނު ލައިގެން ކަމަށެވެ. އެ ކޮޓަރި ހުރީ ވެސް ތަނުލައި ކަމަށާއި ފުލުހުން ތުހުމަތުކުރާ ކުށާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް އަމުރުގައި ވެ އެވެ.
އެެހެންވެ، އޭނާގެ އިތުރު ކުށުގެ ރިކޯޑެއް ނެތުމާއި ޒިންމާދާރު ވަޒީފާއެއްގައި އުޅޭ މީހެއް ކަމަށް ވާތީ ބަންދު ނުކުރަން ގާޒީ ނިންމެވީ އެވެ. ކްރިމިނަލް ކޯޓުން ބަންދު އަމުރުތައް އާންމު ގޮތެއްގައި އާންމުކުރި ނަމަވެސް، މި އަމުރު ވެބްސައިޓްގައި އާންމުކޮށްފައެއް ނުވެ އެވެ.
މި އަމުރު ނެރުމަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ އާއި މަހާޒު އަލީ ޒާހިރު ނުފޫޒު ފޯރުވި ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ގެންދަނީ ސުލޫކީ މައްސަލަ ބަލަމުންނެވެ. އިއްޔެ މަހާޒު ޖޭއެސްސީއަށް ހާޒިރުކޮށްފައިވާއިރު، އޭނާ ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ.
ފަނޑިޔާރު މަހާޒު ވަކީލް މުހައްމަދު ފައިސަލް "މިހާރު" އަށް ވިދާޅުވި ގޮތުގައި ފަނޑިޔާރު ވަނީ އެ ދުވަހު ކަން ހިނގި ގޮތް ސާފުކޮށް ދެއްވައި، ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ހާލަތެއް މެދުވެރި ވެސް ނުވާކަން ސާފުކޮށްދެއްވައިފަ އެވެ. އަދި ދަށު ކޯޓުގެ އެއްވެސް ގާޒީއަކަށް އެއްވެސް އިރުޝާދެއް ވެސް ފަނޑިޔާރު މަހާޒު ދެއްވާފައިނުވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ފިރިކަލުންގެ މައްސަލައެއް އުޅޭކަން ވެސް ފަނޑިޔާރު މަހާޒަށް އެނގިވަޑައިގެންނެވީ އެ ދުވަހުގެ ހެނދުނު 11:30 ހާއިރު. އޭރު ކްރިމިނަލް ކޯޓުން ވަނީ ޑރ. އިސްމާއިލްގެ ބަންދާ މެދު ގޮތެއް ނިންމާފައި. އެހެންކަމުން އެކަމާ ގުޅިގެން ގާޒީއަކަށް ގުޅައިގެން ނުފޫޒު ފޯރުވަން ޖެހޭ ހާލަތެއް ވެސް ނެތް. އެކަންކަން ކޮމިޓީގެ މެންބަރުންނަަށް ވެސް މިހާރު ކޮންވިންސް ވާނެ،" ވަކީލް ވިދާޅުވި އެވެ.
މައްސަލައިގެ ތަހުގީގަށް ޑރ. އަޒްމިރަލްދާ ޖޭއެސްސީއަށް މިއަދު ހާޒިރުކުރަން ނިންމާފައިވީ ނަމަވެސް، މިހާރު ވަނީ އެކަން ފަސްކޮށްފަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް މީގެކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް ހައްޔަރުކުރި ޑރ. އިސްމާއިލް ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް މި މައްސަލަ ބަލަމުންދާއިރު ކޯޓު އަމުރު ނެރުއްވި ގާޒީ އިބްރާހިމް ޒިހުނީ އާއި އެ ކޯޓުގެ އެހެން ގާޒީއެއް ކަމަށް ސަފްވަތު ހަބީބުގެ ބަޔާން ވެސް ވަނީ ނަގައިފަ އެވެ. އޭސީސީން ބަލާ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.
ބަންދުން ދޫކޮށްލުމުގެ އަމުރު ނެރެން ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމުގެ ވާހަކަތައް ފެތުރުމާ އެކު ޑރ. އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރިން ވިދާޅުވެފައިވަނީ އޭނާއަކީ އަބަދުވެސް މަސާޖުކުރަން ދާ މީހެއް ކަމަށާއި އެއީ އާއިލާއަށާއި ރަހުމަތްތެރިންނަށް ސިއްރުން ކުރާ ކަމެއް ނޫން ކަމަށެވެ.
މަސާޖުކުރާ ތަނުން އޭނާ ހައްޔަރުކުރިއިރު އަނބިކަނބަލުން އޮންނެވީ ނިދާފައި ކަމަށާއި ހެނދުނު އޭނާ ގެއްލިގެން ހޯދަމުންދަނިކޮށް އޭނާ ހައްޔަރުކުރިކަން ވެސް އެނގުނީ ކޯޓަށް ވެއްދުމުގެ ކުޑައިރުކޮޅެއް ކުރިން ކަމަށް ޑރ. އިސްމާއިލް ވިދާޅުވި އެވެ.
"މީހަކު މީހަކަށް ނުފޫޒު ފޯރުވާނެ ވަގުތެއް ނުލިބޭ. އަދި ނުފޫޒު ފޯރުވާކަށް ނުވެސް ޖެހޭ،" ޑރ. އިސްމާއިލް ވިދާޅުވި އެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ މިދިޔަ ހަފުތާގައި ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވައި އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގެއް ނުކުރައްވަ އެވެ.
ޖޭއެސްސީއަށް ހާޒިރުވާން އަޒްމިރަލްދާއަށް އަންގައިފި
ޖޭއެސްސީއަށް ހާޒިރުވާން އަޒްމިރަލްދާއަށް ޗިޓެއް ނުފޮނުވާ
ޖޭއެސްސީގެ އަޑުއެހުން އާންމުކޮށް ހުޅުވާނުލާން ނިންމައިފި
ޖޭއެސްސީގެ އަޑުއެހުން ހުޅުވާލަން އަޒްމިރަލްދާ އެދިއްޖެ
ގާޒީންނަށް ނުފޫޒު ފޯރުވި މައްސަލާގައި ބަޔާން ނަގަނީ
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ
އަޒްމިރަލްދާ އަދި މަހާޒުގެ އިތުރު ސުލޫކީ މައްސަލައެއް
"ތުހުމަތަކީ ނުފޫޒު ފޯރުވަން އުފައްދާފައިވާ ހާލަތެއް"
ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަނީ
ސުއޫދު، އަޒްމިރަލްދާ، މަހާޒު ސަސްޕެންޑުކޮށްފި